ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމު ގެންނަން އުޅޭނީ ވެރިކަން ލިބޭނެ ފޯމިއުލާއެއް ހޯދަން: ޑރ ޑީޑީ

ޑރ. ޑީޑީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް މަސައްކަތްކުރައްވަނީ ވެރިކަން ލިބޭނެ ފޯމިއުލާއެއް ހޯދުމަށްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ ރައީސް ނަޝީދު ކޮންމެ ގޮތަކަށް ވިދާޅުވީ ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދު އޮތީ ލިޔެވި ނިމިފައިކަމަށެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ނިންމުންތަކާއި ހިލާފަށް ޕާޓީގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް އަމަލުނުކުރެވޭނެކަމަށާއި، އަދި އެގޮތަށް އަމަލުކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދާއި ކަނޑައެޅިގެން ހިލާފުވުންކަމަށް ޑީޑީ ވިދާޅުވިއެވެ.

އެމްޑީޕީއަކީ ވަކި ބޭފުޅަކު ބޭނުންވެލައްވާހާ ގޮތަކަށް ކަންކަން ކުރުމަށް އޮތް ކުންފުންޏެއް ނޫންކަމަށާއި، އެމްޑީޕީއަކީ ޑީމޮކްރެޓިކް ހަމަތަކެއްގެ މަތިން ގަވާއިދެއްގެ ދަށުން ހިންގާ ޕާޓީއެއްކަމަށް ފާހަގަކޮށް ޑީޑީ ވިދާޅުވީ، ބޮޑު އަގުލަބިއްޔަތުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު އިންތިހާބުވެފައިވަނިކޮށް، ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވާ އެއާއި ދެކޮޅަށް މަސައްކަތްނުކުރެވޭނެކަމަށެވެ.

ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއިންވެސް މި މައްސަލަ ބަލާ އެބޭފުޅަކާއި ދޭތެރޭގައި އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭނެ މައްސަލައެއް މިއީ. އެހެން ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މި ޕާޓީގެ އިސްކޮށް ތިއްބަވާ ބޭފުޅުން އެބޭފުޅުން އިހުލާސްތެރިކަމާއި އޯގާތެރިކަމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ބައެއް ބޭފުޅުން އެބޭފުޅުނެ ބޭނުންވާހާ ގޮތަކަށް ކަންކަން ކުރައްވަމުން އެ ގެންދަވަނީ.

ޑީޑީ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ގެންދަވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އިހުލާސްތެރިކަމާއި އޯގާތެރިކަމުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. ނަމަވެސް ވަގުތު ޖެހުމުން ފިޔަވަޅު އަޅާނެކަމަށް ފާހަގަކޮށް، ޑީޑީ ތަކުރާރުކޮށް ވިދާޅުވީ ރައީސް ނަޝީދު ކުރައްވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފު، ފިޔަވަޅު އަޅަންޖެހޭ މަސައްކަތްތަކެއްކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް ރައީސް ނަޝީދު ހުށައަޅުއްވާފައިވާ ހުށައެޅުންތަކާއިއެކު، ރައީސް ނަޝީދަށް ގާސިމް އާއިއެކު މަސައްކަތްކުރެވިދާނެތޯ ސުވާލުކުރުމުން ޑީޑީ ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ގާސިމްގެ ތާއިދު ނެތްކަން ވަރަށް ސާފުކޮށް މީޑީއާއަށްވެސް އެނގިގެންދިޔަކަމަށެވެ.

ރައީސް ނަޝީދު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތްކުރާ ސަބަބާއި ގުޅޭ ގޮތުން ސުވާލުއުފައްދާ، ޑީޑީ ވިދާޅުވީ ރާއްޖޭގައި އޮތް ނިޒާމާއި މެދު ރައްޔިތުން ހިތްހަމަނުޖެހިގެން ނޫޅޭކަމަށެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލަގައްޔޫމްގެ ވެރިކަމުގައި ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓު ނެގިއިރު، ވޯޓުލުމުގެ މިނިވަންކަން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާތީ ރައްދުދެއްވާ ޑީޑީ ސުވާލުއުފެއްދެވީ އޭރު އެހެން ކަން އޮތްއިރު، 2008 ވަނަ އަހަރު ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ނަޝީދު އެ ވޯޓު ނުނެންގެވީ ކީއްވެގެންތޯއެވެ.

އޭނާއަކީ ރައީސް ނަޝީދުގެ ކެބިނެޓުގައި ހުންނެވި މީހެއްކަމަށް ފާހަގަކޮށް، ޑީޑީ ވިދާޅުވީ ދުވަހަކުވެސް ނިޒާމީ ވޯޓެއް ނެގުމާއި ގުޅިގެން މަޝްވަރާއެއް ކޮށްފައިނުވާކަމަށެވެ. ރައްޔިތުންގެ ތާއީދާއިއެކު ދެން ވެރިކަމަށް ވަޑައިނުގަނެވޭނެކަން ރައީސް ނަޝީދަށް އިނގޭކަމަށާއި، އެހެންކަމުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ހޯދުނު ގޮތަކަށް ވެރިކަން ހޯދުމަށްކަމަށް ދޭހަވާފަދަ މޭރުމަކުން ޑީޑީ ވާހަކަދެއްކެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: