ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ ޖުމުލަ އަދަދުތައް ގުނަން މަޖިލީހުން ނިންމީ ގާނޫނުއަސާސީއާއި ހިލާފަށް: ސްޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ޖެނުއަރީ މަހުގެ 28 ގައި ބަންޑަރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ”މަޖިލީހުގެ ޖުމްލަ މެންބަރުން“ މި އިބާރާތަށް އެ މަޖިލީހުން މިހާރު ދިފާއިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއް ކަމަށް ބަޔާންކޮށްފައިވާއިރު މިއީ ގަނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ހިލާފު މާނަކުރުމެއް ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި، 87 ވަނަ މާއްދާއާއި، 88 ވަނަ މާއްދާ އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަކުރުމެއްކަމަށް ބުނެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ ގަވައިދުގެ މާއްދާތަކަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހްތިހާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ނިމުމަށް ފަހު ސުޕްރީމް ކޯޓުންވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށައަޅާއިފައިވާ މައްސަލައިގެ ހުކުމް ކޮށްފައެވެ. މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ ކޯޓުން ނިންމި ނަމަވެސް ޖުމުލަ މެންބަރުން ގުނާ ގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހަށް ގެނައި ގަވާއިދުގެ މާއްދާތައް އެ މަޖިލީހުން މިހާރު ބާތިލުކޮށްފައިވާތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ގާނޫނީ ހައްލެއް އެ ކޯޓުން ހޯދައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައިވަނީ ގާނޫނު އަސާސީގައި ވަކި ކަންކަން ނިންމަން އެކި އަދަދުތަކުގެ އަގުލަމިއްޔަތު ހިމަނާފައި ވަނީ ހައްސާސީ، އުސޫލީ ބޮޑެތި ކަންކަން މަދު ބަޔަކު ތިބެގެން ނިންމުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަޒްމިރަލްދާ ވިދާޅުވީ މެންބަރުންގެ ވިސްނުމަކީ ގާނޫނު އަސާސީގެ އުސޫލީ ކަންކަން މަދު ބަޔަކު ނޫނީ މަދު ސިޔާސީ ޖަމާއަތެއްގެ މަސްލަހަތުގައި ނިންމުމުގެ ފުރުސަތު ނުދިނުމަށް އަޅާފައިވާ ހިމާޔަތެއް ކަމަށެވެ.

“ހުސް ގޮނޑިތައް އެއީ ނެތް ދާއިރާތައް ކަމަށް ބަލާނަމަ، އެ ކަން ވާނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އެ ހިމާޔަތުގެ ފަށަލަ ތުނިވެގެން ދާނެ ކަމަކަށް” ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ހުރިހާ ފަނޑިޔާރުންވެސް ވަނީ އަޒްމިރަލްދާގެ ރައުޔަށް ތާއިދު ކުރައްވާފައެވެ.

ދައުލަތުގެ ފަރާތުން ފާތިމަތު ހަލީމް މައްސަލައިގެ އަޑުއެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއްގެ މައްޗަށް ސުޕްރީމް ކޯޓަށް ބަސް ނުބުނެވޭނެކަމަށް، ނުވަތަ އެއް ބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަންނަކަމަށް ދެކެވޭ ވާހަކައަށް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ ގަވައިދުގެ މާއްދާތަކަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހްތިހާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށެވެ.

މިގޮތަށް މަޖިލީހުން ނިންމާފައި ވަނީ، ލިބިގެންވާ ބާރުގެ ބޭރުންކަމަށްވާތީ މައްސަލަ ހުށަހެޅި ބައެއް ގާނޫނީ ސަބަބުތައް ފާހަގަކޮށް ފާތުމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ބަލާއިރު މިހާރު ކުރިޔަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 ކަމަށެވެ. އަދި މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް މަޖިލީހުގެ ޖުމްލަ މެމްބަރުން ނުހިމެނޭ ގޮތަށް ނިންމާފައިވާ ނިންމުމަކީ އެ މާއްދާގައި މަޖިލީހުގެ ކަންކަން ފާސްކުރުމުގައި އޮންނަން ޖެހޭ ގާނޫނީ އަދަދު ބަޔާން ކުރާ މާއްދާތަކާއި ތައާރަޒުވާ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވި އެވެ.

ފާތިމަތު ހަލީމް ވިދާޅުވި ގޮތުގައި މިއީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު ގަވައިދު ހެދުމުގައި، މަޖިލީހަށް ލިބިގެންވާ ބާރު ބަޔާންކުރާ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުގެ ބޭނުން ނިންމާފައިވާ ނިންމުމެކެވެ.

ސުޕްރީމް ކޯޓުގެ މައްސަލައާއި ގުޅިގެން މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަގުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އައިސް ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވި އެވެ. މިހާރު މަޖިލިސް ބެހިފައި އޮތް ގޮތުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން ލިބޭ 57 ވޯޓުން ރައީސް އަޒުލުކުރެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: