ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުލު އިންސާފް ގާއިމްކޮށްދިނުމުގައި ދައުލަތްވަނީ ފެއިލްވެފައި: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

އަދުލު އިންސާފް ގާއިމްކޮށް ދިނުމުގައި ދައުލަތް ފެއިލްވެފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާލުވެއްޖެއެވެ.

އެމްއެންޕީ އިން މިރޭ ރިޔާސީ ޓިކެޓް ހަވާޅުކުރުމާއި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ މިއަދު ސަރުކާރުވަނީ އަދުލު އިންސާފު ގާއިމް ކުރުމުގައި ފެއިލްވެފައި ކަމަށެވެ. އެގޮތުން ކުށްކުރާ މީހުން ދޫކޮށްލުމާއި ޝަރީއަތްތައް ލަސްވުމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ނުބެލިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ އަދުލުއިންސާފުގެ ނިޒާމް ނަގާ ކޮޅަށްޖަހަންޖެހޭ ކަމަށެވެ.

ރައްޔިތުން ރައްކާތެރިކޮށްދޭން އެބަޖެހޭ. އަދަބު ތަންފީޒްކޮށްދޭ ގޮތް ހަދަން އެބަޖެހޭ. ކުށުގެ ބާވަތުން އަދަބު ކަނޑައަޅައި އަފްއާމް ނުދެވޭ ކުށްތަކެއް ކަނޑައަޅަން އެބަޖެހޭ.. ޖީލުތަކެއް އެކުގައި ހަލާކުވެގެން ދިޔައިރު 30 ކިލޯއިން 40 ކިލޯއިން މަސްތުވާތަކެތި ގެންނަ މީހާ އަށް މަރުގެ އަދަބު ނުދޭންވީ ސަަބަބެއް ކޮބައިތޯ؟ އޮންނާކަށް ނުވެސްޖެހޭ އިނގޭތޯ !

ނާޒިމް ވިދާޅުވީ އެންމެންގެ ސަލާމަތަށްޓަކައި މިއަދު މަރުގެ އަދަބު ތަންފީޒްކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ މާލީ ދާއިރާއަށް ބަލައިލިއަސް ކަންހުރީ މިހާލުގައި. ދައުލަތުން ގެއްލޭ ފައިސާ އާއި ހޯދަންޖެހޭ ފައިސާގެ މައްސަލަތައްވެސް ވަނީ ސިޔާސީ ހަރަކާތަކަށް ހަދާފައި. އެމްއެމްޕީއަރުސީގެ ހިޔާނާތުގެ ފައިސާ އާއި  ވެންޓިލޭޓަރު ހިޔާނާތުގެ ފައިސާ އެތައް ބިލިއަން ރުފިޔާއަކަށް އަރާއިރު، އެފައިސާ ދަންނަވަންތޯ ލިބޭނެ ދުވަހެއްވެސް ބުނެދޭން އިނގޭ މީހަކު މި ފަސްގަނޑަކު ނެތް.

ނާޒިމް ވިދާލުވީ މީރާއަށް 15 ބިިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭއިރު، އެފައިސާ މިއަދާ ހަމައަށް ނުލިބިފައިވާ ކަމަށެވެ.

ގެއްލުމުގެ ބަދަލުގެ ނަމުގައި ޝަރުއީ ހުކުމެއް ނެތި އެތައް ސަތޭކަ މިލިއަން ރުފިޔާއަކާއި، ރަށްރަށާއި ފަޅުތައް ވަނީ މިހާތަނަށް ދޫކޮށްފައި ޕަބްލިކް ބޭންކް އެކައުންޓް ވަނީ އޯވަރ ޑްރޯ ކުރެވިފައި. މިދައުރުގައި 4.2 ބިލިއަން ރުފިޔާ ޗާޕްކޮށްފި. ރާއްޖޭގެ ޔޫސެބަލް ރިޒާވްގައި ހުރީ ދެމަސްދުވަހުގެ ކާޑު ހޯދޭވަރުގެ ފައިސާ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން 100 އިންސައްތަ އަށް ވުރެ މައްޗަށް ގޮސްފައިކަމަށް ވިދަޅުވެފައެވެ.

ދައުލަތަށް ފައިސާ ލިބެމުންދިޔަ ބޮޑެތި ކުންފުނިތައްވަނީ ބަލިކަށިވާން ފަށާފައިކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މޫޑިސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މި ފަސްއަހަރުގެ ތެރޭގައި ތިން ދަރަޖައަށް ވެއްޓިފައިކަމަށް ނާޒިމް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ގޮތުން ބަލާ ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެ ވަނީ 9 ދަރަޖަ ފަހަތަށް ގޮސްފައި. އެހެން ނަމަވެސް ސަރުކާރުގެ ހަރަދުތައް ދަނީ މައްޗަށޭ އިނގޭތޯ. ސަރުކާރު ހަރަދުތައް މައްޗަށް. ސިޔާސީ މުވައްޒިފުން ވަނީ އިތުރު، ހަޒާނާ ވަނީ ހުސް. ނަގަމުންދަނީ ލޯނު ލޯނު ނުލިބުނީމާ ތިބޭފުޅުންގެ އަތުން ނަގަނީ ޓެކްސް.

ނާޒިމް ވިދާޅުވީ ރާއްޖެ ދަރަނީގެ ސަބަބުން މިއަދު ވަނީ ގަވަރނަންސް ނިޒާމް ފެއިލްވެފައިވާ ކަމަށެވެ. އެގޮތުން މިއަދު ދިވެހި ދައުލަތް ނާޒިމް ސިފަކުރެއްވީ ބޮލަން ވެއްޓެން ކައިރިވެފައިވާ ތަނބެއްގެ ގޮތުގައެވެ.

މިއަދު ދިވެހިރާއްޖެއަށް ދިމާވެފައިވާ ހާލަތަކީ އެއްވެސް ހާލެއްގައި ރާއްޖޭގެ މީސްކޮޅު ކުޑަވެ، ގައުމު ކުޑަކަމުން ދިމާވާ ކަމެއް ނޫން ކަމަށް ނާޒިމް ވިދާލުވިއެވެ.

މިއަދު ރާއްޖެއަށް ދިމާވެފައިވާ ހާލަތު ކުރިމަތިވީ ދިވެހިރާއްޖޭގައިވާ ގުދުރަތީ  މުއްސަނދިކަން ނެތިގެން ރާއްޖެ ސޮއްސާލައިގެންދާ ހިސާބެއްވެސް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި މިއީ ކޮރަޕްޝަނާއި ފަސާދައާއި ކަންކަން ކުރަން ނޭނގުމާއި އަމިއްލަ އެދުމާއި ތައުލީމަށް ފުރުސަތު ނުދިނުމާއި ތަހުޒީބާއި ތަމައްދުނާއި ދުރު އާދަތަކެއްގެ ފުރުސަތު ދެވިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިސާޅެއް ނަގާނަމަ މިއަދު އަޅުގަނޑު ނަގާނީ، ސިންގަޕޫރު މިނިވަންވީ ރާއްޖެއަށްވުރެ 12 ދުވަސް ފަހުން. އެއީ އޭރު ފަގީރު ގައުމެއް. ސިންގަޕޫރުގެ ބާނީ ޕީކަންޔޫ ވިދާޅުވެފައިވަނީ ގައުމެއް ކުރިއަރައިދަނީ އެގައުމެއްގެ ބޮޑުކުޑަ މިނަކުން ނޫނޭ، އެއާ ހިލާފަށް ގައުމުތައް ތާރީހުގައި ޝަރަފުގެ ޖާގަ ހޯދައިދެނީ އެގައުމެއްގެ ރައްޔިތުންގެ ހިތްވަރާއި، އެއްބައިވަންތަކަމާއި އަހްމާގާއި އަދި އެގައުމެއްގެ ވެރިންގެ ޝަހްސިއްޔަތުގެ ފެންވަރުންނޭ.

ނާޒިމް ވިދާޅުވީ އިނގިރޭސިންގެ އަތުން ދިވެހިރާއްޖެ މިނިވަން ކުރުމުގެ ހަނގުރާމައިގައި ކުރީގެ ރައީސް އިބްރާޙިމް ނާސިރު ގެންގުޅުއްވި ހަމަތަކަކީ މިއަދު ހަނދާނަށް ގެންނަންޖެހޭ އަގުހުރި ފިލާވަޅެއް ކަމަށެވެ.

އެތަކެއް ގޮތުން އެތަކެއް ފަރާތަކުން އެތަކެއް ދައުވަތު ލިބިވަޑައިގެންނެވިއިރު، ގައުމުގެ ހައްގުގައި އެމަނިކުފާނު ކުރިއަށް ވަޑައިގަތީ ފަސްޖެހުމެއް ނެތި.  އެމަނިކުފާނަށް އިނގިރޭސި ސަރުކާރުން އެތައް ހުށަހެޅުމެއް ހުށަހެޅި. އެކަން ގަބޫލުނުކުރެއްވުމުން، ގައުމު ބައިބައި ކުރުމަށް އެތައް މަސައްކަތެއް ކުރެވުނު. އެތައް ގޮތަކުން ހަމަނުޖެހުން އުފެއްދި. އެހެން ނަމަވެސް އެމަނިކުފާނުގެ އަޒުމްވަރުގަދަ. އަރިހުގައި ދަންނަވަންތޯ ތިބީ ގައުމަށް ތެދުވެރި ވަފާތެރި ބޭފުޅުން. ނަތީޖާއަކީ 78 އަހަރުގެ އިސްތިއުމާރަށްފަހު ދިވެހިންނަށް ފުރިހަމަ މިނިވަންކަން ލިބުން.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އިނގިރޭސި އަސްކަރީ ފައިބައިގެން ގޮސް ރާއްޖޭގެ އިގްތިސާދުގައި ވަކިހިއްޕައިގެން ތިބި ބުންބާ މީހުން އަތުން ގައުމުގެ އިގްތިސާދު ނާސިރު މިނިވަން ކުރައްވައި ދިވެހިންގެ އަތް މައްޗަށް ގެނެސްދެއްވި ކަމަށެވެ.

ދުނިޔޭގެ އޮޔާއިވައިގައި ރާއްޖެ މިހާ ހިސާބަށް އާދެވުނީ މަރްހޫމް އިބްރާޙިމް ނާސިރު ފަދަ އެތައް ބޭފުޅުންގެ ދުރުވިސްނުމުގެ ސަބަބުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެބޭބޭފުޅުން އެންމެ އެކަށޭނެ ވަގުތުގައި ގައުމަށް އެންމެ ފައިދާ ހުރި ނިންމެވުންތައް ނިންމެވީތީ މިއަދު ދިވެހިން ތާ އަބަދު ތިބޭފުޅުން ހަނދާނުގައި ބަހައްޓަވަން ޖެހޭ ކަމެއް.. ސްކޫލްތަކުގައި ކިޔަވައިދޭންޖެހޭ ކަމެއް މިއީ.

ރާއްޖެއަކީ ނިސްބަތުން މީސްކޮޅު ކުޑަ ގައުމެއް ނަމަވެސް ރާއްޖެ އޮތީ ވަރަށް މުހިއްމު ހިސާބެއްގައި ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އުތުރުން އިހަވަން ދިއްޕޮޅު ކައިރީގައި އޮންނަ 7 އެންޑް ހާފް ޑިގްރީ ޗެނަލް އަކީ ދުނިޔޭޣެ ތެލުގެ 80 އިންސައްތަ އާއްމު ވިޔަފާރި ހިނގާ ސަރަހައްދެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެސަރަހައްދަކީ 45 އިންސައްތަ ގިނަ މުދާ ދަތުރުކުރާ ލޭނެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ދުނިޔޭގެ މިޒަމާނުގައި ޖިއޯ ޕޮލިޓިކްސް ބަދަލުކޮށްލަން ޗައިނާ އިން އެކުލަވާލި  ރޯޑް އެންޑް ބިލްޓް އިނިޝިއޭޓިވް ގައި ފަރުމާކުރެވިފައިވަނީ މިސަރަހައްދު ބޭނުންކޮށްގެން. ދެކުނަށް ބަލައިލައިފި ކަމަށް ވަންޏާ 1 އެންޑް ހާފް ޑިގްރީ ޗެނަލަކީ ދުނިޔޭގައި ވިޔަފާރިއަށް މުހިއްމު ލޭނެއް.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ރަށްރަށަކީ ގުދުރަތީ ބަނދަރުތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނާޒިމް ނޫން ޗޮއިސްއެއް މިފަހަރު ނެތް! ނާޒިމް 2023

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: