މީގެ އަށް އަހަރު ކުރިން 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ”ސަންގު ޓީވީ“ އިން ސަންގު ފުމެންފެށީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސްދިނުމުގެ ވަރުގަދަ އަޒުމުގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައި ވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބުނެފައި ވަނީ ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. މީގެތެރޭގައި ހަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެ ކަމަށް ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ.
”ސަންގު ޓީވީ“ އަށް މިއަދު އަށް އަހަރު ފުރިގެންދާ މި އުފާވެރި މުނާސަބާ ފާހަގަ ކުރަމުންދާއިރު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިދެންނެވި ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން މިކުރި އަށް އަހަރުގެ ދަތުރުގައި ލިބުނު ހިތާމައާއި އުފާ ތިޔަ ލޮބުވެތި ބެލުންތެރިންނާ ހިއްސާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ”ސަންގު“ ގެ މުޅި މި ޓީމަށް ލިބިގެންދާ ވަރަށް ވެސް ބޮޑު އުފަލެކެވެ. އެކަމަށްޓަކައި މާތްﷲގެ ހަޒުރަތަށް ހަމްދާއި ޝުކުރު ކުރަމެވެ.

2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ސަންގު ޓީވީ ވުޖޫދުވެގެން އައިއިރު ދިވެހިރާއްޖޭގެ މީޑިއާގެ ވެއްޓަކީ ވަރަށް ވެސް ހަލަބޮލި އެހާމެ ވާދަވެރި ވެއްޓެކެވެ. ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގެ މީޑިއާތަކުގެ ހިންގުމުގެ ތެރެއަށް ސިޔާސީ ވެށީގެ ނުފޫޒް ވަދެފައިވާކަމީ ހަގީގަތެކެވެ. ތަޖުރިބާކާރު ކުޑަ ޓީމަކާއެކު ސަންގުޓީވީ މިދެންނެވި ވެއްޓަށް ނިކުތުމުން އެންމެ ފުރަތަމަ ވެސް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކަކީ ސިޔާސީ ގޮތުން މީޑިއާތަކުގެ ތެރެއަށް ވަދެފައިވާ ނުފޫޒެވެ.
އެގޮތުން ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި ޖަލްސާތަކާއި މި ނޫން ވެސް އެކިއެކި ސިޔާސީ ހަރަކާތްތައް ކަވަރު ކުރުމަށް ނުވަތަ ސަންގު ޓީވީގެ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް އެތައް ބަޔަކު ހުރަސްއެޅިއެވެ. ނަމަވެސް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ބޭނުން ކޮށްގެން ފަސްޖެހުމެއް ނެތި ސަންގު ޓީމުން ކުރި މަސައްކަތާއިއެކު ބެލުންތެރިންނަށް އެ މަންޒަރުތައް ގެނެސްދެވުނުކަމީ ފިރުކެންފެށި ސަންގުޓީމަށް ލިބުނު ވަރަށް ވެސް ބޮޑު ހިތްވަރެކެވެ. އޭރުވެސް އަދި މިހާރު ވެސް ސަންގުޓީވީގެ އަމާޒަކީ ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ބެލުމެއް ނެތި ހިނގަމުންދާ ކޮންމެ ކަމެއްގެ މަންޒަރު ވަގުތުން ވަގުތަށް ރާއްޖޭގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
ސަންގު ޓީމުން މިދެންނެވި އަޒުމުގައި ކުރަމުންދިޔަ ބުރަ މަސައްކަތުގެ ތެރެއިން ސަންގު ޓީވީގެ މުދަލަށާއި ސަންގު ޓީމަށް އެތަކެއް ގެއްލުމެއް ލިބުނެވެ. ޓީމުގެ ބައެއް މެމްބަރުންނަށް ބައެއް ހާލަތްތަކުގައި ކުރިމަތިލާން ޖެހުނު ބިރުވެރިކަމާ ލިބުނު އަނިޔާތަކުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހުނު ފަަހަރު މަދެއް ނޫނެވެ. ނޫސްވެރިންނަށާއި މީޑިއާތަކަށް ސަލާމަތާއި ރައްކާތެރިކަން ދޭން ޖެހޭ ފަރާތްތަކުން ސަންގުގެ މުދަލަށް ގެއްލުންދީ ތަކެތި ގެންދިޔައީ މަދެއްކޮށެއް ނޫނެވެ. މިއަދާއި ހަމައަށް ވެސް ސަލާމަތީ ހިދުމަތްތަކުގެ ސަބަބުން ސަންގަށް ލިބުނު ގެއްލުންތަކުގެ ބަދަލު އަދި އިންސާފް ލިބިފައި ނުވާކަމީ ހިތާމައާއިއެކު ސަންގު ޓީމުން ފާހަގަ ކުރާ ކަމެކެވެ. ހަމައެހެންމެ ސަންގުޓީވީ ޖޫރިމަނާކޮށް ހައްގު ނޫން އެތައް އަދަބެއް ސަންގު ޓީމަށް ލިބިގެންދިޔައެވެ. ނަމަވެސް ލިބުނު ކޮންމެ ހިތްދަތިކަމެއް ވެގެން ދިޔައީ ސަންގު ކުރިއަށް ދިއުމަށާއި ސަންގު ފުމެން ލިބުނު އިތުރު ހިތްވަރަކަށެވެ.
އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދިޔަ ބަދަލުތަކާ ގުޅުންހުރި މަންޒަރުތައް އެންމެ ފުރަތަމަ ތާޒާކަމާއެކު ގެނެސްދިން އެއް ޓީމަކީ ސަންގު ޓީމެވެ. 2018 ވަނަ އަހަރު މުޅި ރާއްޖެ ސިއްސުވާލި 1 ފެބްރުއަރީގެ އަމުރާއި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މައުލޫމާތު އެންމެ ފުރަތަމަ އިތުބާރާ ޔަގީންކަމާއެކު ރާއްޖޭގެ ރައްޔިތުންނަށް ތަފްސީލުކޮށް ގެނެސްދިން ޓީމަކީ ސަންގު ޓީމެވެ. މިއީ ސަންގު ޓީމުން ކުރި ހިތްވަރުގެ ކާމިޔާބީގެ ކުޑަކުޑަ މިންވަރެކެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ސިޔާސީ ޕާޓީއެއްގެ އެތެރޭގައި އެންމެ ފޯރިގަދަ ކަމާއިއެކު ކުރިއަށް ދިޔަ އެއް އިންތިހާބު ކަމަށްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ސަންގު ޓީވީން ގެނެސްދިން ސަންގު ބަހުސްއަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް ޓީވީއަކުން ގެނެސްދިން އެންމެ ފޯރިގަދަ އެއް ބަހުސްއެވެ.

ސަންގު ޓީމުން ކުރަމުންދިޔަ ބުރަ މަސައްކަތުގެ ކާމިޔާބީއަށް އިތުރުވި އެންމެ އުފާވެރި އެއް ބޮޅަކީ ސަންގު ޓީވީގެ ނިއުސްހެޑް ސަހުބާން ފަހުމީ މޯލްޑިވްސް މީޑިއާ ކައުންސިލް އަށް އިންތިޚާބުވެ ރައީސްކަމަށް އައްޔަން ކުރެވިގެން ދިއުމެވެ.

ހަމަ އެހެންމެ 2020 ވަނަ އަހަރުގެ މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިކަމުގެ އިނާމުގެ އެންމެ ޝަރަފްވެރި ދެ އެވޯޑް ސަންގު ޓީމަށް ލިބިގެން ދިއުމެވެ. 2020 ވަނަ އަހަރު އެމްއެމްސީގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ބްރޯޑްކާސްޓިންއާއި ޕްރިންޓް މީޑިއާ ބައި އެއްކޮށްލައިގެންނެވެ. އެގޮތުން ނޫސްވެރިކަމުގެ އެކި ދާއިރާތަކުން 2020 ވަނަ އަހަރުގެ އެންމެ ގިނަ އެވޯޑް ހާސިލްކުރީ ސަންގު ޓީވީންނެވެ. އެގޮތުން 2020 ވަނަ އަހަރު ސިޔާސީ ދާއިރާގެ ހަބަރުތައް ކަވަރު ކުރުމުގައި އަދި ގެނެސް ދިނުމުގައި އެންމެ މޮޅު ނޫސްވެރިއާގެ މަގާމް ހާސިލް ކުރީ ސަންގު ޓީވީގެ މާހަތު ހުސައިން ރަޝީދު (މާތު) އެވެ. އަދި އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓްގެ މަގާމް ހޯދީ ވެސް ވެސް ހަމަ ސަންގު ޓީމުންނެވެ.

މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަމައެކަނި ބްރޯޑްކާސްޓިންގެ ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި އެންމެ ފުރަތަމަ އެވޯޑުގައި ވެސް އެންމެ ޝަރަފްވެރި އެވޯޑް އުފުލާލީ ސަންގުގެ މި ކުޑަކުޑަ ޓީމުންކަން އުފަލާއެކު ފާހަގަ ކުރަމެވެ. އެގޮތުން 2022 ވަަނަ އަހަރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ތައާރަފްކުރި ”ބްރޯޑްކޮމް“ އެވޯޑްގެ އެންމެ މުހިއްމު އެއް އެވޯޑް ކަމަށްވާ ބެސްޓް ކަރަންޓް އެފެއާޒް ކެޓަގަރީ އިން އެވޯޑް ލިބުނީ ސަންގު ޓީވީ އިން ގެނެސްދިން ސަންގު ބަހުސް އަށެވެ. ކަރަންޓް އެފެއާޒްގެ ގިނަ ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ ޗެނަލްތަކުން ގެނެސްދިން ނަމަވެސް، ކަރަންޓް އެފެއާޒް ޕްރޮގްރާމްގެ ކެޓަގަރީން ނޮމިނޭޓް ވީވެސް ހަމައެކަނި ސަންގު ޓީވީގެ ތިން ޕްރޮގްރާމެވެ. އެއީ ސަންގު ބަހުސްގެ އިތުރުން ވިންދު ޕްރޮގްރާމާއި ޚަބަރަށްފަހު ޕްރޮގްރާމެވެ.

ސަންގުގެ ޓީމުން ހޯދަމުން ދިޔަ ކާމިޔާބީތައް މިވަރަކުން ނިމުނީއެއް ނޫނެވެ. ސަންގުޓީވީގެ ނިއުސް އެންޑް ކަރަންޓު އެފެއަރޒް އެޑިޓަރު މާހަތު ހުސައިން ރަޝީދު(މާތު) އަށް “4 ވަނަ ވިމް މޯލްޑިވްސް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑް 2022”ގައި ނޫސްވެރިކަމުގެ ދާއިރާއިން އެވޯޑު ލިބުމަކީ ސަންގު ޓީމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. އަދި ކުރިއެރުމެކެވެ. ރާއްޖޭގައި ހަތަރުވަނަ ފަހަރަށް ބޭއްވި މި އެވޯޑުގައި މާތުއަށް ލިބިފައިވަނީ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ރަނގަޅު ލީޑަރޝިޕެއް ދެއްކި ނޫސްވެރިޔާ (ލީޑަރޝިޕް އެކްސެލެންސް އިން ދަ ފީލްޑް އޮފް ޖާރނަލިޒަމް) އެވޯޑެވެ.
ވިމް މޯލްޑިވްސްއިން ދޭ ބައެއް އެވޯޑުތަކަކީ އަމިއްލަ އަށް ކުރިމަތި ލައިގެންދޭ އެވޯޑުތަކަކަށް ވީ ނަމަވެސް މާތުއަށް ލިބުނު އެވޯޑަކީ ކުރިމަތިލައިގެން ލިބުނު އެވޯޑެއް ނޫންކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. މާތުއަށް ގޯލްޑް ކެޓަގަރީ އިން މި އެވޯޑު ދީފައިވަނީ، އާދަޔާ ހިލާފަށް ދާއިރާގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކާއި ބެހޭގޮތުން އެ ޖަމިއްޔާއިން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.

ކޮންމެއަކަސް ފިރުކެންފެށި ދުވަސްތައް ނިންމާ ޅަފަތުގެ ދައުރުގައި އޮތް ސަންގު ޓީވީއަށް އަށް އަހަރު ފުރިގެންދިޔައިރު ލިބުނު ހުރިހައި ކާމިޔާބީއަކާއި ކުރިއެރުމުގެ ހައްގު ޝުކުރު ހައްގު ވަނީ ސަންގުގެ ކުޑަކުޑަ ޓީމުގެ އިތުރުން ތިޔަ ލޮބުވެތި ބެލުންތެރިންނަށެވެ. ސަންގު ޓީވީގެ އަށް ވަނަ އަހަރީ ދުވަހުގެ އުފާ ފާހަގަކުރަމުންދާއިރު މިއަދަކީ ސަންގު ޓީމުން ކުރަމުންދިޔަ ބުރަ މަސައްކަތުގެ ތެރެއިން އުފަން ކުރުވި ”ސަންގު އީ“ގެ ހަތަރު ވަނަ އަހަރީ ދުވަސްވެސްމެއެވެ.
ރިޕޯޓު ކުޑަކޮށް ދިގުވެސް ވެއްޖެއެވެ. ނިންމާލުމުގެ ކުރިން ސަންގު ޓީމަށް އަދި ސަންގަށް ލިބުނު ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ސަންގުގައި މިހާރު ތިބި ޓީމަށާއި އަދި މީގެކުރިން ސަންގު ޓީމާއިއެކު މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް މެނޭޖްމެންޓުގެ ފަރާތުން ޝުކުރު އަދާކުރަމެވެ. ނިންމާލަމުން ދަންނަވަން އޮތީ މިއަދު ރާއްޖޭގައި ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއިއެކު ހުރިހައި ކުލައެއް އެއް ސްކްރީނަކުން ފެންނާނެ ހަމައެކަނި ސްކްރީނަކީ ސަންގު ޓީވީގެ ސްކްރީނެވެ. މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ. މި ބޮޑު ކާމިޔާބީގެ ހުރިހައި ޝުކުރެއް ދަންނަވަން އޮތީ ފޫހިކަމެއް ނެތި ސަންގު ބައްލަވަމުން ގެންދަވާ ސަންގު ޓީވީގެ ބެލުންތެރިންނަށެވެ. ސަންގަށާއި ސަންގުޓީމަށް އަދަށްވުރެ ފަހި ފެހި މާދަމާއެއް މިންވަރު ކުރައްވާށީ. ދުޢާއަކީ ސަންގަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީ ލިބުމެވެ. އާމީން.

