ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްތަކަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުރަސްއަޅުއްވަމުންދާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ކޮތަޅަކުން 2 ރުފިޔާ ނެގުމަށް ނިންމުމާއިއެކު ސަރުކާރަށްވަނީ އިދިކޮޅާއި އާންމުންގެވެސް ފާޑުކިޔުންތައް އަމާޒުވެފައެވެ. ކުނި މެނޭޖު ކުރުމުގެ ސިޔާސަތުތައް އިސްލާހު ކުރުމަށް ގޮވާލަމުންދާ އަޑުތައް ގަދަވެފައިވާއިރު، ސަރުކާރުންވަނީ އުފެދިފައިވާ މައްސަލައިގެ ޒިންމާ އެޅިފައިވަނީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކަމަށް ސިފަކުރައްވާފައެވެ. ސަރުކާރުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރު ޝަރީފްވަނީ ކޮތަޅުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމައް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ޖަލްސާއެއް ނިމިގެންދިޔައިރު، އެ މައްސަލައަށް ހައްލެއް ލިބިފައިނުވާއިރު، ނުރުހުން ފާޅުކުރައްވާ ޝަރީފް ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި ގޮތުން، މަޖިލީހުގެ ވަގުތު އިތުރުކޮށްގެން ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އިސްލާހު ގެނެވިފައިނުވާނީ ރައީސް ނަޝީދުގެ ސަބަބުންނެވެ. އެގޮތުން އެމަނިކުފާނު އެ މަސައްކަތްތައް ކުރެއްވުމަށް ފުރުސަތު ނުދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
Majlis ge vaguthu ithuru koggen kuni manage kurumuge gaanoonu islaahu kurumuge furusath @MohamedNasheed nudhevvee kothalhuge masala hallu viya nudhee rayyithun ithurah rulhi aruvan, Lahun namaves alun Majlis hulhuvuneemaa sarukaarun husha ehi islaahu faas kuraanan.IA
— Ibrahim Shareef (@AdduShareef) April 26, 2023
ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ފުރުސަތު ދެއްވާފައިނުވަނީ މައްސަލަ އިތުރަށް ގޯސް ކުރެއްވުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު އެގޮތަށް އަމަލުކުރެއްވީ ރައްޔިތުންގެ ތެރޭގައި ސަރުކާރަށް އިތުރަށް ރުޅިވެރިކަން އުފެއްދުމަށްޓަކައިއެވެ. ޝަރީފް ވިދާޅުވީ، ލަސްވެގެންދިޔަ ނަމަވެސް މަޖިލީސް ޗުއްޓީ ނިމި އަލުން ހުޅުވުމުން ސަރުކާރުން ހުށައަޅާފައިވާ އިސްލާހު ފާސްކުރައްވާނެކަމަށެވެ.

