ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ މައްސަލައިގައި ރައީސް ސޯލިހު މޮރިޝަސް ބޮޑުވަޒީރަށް ފޮނުވި ސިޓީ އާންމުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރާއެކުގައި--
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި ފޮނުވި ސިޓީ ސަރުކާރުން އާންމުކޮށްފި އެވެ.

ޗާގޯޒްގެ މި މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދުގައިވާ މައްސަލައެކެވެ. 2010 ގައި ”ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް“ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން އެކަމަށް އިއުތިރާޒުކޮށް އެކަން އދ. ގެ ސެކްރޭޓަރީ ޖެނެރަލަށް ހުށަހެޅީ މޮރިޝަސްއިންނެވެ. އދ އަށް ހުށަހެޅި އެ މައްސަލައިގައި މޮރިޝަސްއިން އިއުތިރާޒު ކުރީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އެވެ. އަދި ރާއްޖޭން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެފައި ވެއެވެ. އެއަށްފަހު ރައްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާއި، ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާއި މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް މޮރިޝަސްއިން ރާއްޖެއަށް ގޮވާލިއެވެ.

އިޓްލޮސްއަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި މައްސަލަ ހުށަހެޅީ މޮރިޝަސް އާއި އީއީޒީ ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ. މައްސަލައިގައި އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު، މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މަޢުޟޫއީ ގޮތުން ބެލޭނެ މައްސަލައެއްކަމަށް ނިންމީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލައިގައި ކުރީ ސަރުކާރުގެ ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި މޮރިޝަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް އެ ސަރަހައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނެކަމަށެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީއެއް ފޮނުވިކަން ހާމަކުރީ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިޓްލޮސް ހުށަހަޅާފައިވާ މައްސަލައިގެ ސްޓޭންޑު ބަދަލުކޮށް އެކަމުގެ މައުލޫމާތު ހާމަކުރި ދުވަހު، އޭރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ. އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލުކޮށް އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގައި ހިމެނޭ ވާހަކަތަކާއި ގުޅޭގޮތުން ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވުމުން ވެސް ސަރުކާރުން އެ މައުލޫމާތުތައް ހާމަކުރަން ދެކޮޅު ހެދީ ދެ ގައުމުގެ ހެޑް އޮފް ސްޓޭޓުންގެ މެދުގައި ދެކެވޭ ވާހަކަތައް ހާމަނުކުރެވޭނެކަމަށް ބުނެ އެވެ.

ބައިނަލްއަޣްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު އޭރު ވެސް ރައީސް ސޯލިހާއި ސުވާލު ކުރެވުނެވެ. އެކަމަކު މައުލޫމާތުތައް ދޭން ތަކުރާރުކޮށް ދެކޮޅު ހެދުމަށް ފަހު، އެ ސިޓީކަމަށް ބުނާ ލިއުމެއް އާންމުވުމާއި އެކު އެއީ ތެދެއްކަމަށް ސަރުކާރުން ބުންޏެވެ. އޭގެ ކުރިން އާންމުވި ލިއުންތަކުގައި ހަގީގަތެއް ނެތްކަމަށް ބުނުމަށް ފަހު ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް އެ ސިޓީ ލީކު ކުރީ ސަރުކާރުން އަމިއްލައަށްކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ކުރީގެ ބަންޑާރަ ނައިބުން ހިމެނެހޭން މި މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް، ރިފްއަތާއި ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެއްދި އެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ. އެކަމަކު ރާއްޖެއަށް ބޮޑުބައި ލިބެން ވަކާލާތު ކުރެވެން އޮއްވައި ގަސްތުގައި އެ ގޮތް ދޫކުރީކަމަށް ތުހުމަތު ކުރެވެ އެވެ.

ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ވެފައިވާ ވައުދުގެ ދަށުން މިއަދު އެ މަސައްކަތަށް ޓީމެއ އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ސިޓީ އާންމުކޮށްފަ އެވެ. ދިވެހި ސަރުކާރުން މި ސިޓީ އާންމު ކުރިއިރު ކުރިން ތުހުމަތު ކުރި ގޮތަށް ކަނޑުން ބައެއް ދޫކޮށްލުން ނުވަތަ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް އެއްބަސްވާ މޭރުމެއް ހިމަނާފައި ހުރި އެއްވެސް ވާހަކައެއް ނެތެވެ. އެ ސިޓީގައި ވަނީ ޗާގޮސްގެ މައްސަލައިގައި އދ. ގައި ރާއްޖެއިން ވޯޓު ދޭން ނިންމާފައި ވަނީ މޮރިޝަސްއާއި އެއްކޮޅަށްކަމަށާއި، އޭގެ ސަބަބަކީ ގައުމުތައް އިސްތިއުމާރު ކުރުމާއި ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމުގެ މައްޗަށް ނިންމި ނިންމުމެއް ކކަމަށެވެ.

މި މައްސަލައިގައި އޭރު ބަންޑަރަ ނައިބުކަން ކުރެއްވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ސަރަހައްދީ އިމުގެ މިން ކަނޑައެޅިފަިއވާއިރު، ރާއްޖޭގެ ދެކުނުން 200 ނޯޓިލަކް މޭލަށްވުރެ އެ ސަރަހައްދު ހަނިވާ ކޮންމެ ފޯރމިއުލާއެއް، ކޮންމެ ވާހަކައެއް އަދި ނިންމާ ކޮންމެ ގޮތަކީވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރު ކަނޑައެޅިފައިވާ ވަރަށްވުރެ އުނިވާ އުނިވުމެއް ކަމަށެވެ. އަދި އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުން ގެއްލުންތަކެއް ލިބިގެންދާކަމަށާއި، ފައިދާއެއް ލިބިގެންދާކަމަށް ބެލެވެން ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުމަކީ، ދިވެހިންނަށް ފައިދާ ހުރި ގޮތްކަމަށް ސަރުކާރުން ބުނެފައި ވާތީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ބަންޑަރަ ނައިބުކަން ކުރެއްވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ، އެ ގޮތަކީ ރާއްޖެއަށް ފައިދާއެއް ހުރި ގޮތެއް ނުންކަމަށް ތަކުރާރު ކުރައްވާފައެވެ.

އިޓްލޮސްގެ ނިންމުމަކީ ނިހާއީ ހުކުމަކަށް ވާތީ، އިތުރަށް އިސްތިއުނާފު ނުކުރެވޭނެކަމަށް ރިފްއަތު ވިދާޅުވުމުން އެކަމަށް ވެސް ރައްދު ދެއްވާފައި ވެއެވެ.

ޓްރައިބިއުނަލްގެ އިޖުރާއީ، އުސޫލުގެ 126 ވަނަ މާއްދާގައި ވަނީ އިޓްލޮސްގެ ނިންމުމެއް އެ ދާއިރާ ނުވަތަ މާނައާއި މެދު ހުސޫމަތެއް އުފެދޭ ހާލަތެއްގައި އެ މައްސަލައިގެ ނިންމުން ތަފްސީރު ކުރަން ހުށަހެޅޭނެ ކަމަށެވެ. އެކަމަކު އެއަށް ރައްދު ދެއްވައި ނޫސްވެރިންނަށް އާޒިމާ ވިދާޅުވެފައި ވަނީ 127 ވަނަ މާއްދާގެ ދަށުން ހުކުމް ކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ހަސްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާގިއާއެއް އެނގިއްޖެ ހާލަތެއްގައި އިޓްލޮސްގެ ނިންމުމެއް މުރަޖައާ ކުރަން ހުށަހެޅިދާނެ ކަމަށެވެ.

ޗާގޮސްގެ މައްސަލައިގައި އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ، ކަނޑުގެ ބައެއް ގެއްލުނުކަމަށް ބުނެ ވާހަކަތައް ދައްކަވަނީ ސިޔާސީ ބޭނުމެއްގައިކަމަށާއި ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލޭފަދަ އެއްވެސް މަޝްވަރާއެއް ނުވަތަ ޑީލެއް ހިނގާފައި ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
41%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 9%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: