ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީތަކަށް ބަދަލު ނުގެންނާނަން، ރައީސް ސޯލިހު ބޭނުންވާހާ ގޮތަށް މަޖިލިސް ނުހިނގާނެ: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލައަށް އެދި، ހުށަހަޅައިގެން ނޫންގޮތަކަށް މެމްބަރުން ކޮމިޓީތަކުން ވަކި ނުކުރެވޭނެކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަށް އެ އެންގުންތަކަށް އަމަލު ކުރަން ޖެހޭތަނެއް ނޫންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއީ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ނެރޭ ތްރީ ލައިން ވިޕުތަކަށް ބައެއް މެމްބަރުން ތަކުރާރުކޮށް، ހިލާފުވާ މައްސަލައިގައި ފިޔަވަޅު އަޅަން ފޮނުވާފައިވާ މައްސަލަ އެކެވެ. ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ހުށަހެޅި 2023 އަށް ލަފާ ކުރާ ބަޖެޓުން ފެށިގެން، ސަރުކާރުގެ ފަރާތުން ހުށަހެޅި ބައެއް ބިލުތަކާއި އިދިކޮޅުގެ ބައެއް ކުއްލި މައްސަލަތަކުގައި ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ ވިޕްލައިނާއި ހިލާފުވެފަ އެވެ.

ކޮމިޓީ މަރުހަލާ ނިމިފައި ވަނިކޮށް، ތަޅުމުގައި ބިލެއް ތާވަލު ނުކޮށް ހިފެހެއްޓި މައްސަލައިގައި ވެސް، އޭރު ބައެއް މެމްބަރުން ޖަލްސާތައް ނިންމާލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މުލިއާގޭގައި ބައްދަލުކޮށް އެ ޝަކުވާ ހުށަހެޅި އެވެ. އަދި އެދުނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމަށެވެ.

މަޖިލީހުގައި ނަގާ ވޯޓުތަކުގައި ތްރީލައިން ވިޕާއި ހިލާފުވި މައްސަލައިގައި ފިޔަވަޅު އަޅައިދޭން އެދި ފޮނުވާފައިވާ މެމްބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ވިޕާއި ހިލާފުވި މައްސަލައިގައި ބައެއް މެމްބަރުންނަށް ލިޔުމުން ނަސޭހަތް ދިނުމުން، އެކަމަށް ވެސް އެބޭފުޅުން ފާޑުވިދާޅުވި އެވެ.

މެމްބަރުންނަށް ފަހު ފުރުސަތު ދިންކަމަށް ރިޕޯޓު ކުރި މީޑިއާއެއްގެ ހަބަރު މެމްބަރުންގެ ގުރޫޕަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފޮނުވުމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުން މުގައްރިރުން ވަކި ކުރާ އުސޫލެއް ކަނޑައެޅިފައި ވަނިކޮށް އުސޫލާއި ހިލާފު ނުވެވޭނެ ކަމަށެވެ. މަޖިލީހުގެ ހުރިހާ މެމްބަރުންނާއި، އިދާރީ މުވައްޒަފުން ތިބި ގުރޫޕަށް ފޮނުވި މެސެޖުގައި އެމަނިކުފާނު ވިދާޅުވީ 2019 ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން އެމްޑީޕީގެ ދައިރާ ރައީސުން ނިކުމެ ޕާޓީގެ ކެނޑިޑޭޓު ކަޓުވާލައި “އެކި މީސް މީހުން” މަޖިލީހަށް ހޮވި މައްސަލަ ވެސް ނުބެލުނު ކަމަށެވެ. އެހެންކަމުން އެ މައްސަލަ ދޫކޮށް، ފިޔަވަޅު އަޅާ ކޮމިޓީން މިހާރު ބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ފިޔަވަޅު އަޅައި، ވަކި ކުރަން ނިންމަން ޖެހޭ ބޭފުޅަކީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހެވެ. އެއަށް ފަހު ރައްދުގައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ހުންނެވީ އެމަނިކުފާނުކަމަށާއި އަދި އެގޮތަށް ރިޔާސަތުގައި ހުންނަހާ ހިނދަކު މެމްބަރުންގެ އެދުމާއި އަދި ރުހުމާއި ނުލައި މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން މެމްބަރުން ވަކި ނުކުރެވޭނެ ކަމަށެވެ. އޭގެ ސަބަބަކީ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަށް ހިންގަން އޮތް ތަނެއް ނުވާތީކަމަށް މެސެޖުގައި ވެއެވެ.

ނަޝީދުގެ މެމްބަރުންނަށް ފިޔަވަޅު އަޅައި، މަޖިލިސް ކޮމިޓީތަކުން ވަކިކޮށްދޭން އެދި ޕީޖީއަށް!

ވިޕްލައިނާއި އެމްޑީޕީގެ ޕީޖީގެ ބައެއް މެމްބަރުން ހިލާފުވާ މައްސަލަ ރަސްމީކޮށް ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީ އެވެ. ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި މުޣުނީ ފޮނުވި ސިޓީގައި ވަނީ ރައީސް ސޯލިހާއި ދެކޮޅަށް ޕާޓީގެ ތެރެއިން އެކި ގަރާރުތައް ހުށަހަޅައި ކޮމިޓީތަކުގައި ވެސް ހަމަ އެ ރޫހުގައި މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ. އެ ނުކުތާ ފާހަގަކޮށް މުޣުނީ އެދިފައި ވަނީ ފިކުރެއްގެ ދިރުންގެ ނަމުގައި ވަކި ގުރޫޕެއް ހަދައި ކޮމިޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރުން ޕާޓީގެ ސްލޮޓުތަކުން މަޖިލީހުގެ ގަވައިދުގެ 130 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަކިކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: