ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލު އޮފިސަރުންގެ އަސާސީ ތަމްރީންގެ ދަސްވެނިވުން ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 9 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މިއީ އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗެވެ.

31 ޖެނުވަރީ 2023 ގައި ފެށި މި ޓްރޭނިންގ އަކީ 03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޓްރޭނިންގއެކެވެ. 53 ޓްރޭނީއިންނާއެކު މި ޓްރޭނިންގ ޕްރޮގްރާމް ފަށާފައިވާއިރު، އޭގެ ތެރެއިން 51 ޓްރޭނީން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށް ދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުން ހިމެނުނެވެ. އަދި ހުރިހާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވާއިރު، ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވާފައިވެއެވެ. މީގެ އިތުރުން އެންމެ ދުޅަ ހެޔޮ ނުވަތަ “ފިޓަސްޓް” އަންހެން އަދި ފިރިހެން އޮފިސަރާއި ސެޓްފިކެޓް އަދި ޝީލްޑް ޙަވާލުކޮށްދެއްވާފައިވާއިރު، “ބެސްޓް އޯލް ރައުންޑް” އަށް ހޮވިފައިވާ އޮފިސަރަށް ސެޓްފިކެޓް، ޝީލްޑް، ސޭޝް އަދި ބެރޭ ޙަވާލުކޮށްފައިވެއެވެ. މިގޮތުން އެންމެ ދުޅަ ހެޔޮ އަންހެން އަދި ފިރިހެން އޮފިސަރުންނަކީ ޕްރިޒަން ޕްރައިވެޓް އަމާނީ އަޙްމަދު އާއި ޕްރިޒަން ޕްރައިވެޓް މުރުތަލާ އަދްނާންއެވެ. އަދި “ބެސްޓް އޯލް ރައުންޑް” ގެ  ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރިޒަން ޕްރައިވެޓް އާދަމް މުޒްހިރްއެވެ. މީގެ އިތުރުން ކޮންމެ ޕްލެޓޫންއަކުން އެންމެ ފާހަގަކޮށްލެވޭ އޮފިސަރުންނަށް ޝީލްޑް ދެވިފައިވާއިރު، އެންމެ މޮޅު ޕްލެޓޫން އަށް ވަނީ ޓްރޮފީއެއް ދީފައެވެ. ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ  ޣާޒީ އަލްއުސްތާޛު މޫސާ ނަސީމްއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲ ދަސްވެނިންނާ މުޙާތަބްކުރައްވަމުން ވިދާޅުވީ އެ އޮފިސަރުން ހާޞިލްކުރި ތަމްރީނަކާއި ލަނޑުދަނޑިތަކެއް ކަމަށާއި އެގޮތުގެ މަތިން މުޅި ހަޔާތުގެ ދުވަސްތައް ހޭދަކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ވަކި މުވައްސަސާތަކެއް ކަނޑައަޅާފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ އޭގެ ތެރެއިން މުހިއްމު އެއް މުވައްސަސާކަމަށާއި އެ ބޮޑު ޒިންމާ އަދާކުރުމުގައި މި ސަރވިސްގެ އޮފިސަރުންނަކީ ވަރަށް މުހިއްމު ބައެއް ކަމުގައި އަދި ތަމްރީންފުރިހަމަކޮށް ދަސްވެނިން ހަވާލުވަނީ ޤައުމީ ބޮޑު ޒިންމާއަކަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން އެކަމުގައި ސާބިތުވެ ތިބުމަކީ ދަސްވެނިންކިބައިން މިނިސްޓަރ އެންމެ ބޮޑަށް އެދިލައްވާ ކަންތައް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ 50 އަހަރު އެކި ނަންނަމުގައި ޖަލު ބެލެހެއްޓުމުގެ ޚިތްމަތް އޮތްނަމަވެސް، ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖަލުގެ އާބާދީއާ އެކަށޭނެ އޮފިސަރުންގެ އަދަދުގެ 30 އިންސައްތަ، ގާތްގަނޑަކަށް 300 އޮފިސަރުން ރެކްރޫޓްކޮށް، ތަމްރީންދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލުތަކުގެ އުމްރާނީ ހާލަތްތައް އަދިވެސް ރަނގަޅުކުރަންޖެހޭ މިންވަރު ބޮޑުވެ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ވޭތުވެ ދިޔަ ދުވަސްތަކުގައި ގާތްގަނޑަކަށް 230 ޖާގަ އިތުރުކޮށްފައިވާކަމަށާއި އިތުރު 180 ވަރަކަށް ޖާގަ ކުރިއަށްއޮތް ދެތިން މަސް ތެރޭ ތައްޔާރުވުމުން ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބި، އޮފިސަރުންގެ މަސައްކަތަށް ލުއި ކަމެއް ލިބިގެމްދާމެކަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރިހެބިލިޓޭޝަނަށް އިސްކަންދޭ މިންވަރާއި އެކަން ކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ފާހަގަކުރެއްވީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުންކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވަމުންދާކަމެވެ. އަދި ޖަލަށް ގެންނަ މީހުން ބަންދުކޮށްފައި ބެހެއްޓުމުގެ އިތުރުން، ޒިންމާއަކަށް ވާންޖެހޭނީ ލިބުނު ތަމްރީނުގެ ޢަލީގައި އެމީހުންނާއެކު ރަނގަޅަށް މުޢާމަލާތްކޮށް، އެމީހުން އިސްލާހުކޮށް އަނބުރާ ޖަލަށް ނާންނާނޭ ފަދަ ރަނގަޅު އަފުރާދެއްގެ ގޮތުގައި މުޖްތަމަޢަށް ނެރުންކަމުއި މިނިސްޓަރ ވިދާޅުވިއެވެ. އަދި އޮފިސަރުން ކޮންމެ ދުވަހަކުވެސް ބިރުވެރި ނުރައްކާތެރި އެތައްކަމަކާ ކުރިމަތިލާންޖެހޭއިރު، އެ ޙާލަތްތަކުގައި ފުރިހަމަކުރި ތަމްރީނާއެކު ކެތްތެރިކަމާއި އޯގާތެރިކަމާއި ސާބިތުކަންމަތީ އަދި އެއްވެސް ކުށްވެރިއަކަށް އަނިޔާވާނެފަދަ އެއްވެސް ކަމެއް ނުކޮށްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލާފައިވަނީ ކޮމިޝަނަރގެ ބަހަކަށް ޙަވާލާދެއްވަމުންނެވެ.

ކޮމިޝަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، 27ވަނަ އަސާސީ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިން ކުރި ހިތްވަރާއި މަސައްކަތަށް ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރިއެވެ. ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ފަރުމާކުރެވިފައިވަނީ ޖަލުތައް ބެލެހެއްޓުމާއި ޖަލުގައި ހިނގާފާނެ ޙާލަތްތަކާއި ޖަލުތަކާއި ޕެރޯލް ޤާނޫނު ތަޞައްވަރުކުރާފަދަ ގޮތަށް، އިންސާނީ ހައްޤުތައް ހިމާޔަތްކުރާފަދަ ގޮތަށް އޯގާތެރިކަމާއެކު ޖަލަށްގެނެވޭ މީހުން ބެލެހެއްޓޭ ގޮތަށް ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ދަސްވެނިވި އޮފިސަރުން މަސައްކަތު ސަފާ ގުޅި، އާ ޖީލެއް އުފެދިގެންދާނެ ކަމަށާއި މަޤްޞަދުތައް ހާޞިލުކުރުމަށް ކޯހުގައި ކިޔަވާދެވުނު ފިލާވަޅުތަކާއި އަމަލީގޮތުން ކުރި ތަޖުރިބާގެ ބޭނުންހިފާ، ނަތީޖާ ނެރެދިނުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. މި ކޯސް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ކޯހުގައި އުގަންނާދިނުމުގައި މަސައްކަތްކުރާ މުދައްރިބުންނަށް ބޭނުންވާނެ ހުނަރާއި މަޢުލޫމާތު ކުރިއަށްއޮތް ތަނުގައި އިތުރަށް ތަރައްޤީކުރަމުން ދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ބޮޑު ޒިންމާއަށް ޢަލި އަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ ޕްރިޒަން އޮފިސަރެއްގެ ހައިޞިއްޔަތުން ކުރާ އަދި ނުކުރާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެކަމަށެވެ. ޕްރިޒަން އޮފިސަރެއްގެ ގޮތުގައި ވަޒީފާއާ ގުޅިގެންދާއިރު، ފުރިހަމަ ކުރި ތަމްރީނުގެ ބޭނުންކޮށް، ޖަލަށް ގެންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އެމީހުންނާމެދު އޯގާތެރިކަމާއި ކެތްތެރިކަމާއެކު ޢަމަލުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތާގައިވެސް އިތުރު ތަމްރީންތަކުގެ ފުރުޞަތުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ކޮމިޝަނަރ ބައިވެރިންނަށް ދެއްވިއެވެ.

އައިކޯސްޓްގެ މުދައްރިބުންނަށާއި މުވައްޒަފުންނަށް މުޙާތަބްކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ޒާމާނަށް އަންނަ ބަދަލުތަކާއި ކުށުގެ ވެއްޓަށް އަންނަ ބަދަލުތައް ރަނގަޅަށް ދެނެގަނެ، ގިރާކުރަންޖެހޭ ކޮންމެ ގޮންޖެހުމެއް ގިރާކުރެވޭނޭ ފަދަ ގޮތަށް ކަރެކްޝަންސްގެ ތަމްރީންތައް އިތުރަށް ހަރުދަނާ ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އައިކޯސްޓްގެ އޮފިސަރުން އުފުލާ ބުރައާއި މަސްޢޫލިއްޔަތު ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ ލިބެންހުރި މަދު ވަޞީލަތްތަކަކާއެކު ފާއިތުވި ތިން އަހަރު އައިކޯސްޓްއިން ކޮށްފައިވ މަސައްކަތް ބަލައިގަންނަވާކަމަށެވެ. އަދި އައިކޯސްޓްގެ ޑައިރެކްޓަރ އެސްޕީ މޫސާ އަންވަރު އަށާއި އައިކޯސްޓްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުދެންނެވިއެވެ.

ޖަލަށް ގެންނަ ފަރާތްތަކުގެ ތަފާސް ހިސާބަށް އިޝާރާތްކޮށްލައްވަމުން ކޮމިޝަނަރ ވިދާޅުވީ އެވެރޭޖްކޮށް ކޮންމެ މަހަކު 64 މީހުން އެމްސީއެސްގެ ބެލުމުގެ ދަށަށް އަންނައިރު، ޖަލުން އެކި ސަބަބުތަކަށް ދޫކޮށްލަންޖެހެނީ ނިސްބަތުން 45 މީހުން ކަމުގައި އާއި ފާއިތުވި އަހަރުގެ ބަޖެޓަށް ބަލާއިރު، 20،000 ރުފިޔާ ނިސްބަތުން މީހެއްގެ ބޮލަށް ހޭދަކުރަންޖެހޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެހެން ކަމުން ދިވެހި ދައުލަތުން ކުރަމުންދާ ބޮޑު ހޭދަ އާއި މިކަމުން ހާޞިލްކުރަންޖެހޭ ބޮޑު ނަތީޖާ އާއި ހެއު ބަދަލު ދައްކަދޭން ޖެހޭކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.

ޖަލުގައި ހިންގުނު ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ހިންގުމަށް ދަސްވެފައިވާއިރު، އެ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތައް ޖަލުން ނެރުމުން ކުރިމަތިވާ ގޮންޖެހުންތަކަށް އަހުލުވެރިވާންޖެހޭ ކަމަށެވެ. މިގޮތުން ފުރަތަމަ ފްރޮގްރާމްގެ ދަށުން މުޖްތަމަޢުއަށް ދޫކުރި 32 މީހުންގެ ތެރެއިން 10 މީހުންގެ މައްސަލަތައް އުޅެ ފަސް މީހުން އަނބުރާ ޖަލަށް އައިސްފާވާއިރު، 22 މީހުން ކާމިޔާބުކަމާއެކު މުޖްތަމަޢުގައި އުޅެމުންދާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު ޓްރަޔަލް އަކަށް ބޭނުންކުރަން ފެށި ބޮޑީ ވޯން ކެމެރާތައް ދާދި އަވަހަށް އޮފިސަރުން ރަސްމީކޮށް ބޭނުންކުރަން ފަށާނެކަމަށާއި އޭގެ ސަބަބުން ޖަލުގައި ބަންދުކޮށްފައިތިބި ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުވެ، ޖަވާބުދާރީވާންޖެހޭ އިދާރާތަކަށް ޖަވާބުދާރީ ވުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ޒަމާނީ ވަޞީލަތްތަކާއެކު އެމްސީއެސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާކަމަށާއި އެއާއެކު ކުރިއަށްއޮތްތާނގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާޞިލްކުރެވިގެން ދިއުމުން ވަރަށް ގިނަ ކަންތައްތަކަށް ހައްލު ލިބިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: