ލ އަތޮޅު ކުނަހަންދޫ އަދި ހިތަދޫ ގުޅުވާލުމަށްޓަކައި ބިނާކުރުމަށް ކަނޑައެޅިފައިވާ ކޯޒްވޭ ގެ އަމަލީ މަސައްކަތްތައް ފެށިފައިނުވާތީ އެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ގޮވާލައި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގަރާރެއް ހުށައަޅުއްވައިފިއެވެ.
ސައީދުވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސައްކަތްތައް ކުރުމުގައި ގެންގުޅެމުންދާ ދުވެއްޔާއިމެދު ހިތްހަމަނުޖެހުންތައް ހުރިކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު އަކީ ހިކިފަސްތަނަކަށް އަރާވަޑައިގެންނެވޭ ކޮންމެ ފުރުސަތެއްގައި އެކި ވައުދުތައް ވެވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. އެހެންނަމަވެސް ވައުދުވެވަޑައިގަންނަވާ ކަންކަމުގެ އަމަލީ މަސައްކަތްތައް ފެނިގެން ނުދާކަމަށް ސިފަކުރައްވާ އޭނާ ވަނީ ރައީސް ސާލިހު ”ރިއެކްޓު“ ނުކުރައްވާކަމަށް ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ، ކޮންމެ އަހަރަކުވެސް އެ މަސައްކަތްތައް ބަޖެޓު ކުރެވިގެންދާކަމަށެވެ. އެހެންނަމަވެސް ކުނަހަންދޫ އަދި ހިތަދޫ ދެމެދުގައި އޮންނަނީ 100 މީޓަރުވެސް ހަމަނުވާ ކުޑަ ސަރަހައްދެއްކަމަށާއި، އެ މަސައްކަތްތައް ނުކުރެވި ފަސް އަހަރު ދުވަސް ހޭދަވެފައިވުމާއިއެކު އެ މައްސަލަ ގަރާރެއް ގޮތުގައި ހުށައަޅުއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހިކިފަސްތަނަކަށް އެރޭ ކޮއްމެ ފަހަރަކު ރސޯލިހު ވަޢުދުވެވަޑައިގެންފަ ދެން ރިއެކްޓް ނުކުރައްވަނީ. ކޮއްމެއަހަރަކު ބަޖެޓްކުރޭ، 100މީޓަރު ހަމަނުވާ ކުޑަކުޑަ ތަންކޮޅެއް ބައްދާނުލެވިގެން 5އަހަރު. މާދަމާ މިމައްސަލަ އަނެއްކާވެސް ޤަރާރެއްގެ ގޮތުގައި އަޅުގަނޑު ހުށައަޅަން pic.twitter.com/fJWpnjYmMF
— Mohamed Saeed (@em_saeed) April 26, 2023
ސައީދު ހުށައެޅުއްވި ގަރާރުގައި ވިދާޅުވެފައިވާގޮތުން، ކުނަހަންދޫ އަދި ހިތަދޫ ގުޅުވައިދެއްވުމަށް ރައީސް ސާލިހު ވައުދުވެވަޑައިގަތީ ރިޔާސީ ކެމްޕެއިންގެ ތެރެއިންކަމަށެވެ. އެނާ ވިދާޅުވީ، ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ މަސައްކަތްތަކުގައި އެ ރަށްތަކުގެ ރަށްވެހިން އެއް ރަށުން އަނެއް ރަށަށް ގޮސް ހަދައެވެ. އެހެންކަމުން ކޯޒް ވޭ ބިނާ ކުރުމަކީ އެ ރަށްތަކުގެ އިގްތިސާދާއި ގުޅިފައިވާކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ނިމުމާއި ގާތްވެފައިވާއިރު، އެ މަސައްކަތްތައް އެއްވެސް މިންވަރަކަށް ކުރެވިފައިނުވުމުން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންކަމުން އެ ދެ ރަށް ގުޅުވައިދިނުމަށްޓަކައި ވެވަޑައިގެންފައިވާ ވައުދު ފުއްދައި ދެއްވުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ހުށައަޅުއްވާކަމަށް ބުނެފައިވެއެވެ.

