ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުގައި ހެކި ބަސް ދޭން ދެކޮޅު ހަދައިފި ނަމަ ތިން މަސް ދުވަހަށް ޖަލަށް!

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ މައްސަލަތަކުގައި ހެކި ބަސް ދިނުމަށް ކޯޓަށް ހާޒިރު ކުރާ މީހަކާއި ކުރާ ސުވާލުތަކަށް ދެކޮޅު ހަދައި އިންކާރުކޮށް، ހެކި ބަސް ދޭން ދެކޮޅު ހަދައިފި ނަމަ ތިން މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހެއްކާއި ބެހޭ ގަވައިދު ސުޕްރީމް ކޯޓުން އާންމުކޮށްފި އެވެ.

މިއީ ހެކި ބަސް ދިނުމަށް ދެކޮޅު ހަދާ މީހަކަށް މިފަދަ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަކަށް ލިބިދޭގޮތަށް ގަވައިދެއް އެކުލަވައިލި ފުރަތަމަ ފަހަރެވެ.

އަލަށް އަމަލު ކުރަން ފެށި ހެއްކާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ހެކި ބަސް ދިނުން ލާޒިމު ހާލަތްތައް ކަނޑައަޅައި ހެކި ބަސް ދިނުމަށް އަންގާ މީހުން އިންކާރުކޮށް، އެކަމަށް ދެކޮޅު ހަދައިފި ނަމަ އަމަލު ކުރަންވީ ގޮތުގެ ގަވައިދެއް ސުޕްރީމް ކޯޓުން އެކުލަވާލައި އާންމު ކުރަން ޖެހޭނެ އެވެ.

އެގޮތުން ކޯޓުން އާއްމުކޮށްފައިވާ ގަވައިދުގައި ވަނީ ޖިނާއީ މައްސަލައަކާއި ގުޅިގެން ޝަރީއަތަށް ޝަފަހީ ހެކިން ހުށަހަޅާނަމަ، އެ ހެކި ބަސް ދޭ މީހާގެ މައުލޫމާތުގެ އިތުރުން ހެކިބަސް ދޭ މީހާ ތަހުގީގު މަރުހަލާގައި ނުވަތަ ގާނޫނީ ވަކީލެއްގެ ކުރިމަތީގައި ދީފައިވާ ބަޔާނެއް ނުވަތަ އިންޓަވިއުގެ ރެކޯޑިން ހުށަހަޅަން އެންގުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. އަދި ބަޔާނުގައި ހެކި ބަސް ދޭ މީހާ އާއި ސުވާލު ކުރާ މީހާގެ ފުރިހަމަ ނަމާއި، ސޮއި އަދި އިނގިލީގެ ނިޝާން އޮންނަން ވާނެކަމަށް ވަނީ ބުނެފަ އެވެ.

ހެކި ބަސް ދިނުން ލާޒިމްކޮށް ގަވައިދުގައި ވަނީ ހެއްކާއި ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހެކި ބަސް ދޭ މީހަކަށް ހެކި ބަސް ދިނުން ލާޒިމު ކުރަން ވާނީ އެ ގަވައިދުގައިވާ ގޮތުގެ މަތީން ކަމަށެވެ.

އެގޮތުން ޝަރީއަތަށް ހުށަހަޅާ ހެކިން، ކޯޓުން ކަނޑައަޅާ ތާވަލާއި އެއްގޮތްވާ ގޮތެއްގެ މަތީން ޝަރީއަތަށް ހާޒިރު ކުރުމުން ހެކި ބަސް ދޭ މީހާ ހުށަހެޅި ފަރާތަށް ކޯޓަށް އެންގިދާނެކަމަށް ގަވައިދުގައި ވެއެވެ. އަދި ހެކި ހުށަހެޅި ފަރާތުން މަސައްކަތްކޮށްގެން ހެކި ބަސް ދޭ މީހާ ހާޒިރު ނުވެއްޖެ ނަމަ، އެ ހެކި ބަސް ދޭ މީހާ ހާޒިރުކޮށްދެން ކޯޓުގައި އެދެމުގެ ބާރު ގަވައިދުގެ ދަށުން ވަނީ ދީފަ އެވެ.

ހެކި ބަސް ދޭ މީހާ ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވާއިރު، އެ އަމުރަށް ފަހު ވެސް އެ މީހަކު ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރެވިދާނެ އެވެ.

ކޯޓަށް ހާޒިރުވެ ހެކި ބަސް ދޭ މީހާ، ނުވަތަ ބަންދުގައި ހުރެ ހެކި ބަސް ދޭން ކޯޓަށް ހާޒިރު ކުރާ މީހާ ދާއިރާގެ ތެރެއިން ކުރާ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދައި އިންކާރު ކުރާނަމަ، ނުވަތަ އެއްވެސް ޖަވާބެއް ނުދީފި ނަމަ ސުވާލަށް ޖަވާބުދޭން އެންގުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

“މި މާއްދާގެ (ވ) ގައި ވާގޮތުގެ މަތިން ކޯޓުން އަންގާ އެންގުމަށް ހެކި ބަސް ދޭ މީހާ އަމަލުނުކޮށްފި ނަމަ އެ މީހަކު ޝަރީއަތުގެ ނިޒާމާއި ހިލާފުވާފަދަ އަމަލެއް ކުރީކަމަށް ބަލައި ވަގުތުން އަދަބު ކަނޑައެޅުމުގެ އިހުތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެ އެވެ”

ގަވައިދުގެ 06 ވަނަ ނަމްބަރުގެ (ފ) ގައި ވަނީ ޝަރީއަތުގެ ނިޒާމާއި ހިލާފުވާފަދަ އަމަލެއް ކުރީ ޖިނާއީ މައްސަލައެއްގައި ނަމަ އެ މީހަކާއި މެދު އަދަބު ކަނޑައަޅާނީ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ކޯޓުތަކުގެ ގާނޫނުގައި އޮންނަގޮތުން، ޝަރީއަތުގެ ނިޒާމާއި ހިލާފުވާ މީހަކަށް ދެވޭ އަދަބަކީ ޔިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000 ރުފިޔާއިން ޖުރިމަނާ ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: