ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ މައްސަލައިގެ އެކްސްޕާޓުން ރިޕޯޓު؛ ކުރީ ސަރުކާރުން އަމަލު ކުރީ ޒިންމާދާރުކަން ކުޑަގޮތަކަށް!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީ ލިމިޓްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށްކަމަށްކަމަށް ގާނޫނީ ލަފާ ހޯދުމަށް އައްޔަނު ކުރި އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ ލިބިފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި އެކު އެކުލަވާލާ ރިޕޯޓު ކަރުދާހުގެ ފުރަތަމަ ކޮޕީ ލިބިފައިވާތީ، އެ މައުލޫމާތުތައް އޭޖީ އޮފީހުން ހާމަކުރި ނަމަވެސް މާބޮޑު ތަފްސީލެއް އެ އޮފީހުން ނުދެ އެވެ. ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ވެފައިވާ ވައުދުގެ ދަށުން މިއަދު އެ މަސައްކަތަށް ޓީމެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީ އާންމު ކުރީ މިދިޔަ ޑިސެމްބަރު މަހު 19 ގަ އެވެ.

ދިވެހި ސަރުކާރުން މި ސިޓީ އާންމު ކުރިއިރު ކުރިން ތުހުމަތު ކުރި ގޮތަށް ކަނޑުން ބައެއް ދޫކޮށްލުން ނުވަތަ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް އެއްބަސްވާ މޭރުމެއް ހިމަނާފައި ހުރި އެއްވެސް ވާހަކައެއް ނެތެވެ. އެ ސިޓީގައި ވަނީ ޗާގޮސްގެ މައްސަލައިގައި އދ. ގައި ރާއްޖެއިން ވޯޓު ދޭން ނިންމާފައި ވަނީ މޮރިޝަސްއާއި އެއްކޮޅަށްކަމަށާއި، އޭގެ ސަބަބަކީ ގައުމުތައް އިސްތިއުމާރު ކުރުމާއި ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމުގެ މައްޗަށް ނިންމި ނިންމުމެއް ކކަމަށެވެ.

މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން އާންމު ކުރި ބަޔާނުގައި ބުނީ ގާނޫނީ ލަފާ ހޯދުމަށް އައްޔަނު ކުރި އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ ލިބިފައިވާ ކަމަށެވެ. އަދި އެ ލަފާތަކުގެ މައްޗަށް ބިނާކޮށް، މި މަސައްކަތް ކުރުމަށް ބަންޑާރަ ނައިބު އުފައްދާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓު ވެސް ލިބިފައިވާއިރު ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ތަޖުރިބާކާރެއްގެ ހައިސިޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތްވެސް ކުރަމުން ގެންދާކަން ފާހަގަކުރި އެވެ.

މި މައްސަލައިގައި ގާނޫނީ ލަފާ ހޯދުމަށް އައްޔަނު ކުރި ތަޖުރިބާކާރުން މިހާތަނަށް ދެއްވި ލަފާ އަދި ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓްގެ އިތުރުން، މި މައްސަލައިގެ ލިޔެކިޔުންތަކުން ފާހަގަ ކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ، ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް މުއާހަދާގެ އާޓިކަލް 287 އާއި އެ މުޢާހަދާގެ އެނެކްސް VII ގެ ދަށުން، ދިވެހިރާއްޖެ އާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީ ލިމިޓްކޮށްދިނުމަށް އެދި 18 ޖޫން 2019 ވަނަ ދުވަހު، މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާއެކު މައްސަލައިގެ ފުރަތަމަ މަރުޙަލާތަކުގައި ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށްކަމަށް ބުނެފައި ވުމެވެ. އަދި މި މައްސަލަ އިޓްލޮސްގައި ކުރިޔަށް ދިޔައިރު ނިމިދިޔަ ސަރުކާރުން ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާޢުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވާކަމާއި، އަދި މި މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް ޢަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމެވެ.

ދިވެހިރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށްބުނެ ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދިފާޢުތަކުގެ ސަބަބުންނާއި، އެ މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވީނަމަވެސް، މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިޢާޔަތްކުރި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެއަށް ޢަމަލުކުރުން ލާޒިމުވާ ނިންމުމެއްކަމުގައި ނުވެފައި، މިހާރުވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއްކަމުގައި ނުވާތީއާއި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންގެ މައްޗަށާއި ޔޫ.އެން. ޖެނެރަލް އެސެމްބްލީގެ ރެޒޮލޫޝަންގެ މައްޗަށް ބިނާކޮށް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާކަމަށް ބަލައި އިޓްލޮސްގައި މިމައްސަލަ ކުރިއަށް ގެންގޮސް، ސިޔާދަތީ ބާރުގެ މިލްކުވެރިކަމާމެދު ޚިލާފު އުފެދިފައިވާ ސަރަހައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެންވާ ތަނެއްކަމަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫންކަމާއި، އެއީ އިޓްލޮސްއަށް ޤާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދޭތީ އާއި، މި ސަބަބުތައް މިހެން ހުރުމުން އެ ނިންމުން އެއޮތްގޮތަށް ތަންފީޛުކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ޚަބީރުން ވަނީ ލަފާދެއްވާފައެވެ. އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން މި އޮފީހުން މިއަންނަނީ ކުރަމުންނެވެ.

އަދި މީގެ އިތުރުން، މި މައްސަލަ ކުރިޔަށްގެންދިއުމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ވަޒީރުންގެ މަޖިލީހަށް ހެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަމުގައި ދަންނަވަމެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވަންޖެހޭ ކަންކަން ނިންމެވުމާއެކު، މި މައްސަލައިގެ އިތުރު ތަފްޞީލުތައް ޢާންމުކޮށް ހިއްސާކުރާނެކަމުގައިވެސް ދަންނަވަމެވެ.

 މި މައްސަލައިގައި އޭރު ބަންޑަރަ ނައިބުކަން ކުރެއްވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ސަރަހައްދީ އިމުގެ މިން ކަނޑައެޅިފަިއވާއިރު، ރާއްޖޭގެ ދެކުނުން 200 ނޯޓިލަކް މޭލަށްވުރެ އެ ސަރަހައްދު ހަނިވާ ކޮންމެ ފޯރމިއުލާއެއް، ކޮންމެ ވާހަކައެއް އަދި ނިންމާ ކޮންމެ ގޮތަކީވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރު ކަނޑައެޅިފައިވާ ވަރަށްވުރެ އުނިވާ އުނިވުމެއް ކަމަށެވެ. އަދި އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުން ގެއްލުންތަކެއް ލިބިގެންދާކަމަށާއި، ފައިދާއެއް ލިބިގެންދާކަމަށް ބެލެވެން ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: