ދަފްތަރަށް އައި ބަދަލާއި އެއްގޮތަށް ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ދިވެހި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އެދިވަޑައިގަނެގެންކަން ހާމަވަވެއްޖެއެވެ.
އަމީން އާންމުން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްއަށް ފޮނުވި ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާ ގުޅިގެން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، 11 ޖޫން 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ 6 ވަނަ ޖަލްސާގައި މަޖިލީހުން ފާސްކުރައްވާފައިވާ އުސޫލާ އެއްގޮތަށް ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށްޓަކައި ވޯޓަށް އެހުން، 23 މެއި ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގެ ވޯޓު ގަނޑީގައި އޮންނާނެކަން އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިއުލާންކުރައްވާފައިވާކަމަށެވެ. މިހެންވަނިކޮށް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ހަމައަށް ބަދަލުގެންނެވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ދިވެހި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް އެދިވަޑައިގެންނެވުމުން އެ ޖަލްސާގައި އެ މައްސަލައަށް ވޯޓަށް އެހުން ފަސްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުންނާއި މަޝްވަރާކުރައްވައިގެން އަލު އެ ނިސްބަތް ކަނޑައެޅުއްވުމަށް މަޖިލީހުގެ ރައީސް ނިންމެވިކަމަށް ބުނެފައިވެއެވެ.
މަޖިލީހުގެ އިތުރު އެއްވެސް ކަމަކާއިމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅިފައިވާ ގަރާރާއިމެދު ގޮތެއް ނިންމުމަފަހުކަމަށް އަސްލަމް ވިދާޅުވެފައިވާތީ، އާމީން އާންމުގެ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިޔާއަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި، އެ ގަރާރާއިމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާއިމެދު ބަހުސްކުރުން ނުވަތަ ގޮތެއް ނިންމުން މަނާވެގެންވަނީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު ހުށަހެޅޫމަށްފަހުގައިކަން ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، 23 މެއި 2023 ގައި މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިޔާއަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެ މައްސަލައިގައި ނޯޓިސް މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ ނައިބު ރައީސްއަށް ދީފައިވީ ނަމަވެސް، އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށައަޅާފައިނުވާކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) ގައި ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމި އޮންނަ އަދި މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިގެންވާ ކޮމިޓީތަކެއްކަމަށް ބަޔާންކޮށްފައިވާއިރު، އެ ގަވާއިދުގެ 131 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ އެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކޮމިޓީގެ މެންބަރުން ކަނޑައެޅުމުގައި މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތްވެފައިވާ ގޮތް އެއީ ހަމައެއްކަމުގައި ބަލައި، ކޮމިޓީ އެކުލަވާލާނީ ހަމަ ކޮންމެ ކޮމިޓީއެއްގަިއވެސް އެ ހަމަ ތަމްސީލުވާ ގޮތެއްގެމަތިންކަމަށާއި، އެގޮތަށް އަމަލުކުރުމުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންނަށްވެސް އެކަށީގެންވާ ވަޒަންހަމަ ފުރުސަތުތަކެއް ދިނުމަށް މަޖިލީހުން މަސައްކަތް ކުރައްވާނެކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި އެކުލަވާލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތްވެފައިވާ ގޮތް އެއީ ހަމައެއްކަމުގައި ބަލައި ހަމަކޮންމެ ކޮމިޓީއެއްގައިވެސް އެ ހަމަ ތަމްސީލުވާ ގޮތެއްގެ މަތިން ކޮމިޓީއެއް އެކުލަވާލައިގެންކަމަށްވެސް އަމީންއާންމުގެ ސިޓީގައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނަ މީހަކީ އެ އަކުރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، އޭނާ އެ އައްޔަންކުރި ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރި މުއްދަތަކަށް އެ ކޮމިޓީގައި އެ މަޖިލީހުގެ އުމުރު ނިމެންދެން ހުންނާނެ މެންބަރެއްކަމަށެވެ. އަދި އެ އަކުރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރޭގައި އެ އަކުރުގެ 1 ވަނަ ނަންބަރުގައި، ކޮމިޓީއަކަށް އެ މެންބަރު އައްޔަންކުރި ޕާޓީގެ މެންބަރުކަމުން ވަކިވުން ހިމެނިފައިވާކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި 13 މެންބަރުން އެ ޕާޓީއިން ވަކިވެވަޑައިގެން، މަޖިލީހުގެ ދަފްތަރުގައި އެ މެންބަރުން ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގެންފައިވާކަން، މަޖިލީހުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، 18 މެއި 2023 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ އަދި 22 މެއި ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި އިއުލާންކުރެއްވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް ބޮޑު ބަދަލެއް އައިސްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައިވާ 13 މެންބަރުން ތަމްސީލުކުރައްވަމުން ގެންދެވި ހައިސިއްޔަތުވެސް ވަނީ ގެއްލިފައިކަމަށް އަމީން އާންމުގެ ސިޓީގައިވެއެވެ. ކަން މިހެ އޮތްއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 129 ވަނަ މާއްދާގެ (ހ) ގައި މަޖިލީހުގެ ރައީސް ފިޔަވައި މަޖިލީހުގެ ކޮންމެ މެންބަރަކީވެސް، މަޖިލީހުގެ ކޮންމެސް އެއް ކޮމިޓީއެއްގައި މެންބަރުކަން ކުރަންޖެހޭނެ މީހެއްކަމަށް ބަޔާންކޮށްފައިވާކަަންވެސް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މިއާއި އެއްގޮތަށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހިންގެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަދަލުތައް މަޖިލީހުން ފާސްކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.
އަމީން އާންމުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކުރުމުގައި ބަލާނީ، މަޖިލީހުގައި ތަމްސީލުކުރާ ޕާޓީތަކުން އެކިއެކި ކޮމިޓީތަކުގައި ހިމެނުމަށް އެ ޕާޓީގެ އުސޫލުތައް ނިޔާކުރާ ގޮތުގެ މަތިން، މަޖިލީހަށް ހުށަހަޅާ މެންބަރުންކަމަށާއި، އެ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުން ހިމެނުމުގެ މަސްލަހަތު ހިމާޔަތްކުރާނީ މެޖޯރިޓީ ލީޑަރާއި، މައިނޯރިޓީ ލީޑަރުގެ މަޝްވަރާގެ މަތިން މަޖިލީހުގެ ރައީސްކަމަށް ބަޔާންކޮށްފައިވާތީ، އެ މަރުހަލާކުރިއަށްދާކަމަށެވެ.

