ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީ ބޭއްވީ ގަވައިދާއި އެއްގޮތަށް، އާޒިމް ޕާޓީގެ ދަފްތަރުން އުނިކުރަން މާދަމާ އީސީއަށް ފޮނުވާނަން: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކުރުމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ އަސާސީ ގަވައިދުގެ ދަށުންކަމަށް ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ފަސް އަހަރުގެ މުއްދަތަކަށް އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް، އާޒިމް ޕާޓީން ވަކި ކުރީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި، ބިލުތައް ޑްރާފްޓުކޮށް އެ ލިޔެކިއުންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ ޒިންމާ އޮންނަ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރިކަމަށް ބުނެ އެވެ. އޭގެ އިތުރުން އިދިކޮޅުން ސަރުކާރާއި ދެކޮޅަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކެއްގައި ދެ ފަހަރެއްގެ މަތީން ބައިވެރިވެ ޕާޓީގެ ހިންގުމުގެ އުސޫލުތަކާއި ގުޅޭގޮތުންނާއި ރައީސުލްޖުމްހޫރިއްޔާއަށް ފާޑުވިދާޅުވެ ވާހަކަ ދެއްކުމަކީ ޕާލިމަންޓު ގުރޫޕުގެ ސީނިއާ މެމްބަރެއްގެ ފަރާތުން ފެނިގެން ވާނެ މަންޒަރެއް ނޫންކަމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ރިޕޯޓުގައި ވެއެވެ.

އާޒިމްގެ މައްޗަށް ފިޔަވަޅު ނާޅައި ދޫކޮށްލައިފި ނަމަ، ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބެ ސަރުކާރަށް ޖެއްސުން ކުރުމާއި ސިޔާސަތުތަކަށް ދެކޮޅު ހެދުމަށް އެއީ ދެވޭ ޖާގައެއްކަން ވެސް ފިޔަވަޅު އަޅާ ކޮމިޓީން ފާހަގަކުރި އެވެ. އަދި ޕާލިމަންޓު ގުރޫޕުން ހުށަހެޅި މި ނުކުތާތަކަށް ރިއާޔަތް ކުރުމަށް ފަހު އާޒިމް ވަކި ކުރުމަށް ނިންމީ ރޭގެ ވަގުތެއްގަ އެވެ.

ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމާއި އާޒިމް ދެކޮޅު ހައްދަވައި ވާހަކަ ދެއްކެވިއިރު، އޭނާގެ ދިފާއުގައި ރައީސް މުހައްމަދު ނަޝީދު ވެސް ޓުވީޓެއް ކުރެއްވި އެވެ. އަދި އެ މައްސަލައިގައި އެމަނިކުފާނާއި އަރިސް މެމްބަރުން ދަނީ ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގައި މުގައްރިރު ބައިވެރިކޮށްފައި ނުވާކަމަށް ބުނެފަ އެވެ.

އެ ތުހުމަތުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން، އިބްރޭ ވިދާޅުވީ އަސާސީ ގަވައިދުގައި މައްސަލަތައް ކޮމިޓީތަކަށް ލިބުމާއި އެކު އަމަލު ކުރަން ޖެހޭ ވަކި އިޖުރާއަތްތައް ހިމެނޭއިރު އެ ހުރިހާ މަރުހަލާއެއް އޮތީ ފުރިހަމަކޮށްފައި ކަމަށެވެ. އަދި ޕާޓީގެ ސެކްރެޓޭރިއޭޓުން އަންގަން ޖެހޭ އެންގުންތައް، ގަވައިދުން ފޮނުވާކަން ފާހަގަ ކުރި އެވެ.

އެގޮތުން އާޒިމާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލަ އެޖެންޑާކޮށް، ތާރީހާއި ވަގުތު ހިމަނައި ފޮނުވި މެސެޖު މުގައްރިރު ބައްލަވާފައިވާކަމަށް އިބްރޭ ވިދާޅުވި އެވެ. އަދި ޝިފާޒް ބައްދަލުވުމަށް ވަޑައިގަންނަވާތޯ، ގަޑިޖެހުނު ފަހުން ވެސް މަޑުކުރިކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރޭ ވިދާޅުވި ގޮތުގައި ކޮމިޓީގެ މުގައްރިރު ނެތުމަކީ އެއީ ބައްދަލުވުމެއް ނުގެންދެވެން ޖެހޭ ސަބަބެއް ނޫނެވެ. އަދި ނައިބު މުގައްރިރެއް ހުރުމާއި އެކު އަސާސީ ގަވައިދުން ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ތަންދޭކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ބައްދަލުވުން ކުރިޔަށް ގެންދިއުން އަސާސީ ގަވައިދާއި ހިލާފުވީ ގޮތަކާއި ގުޅޭގޮތުން އޭނާ ސުވާލު ކުރެއްވި އެވެ. އެހެންކަމުން، އާއްމުކޮށް އަމަލު ކުރާ އުސޫލާއި އެއްގޮތަށް މާދަމާ ކޮމިޓީގެ ނިންމުން އިލެކްޝަންސް ކޮމިޝަނާއި ހިއްސާކޮށް އާޒިމް އެމްޑީޕީގެ ދަފްތަރުން އުނިކޮށްދޭން އެދި ހުށަހަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

އީސީއަށް އެ ހުށަހެޅުން ފޮނުވި ނަމަވެސް، ވަކި ކުރުމަށް ނިންމާ ކޮންމެ މީހަކަށް ވެސް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް އެ ނިންމުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކޮށް އިބްރޭ ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދުގައި އެކަން ކުރިޔަށް ގެންދަން ވީ ގޮތް އޮންނާނެކަމަށެވެ. އިބްރޭ ވިދާޅުވީ ވަކި ބޭފުޅަކަށް ނުވަތަ ވަކި ބަޔަކަށް ވީތީ އެއްވެސް ފިޔަވަޅެއް މަޑުޖެހިފައި އޮވެދާނެކަމަށް ހީކޮށްގެން ނުވާނެކަމަށެވެ.

މީގެއިތުރުން އިބްރޭ ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީ އަލަށް އެކުލަވާލައި ފެށި މަސައްކަތުގައި ޝިފާޒް އެއްވެސް ވަރަކަށް ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި މިއީ ފިޔަވަޅު އަޅާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ނޫންކަމަށާއި، އެހެން ކަމުން އާޒިމް ދައްކަވާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ޕާޓީން ވަކި ކުރުމަށް ނިންމައި އެޅި ފިޔަވަޅުތަކުގެ ތަފްސީލީ ރިޕޯޓު ވެބްސައިޓުގައި ވަނީ އާއްމުކޮށްފަ އެވެ.

އެގޮތުން ކޮމިޓީގެ ރިޕޯޓުގައި ވާގޮތުން މައްސަލަ ލިބިފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް އާޒިމް ހަރަކާތްތެރިވާކަމާއި، އެކަންކަމަކީ ފިޔަވަޅު އަޅަން ޖެހޭ ސަބަބުތަކެއްކަން ފާހަގަކޮށް ފިޔަވަޅު އަޅައިދޭން އެދި ޕާލިމަންޓް ގުރޫޕުގެ ފަރާތުންނެވެ. ޕީޖީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާއަކީ އާޒިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައި ވުމެވެ. ދެވަނަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ސިޔާސީ ގޮތުން އިދިކޮޅު ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިއުންތައް އަމާޒުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ދެ ފަހަރެއްގެ މަތީން ބައިވެރިވެފައި ވުމެވެ.

އަސާސީ ގަވައިދާއި ހިލާފުވާ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ހާމަކޮށް، އެމްޑީޕީން ތަކުރާރުކޮށް އިންޒާރުތައް ދިނެވެ. ދެން އިތުރަށް މިވަގުތު ހޫނުވެފައިވާ ދެވަނަ މައްސަލައަކީ، ރައީސް ނަޝީދާއި އަރިސް މެމްބަރުންގެ އެމްޑީޕީގެ ސްލޮޓުތަކުން ބަދަލު ކުރުމަށް ޕީޖީ ގުރޫޕުން ފޮނުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: