ޗާގޮސްގެ މައްސަލަ މަޖިލީހާއި ހިއްސާނުކޮށް ސިޓީއެއް ފޮނުވުމަކީ ގާނޫނު އަސާސީއާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޗާގޮސްގެ މައްސަލައިގައި މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި އަލީ ހުސައިން ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭގޮތުން އެއްވެސް ޝައްކެއް ނުވަތަ ވަހުމެއް އުފެދޭ ޒާތުގެ ސިޓީއެއް ފޮނުވާކަމަށްވާނަމަ، އެކަން މަޖިލީހުގެ ބަހެއްނެތި ފޮނުވައިގެން ނުވާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް މަޖިލީހަށް ނުފޮނުވާ ހިއްސާނުކޮށް މިބާވަތުގެ ސިޓީއެއް ފޮނުވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ވަރަށްބޮޑު ގޯސްކަމެއް ގާނޫނުއަސާސީއާ ހިލާފަށް ކުރެއްވި ކަމެއް. ދެން މިހާރު އަޅުގަނޑުމެންނަށް މި އިނގެނީ މެދުން ދަމާލެވޭ ރޮނގެއްގެ ވާހަކަ.
އަލީ ހުސައިން ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި މެދުންދަމާލެވޭ ރޮނގާ ހިސާބަށް ނުދާ ކަމަށެވެ.
ފޯޅަވައްސަކީ މިނިވަން ދައުލަތެއް ނޫން. ފޯޅަވަހީގައި މަސްވެރިކަން ކުރާ މީހުންނެއް ނޫޅޭ. ދިވެހިންނަކީ ޒަމާނުއްސުރެ މަސްވެރިކަން ކުރާ ބައެއް. ފޯޅަވައްސާއި މުޅި އިންޑިއާ ކަނޑުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ބަޔަކީ ދިވެހިން. އެހެންވީމަ ދިވެހިންނަށް 200 ނޯޓިކަލް މޭލް ނުލިބޭ ގޮތަށް މި މައްސަލަ ނިމިއްޖެ ކަމަށްވާނަމަ އަޅުގަނޑު ދަންނަވާނީ މި ސަރުކާރަކީ މި ފަހުގެ ތާރީހެއްގައި ޣައްދާރުވި ސަރުކާރެއްގެ ގޮތުގަައި ތާރީހުގައި ލިޔެވިގެންދާނެއޭ.
އަލީ ހުސައިން ވިދާޅުވީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން ބައެއް ގެއްލިގެން ގޮސްފިނަމަ ތާރީހުގައި ސަރުކާރަކީ ޣައްދާރުވި ބައެއް ކަމަށް ލިޔެވިގެންދާނެ ކަމަށެވެ.

