ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކުރަން އެމްއެންޑީއެފް އަށް ދަތިވާކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރުން އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށައަޅައިފިއެވެ.
އާދަމް ޝަރީފް މަޖިލީހަށް ހުށައެޅި ސިޓީގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ، ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލުންކަމަށް، ގާނޫނު ނަންބަރ 6/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި ބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާއިރު، އެ ސަރަހައްދު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު، ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ނ) އިން ދިވެހި ސިފައިންނާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ ސަރަހައްދަށް ގާނޫނާއި ހިލާފަށް ވަންނަ ބޭރު ގައުމުތަކުގެ އުޅަނދުތައް ހިފަހައްޓައި، އެ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު ރާއްޖެއިން އަޅަމުން ގޮސްފައިވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މިފަދަ އެއްވެސް މައްސަލައަކާއި ގުޅިގެން ބޭރުގެ ގައުމަކުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި ބެހޭ ގޮތުން ދައުވާއެއް ކޮށްފައިނުވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
Raajjeyge Haassa Iguthisoadhee sarahadhdhu faahaga kuran MNDF ah dhathivaa massala aai Raees IMS, Mauritius ah fonuvi sitee hoadhumah miadhu @mvpeoplesmajlis ah sitee akun hushahalhaifin. @MohamedNasheed pic.twitter.com/WFBdvzHYQM
— Adam Shareef Umar (@Adamshareefz) April 30, 2023
ނަމަވެސް 28 އޭޕްރިލް 2023 ގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރަހައްދު ކަނޑައެޅުމާއި ގުޅިގެން ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފާހަގަކުރަން ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ދަތިވެ މައްސަލަތައް ކުރިމަތިވެފައިވާކަމަށް ދޭހަވާކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. މިއީ ސިފައިންނަށް ގާނޫނު އަސާސީގެ 243 ވަނަ މާއްދާގެ (ހ) އާއި ސިފައިންގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާކުރުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ މައްސަލައެއްކަމަށް އާދަމް ޝަރީފް ފާހަގަކުރެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ރާއްޖޭގެ ހާއްސަ އިގްސާދީ ސަރަހައްދުން ފާހަގަކުރަން ދަތިވާކަމަށް ވިދާޅުވާ މައްސލަަ 241 ކޮމިޓީއިން ސީރިއަސް، އަވަސް މައްސަލައެއްގެ ގޮތުގައި ބެއްލެވުމަށް އާދަމް ޝަރީފް ވަނީ އެދިފައެވެ. އަދި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މޮރިޝަސްއަށް ފޮނުއްވެވި ސިޓީއަށް ހަވާލާދީފައިވާތީވެ، އެ ސިޓީގެ ކޮޕީއެއް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށްވެސް އެދިފައިވެއެވެ،

