ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކަށް އޮންލައިން ކޮށް އަދި ކޮމިޝަނަށް ހާޒިރުވެ އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އީމެއިލް މެދުވެރިކޮށް އެޕްލައި ކުރާނަމަ jobs@elections.gov.mv އަށް މެއިލް ކުރުމަށާއި އީމެއިލް ކުރާއިރު ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެއްފައިލެއްގެ ގޮތުގައި 10 އެމްބީ އަށް ވުރެ ކުޑަ ފައިލް ސައިޒަކަށް އެޓޭޗްކުރުމަށް އިލެކްޝަންސް އިން އިރުޝާދު ދެއެވެ. އަދި އިންތިހާބުގައި އޮފިޝަލަކަށް ވުމަށް އެދޭ ފޯމް ކޮމިޝަންގެ ރަސްމީ ވެބްސައިޓް www.elections.gov.mv އިން ލިބެން ހުންނާނެ އެވެ.

އިންތިހާބުގެ އޮފިޝަލެއް ކަމަށް ކުރިމަތިލުމުގެ ސުންގަޑި ޖޫން މަހުގެ 22 ވަނަ ދުވަހު ހަމަވާއިރު އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ވޯޓްލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދޭ ފޯމާއި، އައިޑީ ކާޑްގެ ދެފުށުގެ ކޮޕީ އާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ސީވީ ނުވަތަ ވަނަވަރު ގެ އިތުރުން ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ ގަނޑު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެފިދައެވެ.

އިންތިހާބުގެ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުރުމަށް ލާޒިމް ކުރާ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއި ސިޔާސީ އެއްވެސް ޕާޓީއެއްގެ އިސް މަގާމު އަދާ ކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ ނުވަތަ ރަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ، މީހަކަށް ނުވުމާއި އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން ޝަރުތެއް ކަމުގައި ހިމެނެއެވެ. އަދި އޮފިޝަލް ކަމުގެ މަސައްކަތަށް ސިއްހީ ގޮތުން ގާބިލް މީހަކު ކަމުގައި ވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒް ކުރަމުންދާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.

އޮފިޝަލަކަށް ހަމަޖެހީ މީހުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ބަލާއިރު:

ރިޔާސީ އިންތިހާބުގެ އޮފިޝަލުންގެ މުސާރަ އަށް ބަލާއިރު ވޯޓްލާ މަރުކަޒުގެ ވެރިއަކަށް ހަމަޖައްސައިފިނަމަ ވޯޓްލާ ދުވަހު އެކަނި އެމީހަކަށް 1500 ރުފިޔާ ލިބެއެވެ.

ވޯޓްލާ މަރުކަޒުގެ ވެރިޔާގެ އެހިތެރިޔަކަށް ހަމަޖައްސައިފިނަމަ ވޯޓްލާ ދުވަހު 1200 ރުފިޔާ ލިބެއެވެ. އަދި ވޯޓްލާ މަރުކަޒުގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ ވޯޓްލާ ދުވަހު 1000 ރުފިޔާ ލިބޭއިރު ރިޒާވް އޮފިޝަލެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ ވޯޓްލާ ދުވަހު އެމީހަކަށް 500 ރުފިޔާ ލިބެއެވެ.

ވޯޓްލާ ދުވަހު ހަރަކާތްތެރިވާ އޮފިޝަލުންނަށް މުސާރައިގެ އިތުރުން ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ހަމަޖައްސާ ގޮތެއްގެ މަތިން ހަމަޖެހިގެންދާނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވޯޓްލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖެހިއްޖެނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބެއެވެ.

ރިޔާސީ އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުން އެމަސައްކަތަށް ހާއްސަކޮށްގެން ހިންގޭ ތަމްރީން ޕްރިގްރާމެއް ފުރިހަމަކުރަންޖެހެއެވެ. ތަމްރީން ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބެއެވެ. އަދި ތަމްރީން ފުރިހަމަ ނުކުރާ ފަރާތްތަކަށް އޮފިޝަލަކަށް ވުމަށް އެދި ފޯމް ހުށަހެޅި ނަމަވެސް ފުރުސަތު ނުލިބޭ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ.

ވޯޓްލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން، އޮބްޒާވަރ، މޮނިޓަރ އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމް ހުށަހަޅާ ފާސް ދޫކޮށްފިނަމަ އެފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަޙެޅި ފޯމް ބާތިލުވާނެ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: