ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަކީ ހިޔާނާތްތެރިއެއް، މޮރިޝަސްއަށް ސިޓީ ފޮނުވީ ލިބިގެން ނުވާ ބާރެއް ބޭނުންކޮށްގެން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޕްރެސްކޮންފަރެންސެއްގައި/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން އިޓްލޮސްއަށް ސިޓީއެއް ފޮނުވުމުގެ މަގުސަދަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ އިހުސާސްތަކާއި ދެކޮޅަށް ޗާގޮސްގެ މައްސަލައިގައި އަމަލުކުރައްވަމުންދާކަން އެންގުންކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން ގެންގުޅުނު ވިސްނުން ބަދަލުކޮށްފައިވާކަމަށް މިދިޔަ ހަފްތާގެ ތެރޭގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ހާމަކުރައްވާފަ އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ސަރުކާރުން ދިފާއުގައި ބުނެފައި ވަނީ ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާކަމަށް ތަކުރާރުކޮށް ސަރުކާރުން ބުނެފައި ވަނީ، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރަން ނިންމީ އެއީ ބައިނަލްޣުގުވާމީ މުޖުތަމައުގެ ވިސްނުން ކަމަށް ވާތީ އެ ވިސްނުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި ބުނެފައި ވަނީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތުކަަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ ގައި ރާއްޖެއިން ވޯޓު ދޭނެކަމަށެވެ.

މި ނިންމުމުގެ ފަހަތުގައި ސިއްރު ޑީލްތަކެއް ވާކަމަށް އެކި ގޮތްގޮތުން ތުހުމަތު ކުރެވެމުން ދަނިކޮށް، އެކަމާއި ގުޅޭ ސުވާލުތައް ބޭރުގެ މީޑިއާތަކުން ވަނީ އުފައްދަން ފަށާފަ އެވެ. އަދި ރާއްޖެ މެދުވެރިކޮށް ޑިއޭގޯ ގާސިއާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް މޮރިޝަސްއަށް ފޮނުވި ސިޓީގައި ވާކަމަށް ވާހަކަތައް ދެކެވެން ފެށުމުން ގިނަ ބަޔަކު ދަނީ މިއީ ނުރައްކާތެރިކަމެއްގެ ގޮތުގައި ފާހަގަ ކުރަމުންނެވެ.

ރައީސް ސޯލިހު މޮރިޝަސް ބޮޑުވަޒީރަށް ސިޓީ ފޮނުވީ ލިބިގެން ނުވާ ބާރެއް ބޭނުންކޮށްގެންކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އަދި އެ ސިޓީ ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހަދަނީ ވެސް އެ ސަބަބާއި ހުރެކަމަށް ތުހުމަތުކޮށް ރިޝްވަތުގެ ނެންގެވިކަމަށް ވެސް ވަނީ ބުނެފަ އެވެ. 500 މިލިއަން ޑޮލަރުގެ ތުހުމަތު ކުރެވޭ މި މައްސަލައިގައި އިދިކޮޅުން ވަނީ މި ހަފްތާގައި އިޓްލޮސްއަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި އެދިފައި ވަނީ މައްސަލަ ރަނގަޅަށް ބެލުމަށެވެ. އަދި ގޮތެއް ނިންމުން މަޑުޖައްސާލުމަށް ވެސް އެދިފައި އެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި އަބްދުލްރަހީމް ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި އިދިކޮޅުން އިޓްލޮސްއަށް ސިޓީއެއް ހުށައެޅުމުގެ ބޭނުމަކީ ރައީސް ސާލިހުގެ ސަރުކާރުގެ ސްޓޭންޑާއި އިދިކޮޅުން އެއްބަސްވުނާކަން އެންގުންކަމަށެވެ. އޭނާ ވިދާޅުވީ، ސިޓީއެއް ފޮނުވީ ރައީސް ސާލިހުގެ ސްޓޭންޑަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ތާއީދު ނުކުރާކަން އަދި އެކަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފަށްކަން އެންގުންކަމަށެވެ. އޭނާ ވިދާޅުވީ، މީގެ ކުރިންވެސް އިދިކޮޅުން ވާނީ މި މައްސަލައިގައި އެކި ގޮތް ގޮތުން ހައްލެއް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިކަމަށެވެ.

އެހެންނަމަވެސް މިހާރު ގޮތެއް ނިންމުމާއި ގާތްވުމުން ސިޓީއެއް ހުށައެޅީ ރައީސް ސާލިހަށް ލިބިވަޑައިގެން ނުވާ ބާރެއް ބޭނުންކުރައްވައިގެން އުޅުއްވާކަން އެންގެވުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަބްދުލްރަހީމް ވިދާޅުވީ، އިދިކޮޅުން ބޭނުންވަނީ ރައީސް ސާލިހު ގާނޫނުއަސާސީ އާއި ހިލާފަށް އަމަލުކުރައްވާފައިވާކަން އިޓްލޮސްގެ ސަމާލުކަމަށް ގެނައުމަށްކަމަށެވެ.

ރައީސް ޔާމީންގެ ދައުރުގައި ޗާގޮސްގެ މައްސަލައިގައި ވަކާލާތު ނުކުރައްވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވާކަމަށް އަބްދުލްރަހީމް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ކުރާ ކޮންމެ ނުރަނގަޅު ކަމެއް ނުވަތަ “ވައްކަމަކަށް” ފަހު ރައީސް ޔާމީންގެ ވެރިކަމުގެ ވާހަކަތައް ދައްކަވާކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުން މި ސަރުކާރުން އެ ވާހަކަތައް ބޭނުންކުރައްވަނީ ކުރެވޭ ސުވާލުތަކުން ރެކުމަށްޓަކައި ބަހަނާއެއްގެ ގޮތުގައެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ފޯޅަވަހި ދިވެހިންނަށް ގެއްލިގެންދާނެ ގޮތަށް ނަންގަވާފައިވާ ފިޔަވަޅެއް މިނިސްޓަރު ޝާހިދަށް ނުދެއްކޭނެކަމަށެވެ. އަބްދުލްރަހީމް ވިދާޅުވީ، މިނިސްޓަރު ޝާހިދަކީ ރާއްޖެއަށް ހިޔާނާތްތެރިވެފައިވާ ފަރާތެއްކަމަށެވެ. އޭނާ ވިދާޅުވީ، މިނިސްޓަރު ޝާހިދަކީ ދިވެހި ގައުމު ދެކިފައިނުވާވަރުގެ ގައްދާރެއްކަމަށެވެ. އޭނާ ވިދާޅުވީ، މިނިސްޓަރު އޭނާއާއިއެކު އެއް މޭޒަކަށް މަޝްވަރާއަކަށް އަރާވަޑައިގެންފި ހާލަތެއްގައި މިނިސްޓަރުގެ ސިފަތައް ހާމަކުރައްވާނެކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ދައުރުގައި ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދާ ގޮތަށް ނިންމާފައިވާ ނިންމުމެއް ނުދެއްކޭނެކަމަށެވެ. އޭނާ ވިދާޅުވީ، މިނިސްޓަރު ޝާހިދު އަދި ރައީސް ސާލިހު އާއި މި ސަރުކާރުގައި އިސްކޮށް ތިއްބަވާ އެންމެހާ ފަރާތްތަކުންވަނީ ދިވެހިރާއްޖޭގެ އަންނަނިވި ޖީލުތަކަށްވެސް ހިޔާނާތްތެރިވެވަޑައިގެންފައިކަމަށެވެ. އަބްދުލްރަހީމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށްވުރެ ބޮޑަށް ހިޔާނާތްތެރިވި އެއްވެސް ވެރިކަމެއް ދިވެހި ތާރީހު ދެކިފައިނުވާކަމަށެވެ.

ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ދެ ގައުމެއްގެ ސަރުކާރާއި ދެމެދު ދެކެވޭ ވާހަކަތައް ހާމަ ނުކުރެވޭނެ ކަމަށެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ނިންމުމާއި އެއްގޮތަށް ޗާގޯސް މޮރިޝަސް އާއި ހަވާލު ކުރުމަށް ގޮވާލާ ގަރާރާއި ދެކޮޅު ހަދަމުން އައުމަށް ފަހު ރާއްޖެއިން އެ ނިންމުން ބަދަލު ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ އެއްބަސްވުމެއްގެ ދަށުންކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ރާއްޖޭގެ ވިސްނުން ބަދަލު ކުރަން ޖެހުނީ، އެކަމުގެ ތެރެއަށް އަވައްޓެރި އިންޑިއާ ގަދަ ގައުމެއްގެ ނުފޫޒުންކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

ކަނޑުގެ ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައިގައި ސްޓޭންޑު ބަދަލު ނުވާކަމަށް ބުނެ، ޗާގޯސް އިސްތިއުމާރު ކުރުމާ ދެކޮޅަށް ސަރުކާރުން ވޯޓު ދޭނެކަމަށް ނިންމި ނިމްމުން ދިފާއުކޮށް ބަޔާންތަކާއި ޕްރެސްތަކެއް ވަނީ ބާއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: