ހުޅުމާލޭޣައި އިމާރާތްކުރަމުންދާ ކޭޕާކް ރެސިޑަންސް ފްލެޓްތަކުގެ ރާއްޖޭޣެ އެޖެންޓް އަދި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އޭނާގެ ދިފާއުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފިއެވެ.
ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 އިންސައްތަ ހިއްސާދާރު އަދި އެމްޑީ އަކީ ޖިން ޝިހޫއެވެ. މައިނޯރިޓީ ހިއްސާދާރަކީ ފަސްޕަސެންޓާއި އެކު މަމްދޫހެވެ.
ހަމްބޯ ކުންފުނީގެ މައި ހިއްސާދާރު ޖިން މިމަހުގެ 3 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކާރައި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކާ އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަަމަށެވެ. އަދި ފްލެޓްތައް ވިއްކުމުގައި ޖިންގެ ސޮއި ފޯޖްކޮށްފައިވާ ލިއުންތަކެއް ހަދައި ވިއްކި ފްލެޓްތަކުގެ އެއްވަސްވުންތަކުގައި މަންޑޭ އާއި އޭނާގެ ޕާޓްނަރު ޖައިސަން ސައީދު ސޮއިކޮށްފައިވާ ކަމަށެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކް އެކައުންޓް ހުޅުވާފައިވާއިރު، ކުންފުނީގެ އެމްޑީއަށް ނޭނގި އެނާގެ ސޮއި ފޯޖްކޮށްގެން ބީއެމްއެލްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދިކަމަށް ވެސް ޖިން ވަނީ ތުހުމަތުކޮށްފައެވެ.
މަންޑޭއަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ރޭ އޭނާ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ މައި ހިއްސާދާރު ޖިން، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރީ އޮޅުވާލައިގެން ފްލެޓްތަކެއް ވިއްކުމަށްފަހު ފިލަން އުޅުމާއި ކުންފުނީގެ ޝެއާއަށް އަދި ޑައިރެކްޓަރުންގެ ބޯޑަށް ޖިން ގެންނަން ބޭނުންވި ބަދަލުތަކަށް މަންޑޭ ދެކޮޅު ހެދުމުން ކަމަށެވެ.
މަންޑޭއަށް ތުހުމަތު ކުރަނީ ވަރަށް ބޮޑަށް ރާވައިގެން ކަން ފާހާގަކޮށް ބަޔާނުގައި ބުނެފައިވަނީ ހަންބޯ ކޮމްޕެނީގައި އޮތް ޖިންގެ 95 ޕަސެންޓް ހިއްސާގެ ތެރެއިން އެއް ޕަސެންޓް ހިއްސާ އެ ކުންފުނީގެ ސައިޓްގައި މަސައްކަތް ކުރާ ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޫ ޒީ އަށް ޓްރާންސްފަރ ކުރުމަށް ޖިން ބޭނުންވި ކަމަށެވެ. އަދި ކުންފުނީގެ ބޯޑުގައި ދެ ޑައިރެކްޓަރުން ތިއްބާ އިތުރު ޑައިރެކްޓަރަކު ބޯޑަށް އައްޔަންކޮށް ބޯޑުގެ ކޯރަމް ދެ ޑައިރެކްޓަރުންގެ މައްޗަށް ބަދަލު ކުރުމަށް ޖިން މަސައްކަތް ކުރި ކަމަށްވެސް މަންޑޭގެ ބަޔާނުގައި އޭނާ ބުނެފައިވެއެވެ.
ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ޖިން އާއި ހުޅުމާލެ ހިންގުމާއި ހަވާލްވެ އޮތް ކުންފުނި އާރބަންކޯ އިން ވަނީ މަންޑޭގެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭޕާކް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.
އިމާރާތުގެ މަސައްކަތް ނިންމާނެ ކަމަށް ބުނި އެއްވެސް ތާރީހަކަށް އަދި މިހާތަނަށް މަސައްކަތް ނިމިފައިނުވެއެވެ.