ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ބަރުލަމާނީ ހުށައެޅުންތައް އިދިކޮޅަށް ހުށައެޅުމުގެ ފުރުސަތު!

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އިދިކޮޅު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީ އެއްކުރުމަށް މަސައްކަތްކުރުމަކީ ފެނާއި، ތެޔޮ އެއްކުރުމަށް މަސައްކަތްކުރުމޭ މީގެ ކުރިން ހީވިއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ހަމަ މިފަދައެވެ. ސިޔާސީ މައިދާނުގައި ދެ ހަތުރުންނެވެ. ސިޔާސީ ގޮތުން ފިކުރާއި، ހިޔާލު ތަފާތު، މި ދެބޭފުޅުންނަކީ މުޅިން ތަފާތު ދެ މަގަކުން ހިންގަވާ ބޭފުޅުންނެވެ. އަމާޒާއި، ދައްކަވާ ވާހަކަތަކާއި މަގުސަދުވެސް ތަފާތެވެ.

ސިޔާސީ މަސައްކަތްތައް ފެށުނީއްސުރެވެސް ރައީސް ނަޝީދާއި ރައީސް ޔާމީންއަކީ ވާދަވެރިންނެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ އެމަނިކުފާނު ރައީސްކަން ކުރައްވަމުންދާ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް ޔާމީން އަޅާކިޔުއްވާ ރައީސް ޔާމީންއަކީ މާ ގާބިލު ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ވިދާޅުވީ ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެއްކަމަށާއި އެއީ ގޮތެއްގައި ހުންނަވާ ވެރިއެއްކަމަށެވެ. މިއާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު، ރައީސް ޔާމީންއާއި ގުޅިގެންވަޑައިގެން މަސައްކަތްތަކެއް ކުރައްވާފާނެކަމަށް ބެލެވުނެވެ. 2023 އަށް ނޫން ނަމަވެސް ކޮންމެސް ގޮތެއްގައި އެކުގައި މަސައްކަތްތަކެއް ކުރައްވަފާނެކަމަށް ބެލެވުނެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންއާއި އެއްކޮށް ހުންނެވުމަށްވުރެ ގޭގައި ހުންނެވުންވެސް މާ ރަނގަޅުކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީއިންވެސް ވަނީ ރައީސް ނަޝީދާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. ވިދާޅުވީ ރައީސް ޔާމީންއަށް ޢައްދާރުވީ މީހުން އެބޭފުޅުންނަށް ނޯޅޭނެކަމަށެވެ.

މިހުރިހާ ވާހަކަތަކާއި، ކޯޅުމަކަށްފަހު މަންޒަރު ކުރެހި ސާފުވީއިރު، ރައީސް ނަޝީދާއި އިދިކޮޅު ކޮންގްރެސް ކޯލިޝަންއާއިއެކު ބައްދަލުވުމެއް ކުރިއަށްގެންދަވާފިއެވެ. އިދިކޮޅުން ރައީސް ނަޝީދާއި ބައްދަލުކުރީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިޔަށް ދިޔަ މައްސަލަ ނިމިގެންދިޔައީ ރާއްޖެއަށް ގެއްލުންވާގޮތަށްކަމަށް ބުނެ ކުރަމުން ދާ މަސައްކަތުގެ ތެރެއިންނެވެ. އިދިކޮޅުން ބުނީ ޗާގޯސްގެ މައްސަލައިގައި މަސައްކަތް ކުރަމުންދަނީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުންކަމަށެވެ. މި މައްސަލައިގައި އިދިކޮޅާއި ހިޔާލު އެއްގޮތްވާ ފަރާތްތަކާއިއެކު މަސައްކަތްކުރައްވާ، ހިޔާލު ހޯދާނެކަމަށްވެސް ބުންޏެވެ. އެގޮތުގެ މަތިން ބޮޑު ނޫސްވެިރންގެ ބައްދަލުވުމެއްވެސް ބޭއްވިގެންދިޔައިރު، އެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ނޫސްވެރިންގެ ބައްދަލުވުން ލީޑް ކުރެއްވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޑރ މުހައްމަދު މުނައްވަރެވެ.

ރައީސް ނަޝީދަކީ މި ސަރުކާރާއި، އަދި ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅަކަށްވާއިރު، އިދިކޮޅާއި ހިޔާލުއެއްގޮތްވާ ވަރަށް ގިނަ ފަހަރު އަންނަކަން މަޖިލީހުގެ ތަޅުމުން ހާމަވެއެވެ. ރައީސް ނަޝީދު ސަރުކާރާއި ދެކޮޅަށް ހިންގަވާ “ފިކުރެއްގެ ދިރުން” ހަރަކާތުގައި ހިމެނިވަޑައިގަންވާ ބޭފުޅުންގެ ވާހަކަތަކާއި، އިދިކޮޅުގެ ވާހަކަތައް ދާދި އެއްގޮތެވެ. ދައްކަވަނީ އެއް ވާހަކަތަކެކެވެ. ވަކާލާތުކުރައްވަނީ އެއް ކަންތައްތަކަކަށެވެ. އެމްޑީޕީގެ ސަރުކާރު މެންބަރުން ބުނާ ގޮތުގައި މިއީ ރައީސް ނަޝީދު އަންގައިގެން އެމަނިކުފާނުގެ ލަފާގެ ދަށުން ކުރެވިގެންދާ ކަންތައްތަކެވެ. އަދި އިދިކޮޅުން މަޖިލީހަށް ހުށައަޅާ ކުއްލި މައްސަލަތަކާއި، ގަރާރުތަކަކީވެސް ރައީސް ނަޝީދުގެ ލަފަޔާއިި މަޝްވަރާގެ ދަށުން ހުށައަޅާ ކަންތައްތަކެއްކަމަށް ތުހުމަތުކުރެއެވެ.

ރައީސް ނަޝީދު އަމިއްލައަށް ނިކުމެ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިނގެން އޮތްއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ޖުމްހޫރީ ޕާޓީގެ ފަހަތުގައެވެ. ޖުމްހޫރީ ޕާޓީއާއިއެކު މަސައްކަތްކުރުމަށް ހުށައެޅުންތަކެއް ހުށައަޅާފައިވާއިރު، އަދި މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީއިން ވަކި ގޮތެއް ނުނިންމައެވެ. ހުށަހެޅުންތަކުގައި ވާގޮތުން ސެޕްޓެމްބަރު މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު ވެރިކަމުގެ ހުވާ ކުރުމާއި ދެމެދު ލިބޭ މުއްދަތުގައި ނިޒާމީ ވޯޓު ނަގަން ވާނެ އެވެ. އިންތިހާބަށް ފަހު، ވެރިކަމުގެ ހުވާ ކުރާ ތާރީހަކީ ނޮވެމްބަރު 17 އެވެ. ވެރިކަމުގެ ނިޒާމުގެ ވޯޓުގެ ކުރިޔަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކެއް ވެސް ހުރުމާއި އެކު ރައްޔިތުން ތާއީދު ކުރާ ނިޒާމަކީ ބަރުލަމާނީއަށް ވާ ހާލަތެއްގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް 2024 ގެ މަޖިލީހުގެ އިންތިހާބު އޭގެ ދަށުން ބޭއްވުމަށް ހުށަހެޅުންތަކުގައި ވެއެވެ.

އެހެންކަމުން ޗާގޯސްގެ މައްސަލައިގައި އިދިކޮޅުން ބޭނުންވާ އެއްބާރުލުން ދިނުމަށް ޝަރުތުވެ، މި ހުށައެޅުންތައް އިދިކޮޅު ކޯލިޝަނަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު ބޭނުންފުޅުވުމަކީވެސް އެކަށީގެންވާކަމެކެވެ. ޗާގޯސްގެ މައްސަލައިގައި ހުރިހާ ސިޔާސީ ލީޑަރުންނެއް ތިއްބެވީ ރައީސް ސާލިހުގެ މި ސަރުކާރާއި ދެކޮޅަށެވެ. އެހެންކަމުން މިހުރިހާ ބޭފުޅުން އެކުވެގެން “ގައުމަށްޓަކައި” ކަމަށް ބުނެ އެއްކޮށް ނިކުމެ މި ވެރިކަން ބަދަލުކުރައްވަން މަސައްކަތްކުރެއްވުމަކީވެސް އެކަށީގެންވާކަމެކެވެ. ދުވަހަކު ނުފެންނާނެކަމަށް ހީކުރެވުނު މަންޒަރުތައްވެސް މި ދަނީ ފެންނަމުންނެވެ. ފަހު ވަގުތު ކާކު ހައްދަވާނީ ކިހިނެއްކަމެއް ނޭގެއެވެ. އަދި މިހާތަނަށް އިދިިކޮޅުގެ ސައްހަ ކެނޑިޑޭޓެއް ނެތުމަކީވެސް އިދިކޮޅާއި ގުޅުމަށް އެކިއެކި ސިޔާސީ ލީޑަރުން މަސައްކަތްކުރައްވަފާނެ ސަބަބެއްކަމަށް ދެންނެވިދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: