ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީން ވަކިކުރަންޖެހޭނީ ރައީސް ސާލިހް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އިން ވަކި ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓަރ އެކައުންޓް ބޭނުންކުރައްވައި އެމަނިކުފާނު ވިދާޅުވީ 2019 ގައި ރައީސް އަންގައިވިގެން ދާއިރާ ރައީސުން ނުކުމެ އެމްޑީޕީ ކެންޑިޑޭޓް ކަޓުވާލާ އެހެން މީސް މީހުން މަޖިލީހަށް ހޮވި މައްސަލަ ނުބަލައި ފިޔަވަޅު އަޅާ ކޮމިޓީން މިހާރު ބަލާ މައްސަލަ ތައް ބެލުމަކީ އެންމެ އިންސާފުވެރި ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

 

 

ރައީސް ނަޝީދު ވިދާޅުވީ ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރުމަކީ އިންސާފވެރި ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީގެ ފަރާތުން ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ނިންމައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިއްޔެ ވަނީ ޕާޓީން ވަކިކޮށްފައެވެ.

އާޒިމް ވަކިކޮށްފައިވަނީ ރައީސް ނަޝީދު ފިކުރެއްގެ ދިރުމުގެ މެމްބަރުން ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވިތާ 24 ގަޑިއިރުވެސް ނުވަނީސް އެވެ.

ފިކުރެއްގެ ދިރުމުގެ ފަރާތުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރާތީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ މަޖިލީހުގައިވެސް އެ މެމްބަރުން ޕާޓީން ވަކި ކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އިދިކޮޅުން ޗާގޮސްގެ މައްސަލައިގައި އެކުލަވާލާފައި ކޯލިޝަންގައި ފިކުރެއްގެ ދިރުން ތަމްސީލު ކުރައްވަމުން ގެންދެވީ އާޒިމްއެވެ.

ޗާގޮސްގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި ހާރިޖީ ވަޒީރުގެ އިތުރުން ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަންޑާރަ ނައިބުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެ މައްސަލަ ހުށަހެޅުމަށްފަހު ފަހުން ވަނީ އަނބުރާ ނަގާފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބޭއްވި ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ރައީސް ނަޝީދު ވާދަކޮށް ތަފާތު ބޮޑު ނަތީޖާ އަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސާލިހެވެ. އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް ނަޝީދު ވަނީ ރައީސް ސާލިހް އާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން ވޯޓާރސް ލިސްޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތައް ކޮށްފައެވެ.

މީގެ އިތުރުން އިންތިހާބާއި ދިމާކޮށް އެސްއޯއީ ތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ރައީސް ސާލިހްގެ ކެމްޕޭންގައި ހަރަކާތްތެރި ވަމުންދާ ކަމާއި ސަރުކާރާއި ދައުލަތުގެ ހަރުމުދާ ކެމްޕޭނަށް ބޭނުންކުރަމުންދާ ކަމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ކެމްޕޭން ޓީމްގެ މެމްބަރުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމަށް ރައީސް ސާލިހް ރައްދުދެއްވާފައެއް ނުވެއެވެ.

ރައީސް ނަޝީދާއި ރައީސް ސާލިހް އާއި ދެމެދު ހަމަނުޖެހުންތައް ބޮޑުވާންފެށީ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް ލިބުނު ހިސާބުންނެވެ. ރައީސް ސާލިހަށް ޓިކެޓް އެރުވުމަށް ކާނިވަލުގައި ބޭއްވި ޖަލްސާއަށް ރައީސް ނަޝީދު ވަޑައިނުގެން ވިދާޅުވީ ރައީސް ސާލިހާ އެކުގައި ކުރާނެ ސިޔާސީ މަސައްކަތެއް ނެތް ކަމަށާއި އެކުގައި މަސައްކަތް ކުރައްވަން ކުރީގެ ރައީސް ޔާމީން ވެސް މާރަނގަޅު ވާނެ ކަމަށެވެ.

ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީ ގަބޫލުކުރައްވަން ދެކޮޅު ހައްދަވައި ރައީސް ސާލިހްގެ ކާމިޔާބީ އަށް މަރުހަބާ ދަންނަވަމުން އެމަނިކުފާނަށް އިންތިހާބުން މޮޅުނުވެވުނީ އެމްޑީޕީއަށް ނިސްބަތްވާ އެތައް މެމްބަރުންނަކާއި އެމަނިކުފާނަށް ލިބެން ހުރި ވޯޓްތައް ގެއްލުމުން ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ފިކުރެއްގެ ދިރުމުގެ ނަމުގައި ޕާޓީގެ ގޮތްޕެއް ހެދުމަށް އާއްމު މެމްބަރުންގެ ކިބައިން އެދި އެމަސައްކަތް ފެށިއެވެ.

ފިކުރެއްގެ ދިރުމުގެ ފޯމް ފުރުމާއި މަސައްކަތްތަކުގައި ރައީސް ނަޝީދަށް ބައިއަތުހިފާ މެމްބަރުން ހަރަކާތްތެރިވާން ފެށިއެވެ. އެގޮތުން މަޖިލީހުގައާއި އެހެނިހެން ތަންތަނުގައި ސަރުކާރާ ދެކޮޅުވެ ރައީސް ސާލިހާއި އެމަނިކުފާނުގެ ކެބިނެޓް ފެއިލްވެފައިވާ ކަމުގެ ތުހުމަތުތައްކުރަން ފެށިއެވެ.

ރައީސް ސާލިހަށް ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ނެތުމުގެ ފަޅުކަން އިހުސާސް ކުރެވޭ ކަމަށާއި އެމްޑީޕީ އާއި އެކު ކުރިއަށް ދިއުމަށް ވަޑައިގަތުމަށް ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ގޮވާލެއްވިއެވެ. އަދި ރައީސް ސާލިހްވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ކެމްޕޭން ޓީމަށް ނިސްބަތްކުރައްވައި ވާދަވެރިކަން ނިމި އެކުވެރިވެ ރިޔާސީ އިންތިހާބު އެކުގައި ކާމިޔާބު ކުރުމަށް ގޮވާލެއްވިއެވެ.

ރައީސް ސާލިހްގެ ގޮވާލެއްވުމަށް އިޖާބަދިނުމެއްނެތި ރައީސް ނަޝީދު ދެންވެސް މަސައްކަތް ކުރެއްވީ އިދިކޮޅު ފަރާތްތަކާއި އެކުގައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި އެކުގައި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތަށް ފެށިއެވެ. އެގޮތުން ރައީސް ނަޝީދު ގާސިމް ވެރިކަމަށް ނިކުތުމަށް ހިތްވަރު ދެއްވައި ރިޔާސީ އިންތިހާބުގައި ރައީސް ސާލިހާއެކު ކޯލިޝަން ނަހަދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިފަދައިން ގާސިމް ރައީސް ސާލިހާއި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަދި ކޯލިޝަން ހެދުމަށް ނިންމާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޖުމްހޫރީ ޕާޓީން ނިންމީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕާޓީގެ ލީޑަރު ނެރުމަށް ޕާޓީގެ ކައުންސިލުން ނިންމިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: