ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި “ސިއްކަ” ޖެހެން ދެން މާ ގިނަ ދުވަހެއް ނެތެވެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް . ދެ ބޭފުޅުން ސަލާން ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަންޑޭލާ ކަމަށް ދައުވާކުރާ އަދި ރާއްޖޭގެ ޑިމޮކްރެސީ ބައްޕަ ކަމަށް ވަކާލާތު ކުރައްވާ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ފަރުދާގެ ފުރަގަހުގައި ހުންނައިވެގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރާން ފެށުމުން ހަނދާނަށް އަންނަނީ އެމަނިކުފާނުގެ ކޮށްކޯފުޅު އަދި މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ދައްކަވާފައިވާ ވާހަކަފުޅެވެ. އެ ވާހަކަފުޅަކީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވާދަކޮށް ބަލިވިވާ މީހުންގެ ވާހަކައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިވާ ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އިންތިހާބެއް ނުވަތަ ޕާޓީ ޕްރައިމަރީއެއްގައި ބަލިވީމާ އަލުން އަނެއްކާ އެ އިންތިހާބުގައި އަމިއްލަ ގޮތުން ނުވަތަ އެހެން ގޮތަކަށް ވެސް ވާދަ ކުރުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށެވެ. އިވާ ވިދާޅުވީ މީހަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވަނީ އެ ސިޔާސީ ޕާޓީއެއްގެ އަސާސްތަކާއި އުސޫލްތައް ގަބޫލުކޮށް އެ ސިޔާސީ ޕާޓީއެއްގެ ވިސްނުމަށް އިޙްތިރާމްކޮށް ތާއިދު ކުރާތީ ކަމަށެވެ. އަދި މީހަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވަނީ އެ މީހަކު އެ ސިޔާސީ ޕާޓީއެއްގައި ހުރެ ބޭނުންވާ ކަންތައް ވާނަމަ އެކަނި އެ ސިޔާސީ ޕާޓީއެއްގައި ހުންނަން ނޫން ކަމަށް ވެސް އިވާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ސިޔާސީ ޕާޓީއެއްްގެ މެމްބަރަކަށް މީހަކު ވަނީ އެ މީހަކު އެ ބޭނުންވާ މަގާމަކަށް އިންތިހާބުވާތީ އެކަނި އެ ސިޔާސީ ޕާޓީއެއްގައި ހުންނަން ނޫން ކަމަށް ވެސް އިވާ ވަނީ ވިދާޅުވެފައެވެ.

އިވާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ބަލިވީމާ ޕާޓީ ގޯސް ކުރުމަށް ފަހު އަލުން އިންތިހާބަށް ނިކުތުމަކީ ވަަރަށް ހުތުރު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބުގައި ވާދަ ކުރާ މީހަކު ވެއްޖިއްޔާ ކޮންމެވެސް އެއްގޮތަކަށް ނިންމަން ޖެހޭ ކަމަށާއި އެގޮތުން ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާނީތޯ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަނީތޯ ނިންމަން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ޕާޓީގެ ޓިކެޓަށް ވާދަކޮށް ބަލިވީމާ އެ ޕާޓީ ގޯސްކޮށް އަލުން އިންތިހާބަށް ނިކުތުމަކީ ސިޔާސީ ޕާޓީތަކުގެ ނިޒާމް ބަލައި ނުގަތުން ކަމަށް އީވާ ވިދާޅުވިއެވެ.

މިއަދު އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދާއި ހުދު އިވާ އަމަލުފުޅު ކުރައްވަމުން ގެންދަވާ ގޮތަކީ އިވާ އެ ވިދާޅުވެފައިވާ ގޮތަށްނަމަ ވަަރަށް ހަޑިހުތުރު ގޮތަކަށެވެ. އިންތިހާބުގައި ވާދަ ކުރާނެ ސިދާ ވަކިގޮތެއް ނުނިންމާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭތޯ ޓްރައި ކޮށްލީއެވެ. ޕާޓީގެ ޓިކެޓް ނުލިބުނީމާ ޕާޓީ ގޯސްވީއެވެ. އެންމެ ފަހުން ބޭނުންވާ މަގާމް ނުލިބުމުން ނުވަތަ ބޭނުންވާހާ ގޮތަކަށް ޕާޓީގެ ތެރޭގައި ކަންކަން ނުކުރެވުމުން އޮޑިން ފުންމާލާ އިންތިހާބުގައި ވާދަ ކުރާނެ އެހެން ގޮތެއް ހޯދަން ނިންމީއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ މީހުން މިއަދު ގަބޫލުކުރާ ގޮތުގައި އިންތިހާބަކަށް ވާދަކުރުމަށްޓަކައި ޕާޓީގެ ޓިކެޓް ހޯދުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވީމާ ބަލި ގަބޫލު ނުކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. ކުރިން އެއީ ޑިމޮކްރެސީއަށް ނުވިޔަސް މިއަދު އެއީ ވެސް ހަމަ ޑިމޮކްރެސީއެވެ. ވާނީވެސް އެހެންނެވެ. ބޭނުންވެގެން މިއުޅެނީ ހަމަ އެންމެ ކަމެލެވެ. ވެރިކަމެވެ. ވެރިކަމުގެ ތަޙްތެވެ.

ވެރިކަން ހޯދުަމަށްޓަކައި ކުރެވެން އޮތް ހުރިހައި މަސައްކަތެއް ކުރަނީއެވެ. ނަމަވެސް މާޒީގެ ސަފްހާތައް ހުޅުވާލުމުން ފެންނާން ހުރި ހަގީގަތަކީ ރައީސް ނަޝީދުގެ ހުދުމުހުތާރު ކަމާއި ލިބުނު ނާކާމިޔާބީއެވެ. މިއަދު ރައީސް ނަޝީދު އެ ކުރެއްވި ކަމަކީ ނުވަތަ ކުރައްވާ މަސައްކަތްޕުޅަކީ އެ މަނިކުފާނު އެ ބޭނުންވާ ކަންކަން  ހާސިމް ކުރުމަށް އެތައް ބަޔަކު އެތައް ގުރުބާނީތަކެއް ވެގެން އުފަން ކުރި ސިޔާސީ ޕާޓީ ފުނޑާލުމުގެ މަސައްކަތެވެ. ފެހި ގާނޫނުއަސާސީން ހޯދި މިނިވަންކަންކަން ވަކި މީހެއްގެ ވަށައިގެން އެނބުރޭ އެނބުރުމަކަށް ގައްދަވަނީއެވެ. ނަމުން ޑިމޮކްރެސީއެވެ. ކަމުން ޑިކްޓޭޓަރޝިޕެވެ.

ބުނާ ގޮތުންނަމަ ސިޔާސީ ޕާޓީތައް އުފެއްދީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިމުގައި ފެނުނު އެކަކު ވަށައިގެން އެބުނރޭ އެނބުރުން ނިމުކަމަށް ގެނެސް އެކަކަށް ސިޔާސީ މައިދާނުގައި އުޅޭވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޖާގަ ދިނުމުގެ ނުވަތަ ހޯދުމުގެ މަގުސަދުގައެވެ. މިކަމަށް އެންމެ ބޮޑަށް އަޑުއުފުލި ވަކާލާތު ކުރި އެއްޕާޓީއަކީ މިއަދު ރާއްޖޭގައި ވެރިކަން ކުރަމުންދާ އެމްޑީޕީ އެވެ.

އެމްޑީޕީން ޑިމޮކްރެސީއަށް ކުރާ މި ދަތުރުގައި ދައްކަމުން އަންނަ އެއްވާހަކައަކީ ރާއްޖެއިން “މައުމޫނިޒަމް” ގެ ސިފަތައް ނައްތާލަން ޖެހޭ ކަމަށެވެ. އެކަމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޕާޓީއަކީ ވަކި މީހެއްގެ ޕާޓީއަކަށް ހެދުމުގެ ބަދަލުގައި އެއީ ފިކުރެއްގެ ގޮތުގައި ހެދުމަށް އެމްޑީޕީން ވަކާލާތު ކުރިއެވެ. ހާއްސަކޮށް އެކަކު ވަށައިގެން އެނބުރޭ އެނބުރުން ވަކި މީހަކު ތާއަބަދު “ބޮޑު” މަގާމުގައި ހުންނަ ހުރުން އެއީ “މައުމޫނިޒަމް” ސިފަ ކަމަށް ރައްޔިތުންނަށް އަންގައިދިނީ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އެ ވިދާޅުވާ “މައުމޫނިޒަމް” ގެ ސިފަތައް ފެންނަނީ ކޮންބައެއްގެ ނުވަތަ ކޮން ޕާޓީއެއްގެ ، ކޮން ބޭފުޅެއްގެ ފަރާތުންތޯއެވެ؟.

“ދި ޑިމޮކްރެޓްސް” ގެ ނަމުގައި ރައީސް ނަޝީދު އައު ސިޔާސީ ޕާޓީއެއް އުފެދުމުގެ މަސައްކަތް އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރައްވާއިރު މަޒީގައި ވެސް ރައީސް ނަޝީދުގެ އަމަލުފުޅުތައް ހުރީ ހަމައެގޮތަށެވެ. ޑިމޮކްރެޓިކް ނަން ލިޔެގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވިޔަސް އަމަލުން ދައްކުވައިދެނީ ހުދުމުހުތާރު ކަމެވެ.

އެމްޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސްއެވެ. ދެން ނައިބް ރައީސްއެވެ. އަދި އިދާރީ ހިންގުން ހަވާލު ކޮށްފައި ވަނީ ޕާޓީގެ ޗެއާޕާސަންއަށެވެ. ނަމަވެސް އެމްޑީޕީ ވެރިކަމުގައި ތިބޭއިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ނުވަތަ އިސް ލީޑަރަކީ ޕާޓީގެ ޓިކެޓުގައި ވާދަކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ފަރާތެވެ. އެހެން ކަމުން މިއަދު އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ތާރީހަށް ބަލާއިރު އެމްޑީޕީގެ ފުރަތަމަ ރައީސްއަކީ އިބްރާހިމް އިސްމާއީލްއެވެ. ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް ފެނިގެން ދިޔަ މަންޒަރަކީ ޕާޓީގެ ރައީސްއަށްވުރެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝީދުގެ ބާރު ގަދަ މަންޒަރެވެ. ޕާޓީގެ ރައީސްގެ ބާރުތައް ވެސް ބޭނުން ކުރައްވަމުން ގެންދެވީ ނަޝީދެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ ރައީސްއަށް ވުރެ ޕާޓީ އިދާރީ ގޮތުން ހިންގަވަން އޭރު ހުންނެވި ނަޝީދުގެ މަގާމް މާ ބޮޑެވެ. ނަޝީދުގެ އާ ބަސް ނެތި ޕާޓީ ތެރޭގައި ކަމެއް ކުރުމަކީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށް އޭރުވެފައިއޮތެވެ. ނަތީޖާއެއްގެ ގޮތުން އިބްރާހިމް އިސްމާއީމްއަށް ޖެހުނީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދޭށެވެ. އޭގެ ފަހުން އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވި ޑރ މުހައްމަދު މުނައްވަރަށް ވެސް ޖެހުނީ ހަމަ އިބްރާހިމް އިސްމާއީލްއަށް ޖެހުނު ހާލެވެ. ޕާޓީގެ ރައީސްގެ ބާރުތައް އޭރު ޕާޓީގެ ޗެއާޕާސަންގެ މަގާމް ފުރައްވަމުން ގެންދެވި ރައީސް ނަޝީދު ހިފެހެއްޓެވީއެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ އިންތިހާބީ ދެ ރައީސުން އިސްތިއުފާ ދޭން ޖެހުނީ ރައީސް ނަޝީދު ޕާޓީގެ ހުރިހައި ބާރެއް އެމަނިކުފާނުގެ މުށުތެރެއަށް ލައިގެން ހުންނެވުމުންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެ ސިފައަކީ “މައުމޫނިޒަމް”ގެ ސިފަ ކަމަށް އަޅުގަނޑު ބުނާކަށް ނެތީމެވެ. އަދި އެއީ ޑިކްޓޭޓަރޝިޕޭ ނުވަތަ ހުދުމުހުތާރު ކަމޭ ވެސް ބުނާކަސް ނެތީމެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނުއިރު ވެސް އެމްޑީޕީގެ ހުރިހައި ކޮންޓްރޯލެއް އޮތީ ނަޝީދުގެ އަތްޕުޅުގައެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދަށް ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމުން ޕާޓީގެ ޗެއާޕާސާންގެ މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ސަބަބަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ މަގާމް ރައީސް ނަޝީދަށް ލިބުމެވެ. އަދި ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދިނުމާއި ހަމައަށް އެމްޑީޕީ ހިނގަމުން ދިޔައީ ނުވަތަ ހިންގަމުން ދިޔައީ ރައީސް ނަޝީދު ވިދާޅުވި ގޮތަކަށެވެ. އެއީ ޕާޓީގެ އިސް ލީޑަރު ކަމަށް ވާތީ އެކަން އެގޮތަށް ކުރެއްވީ ކަމަށް އޭރު ހީކުރެވުނެވެ. ނަމަވެސް ކަމުގެ ހަގީގަތް ހާމަވެގެން ދިޔައީ އޭގެ ފަހުންނެވެ.

ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމްޑީޕީއަށް ތިން ވަނަ ފަހަރަށް  ރައީސްއަކު އިންތިހާބު ކުރެވުނެވެ. އެއީ ޑރ އިބްރާހިމް ދީދީއެވެ. ޑރ ޑީޑީއަށް ޖެހުނީ ޕާޓީގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނަށް ޖެހުނު ހާލެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު ޕާޓީގެ ލީޑަރޝިޕުގައި ރައީސް ނަޝީދަށް ބާރުވެރި ކަމެއް ނެތުމުން ނުފޫޒުގެ ބޭނުން ކުރައްވައިގެން ޑރ ޑީޑީ އެމްޑީޕީގެ ރައީސްގެ މަގާމުން ވަކިކުރެއްވީއެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް މާ ކުރީއްސުރެ ހޯއްދަވައި ޕާޓީގައި ގެއްލިފައި އޮތް ކޮންޓްރޯލް އަލުން އަނބުރާ ހޯއްދެވިއެވެ. އޭގެ ފަހުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ނާކާމިޔާބު ވެވަޑައިގަތުމުން ހުސްވެފައިވާ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ އެއްވެސް ވާދަވެރިކަމެއް ނެތި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ޕާޓީގެ ރައީސްގެ މަގާމަށް ފުރަތަމަ ފަހަރަށް ވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް ވަޑައިގަތުމާއިއެކު ކުރިން ނެތް ބަދަލެއް ނުކޮށް އޮތް ކަމެއް ކުރިއެވެ. އެގޮތުން ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ގައުމީ މަޖިލީހުގެ މެމްބަރެއް ނޫނެވެ. އަދި ގައުމީ މަޖިލީހުގައި ހުންނެވޭ ބޭފުޅެއް ވެސް ނޫނެވެ. ނަމަވެސް ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް އައުމާއިއެކު ޕާޓީގެ ރައީސްއަށް ގައުމީ މަޖިލީހުގައި ބައިވެރިވެވޭ ގޮތް ހަދާ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ކަނޑައެޅިއެވެ. މިއީ އެ ވިދާޅުވާ ޑިމޮކްރެޓްސްގެ އަމަލުތައް އޭރުވެސް އަދި މިއަދުގެ ވެސް ހުރި ގޮތުެވެ.

އެމްޑީޕީއަށް 17 އަހަރު ފުރިފައިވާއިރު އެމްޑީޕީ އުފެދިގެން މިއަދާއި ހަމައަށް ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށެވެ. އެއީ ވެސް ރަޝީދަށް ކުރިމަތިލެވެން ނެތުމުން ލިބުނު ފުރުސަތެކެވެ. ހަމައެހެންމެ އެމްޑީޕީއަށް 17 އަހަރު ވެގެން ދިޔައިރު އެމްޑީޕީގެ ރައީސްގެ މަގާމްގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވުނީ ރައީސް ނަޝީދަށް އެކަޏެވެ.

އެމްޑީޕީ އުފެދުނީއްސުރެ މިއަދާއި ހަމައަށް ރައީސް ނަޝީދުގެ ފަރާތުން ނުފެނުނު ޑިމޮކްރެސީއެއްް މާދަމާ ނުފެންނާނެއެވެ. އަމުދުން އިންތިހާބަކުން ނާކާމިޔާބުވެ ވަޑައިގަުމުން އައު ސިޔާސީ ޕާޓީއެއް ހަދައިގެން ގެނެވޭނެ ޑިމޮކްރެސީއެއް ނޯންނާނެއެވެ. އިވާ ވިދާޅުވެފައިވާ ފަދައިން ރައީސް ނަޝީދު އެ ކުރައްވާ މަސައްކަތަކީ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި ބީރަށްޓެހި ހުތުރު މަސައްކަތެކެވެ. ސާބިތުކޮށްދެއްވަނީ ސިޔާސީ ޕާޓީތަކުގެ ނިޒާމް ބަލައި ނުގަންނަ ކަމެވެ. ހަގީގަތުގައި އެމްޑީޕީގެ އާސާސްތައް ގެއްލުނީއެއް ނޫނެވެ. ނަޝީދު ޕާޓީގެ ރިޔާސީ ޕްރައިމަރީން ބަލިވެ ޕާޓީގެ ކޮންޓްރޯލް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީއެވެ. ބަރުލަމާނީ ނިޒާމެއް ގެންނަން ސިޔާސީ ވެރިންގެ ބޮލަށް ޖަހަން މަސައްކަތް ކުރި ޗިޕް ނުޖެހުނީއެވެ. ފެއިލްވީއެވެ. ގޮތް ހުސްވީއެވެ.

މިއަދުގެ ހަގީގަތަކީ ރައީސް ނަޝީދު ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް މެޗު އެނބުރިއްޖެއެވެ. ދެން ފެނިގެންދާނީ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިގެންދާ ތަނެވެ. އޭރުން މަނިކުފާނުގެ ތިޔަ ޑިމޮކްރެސީގެ ފިލްމްވެސް ނިމުނީއެވެ.

ވަރަށް ގަދަ
72%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: