ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި ޢިއްޒަތަށް އަރައިނުގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.
ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް މައްސަލަ ގޯސްވީ އަލުން ކޮމިޓީތައް އެކުލަވާލަން ޖެހޭކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އެންގެވުމުންނެވެ. ނިއުޝާ ވިދާޅުވީ މިދިޔަ މަހުގެ 23 ގައި ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި ކޮމިޓީތައް އެކުލަވާލައި އެކަމަށް ވޯޓަށް އަހަން އުޅުމުން އެކަން މަޑުޖައްސާލަން އަންގަވާފައި ވަނީ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ކަމަށެވެ.
އީވާގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް 14 ދުވަސް ހަމަވެ، މިއަދަކީ ޖަލްސާއެއް ބާއްވަން ޖެހޭ ދުވަހެވެ. އަދި މައްސަލަ ތާވަލު ކުރުމަށް ފަހު، މައްސަލަ ކުރިޔަށް ގެންދެވެން އޮތީ އާއްމު ކޮމިޓީން އެކަމަށް ވަގުތު ކަނޑައެޅުމުންކަމަށް ވާތީ އީވާގެ މައްސަލަ ފަސް ކުރެވުނުކަން ނިއުޝާ އެމްޑީޕީ ޕީޖީއަށް އެންގެވި އެވެ.
ނިއުޝާގެ ސިޓީ އާއްމުވެ، މީޑިއާތަކުން ރިޕޯޓު ކުރުމުން އޭގެ ރައްދުގައި އަސްލަމް ވިދާޅުވީ ކޮމިޓީ އެކުލަވާލުން ހުއްޓުވީ މެޖޯރިޓީ ގެއްލުވާލަން އުޅުމުން ކަމަށެވެ. އޭގެ ފަހުން ނިއުޝާއާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއަށް އެމްޑީޕީގެ މެމްބަރުންގެ ފާޑުކިއުންތައް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި އިއްޒަތަށް އަރައިނުގަތުމަށް އިލްތިމާސްކޮށް، ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި ވަނީ ގާނޫނު އަސާސީގެ 05 ވަނަ މާއްދާއާއި، 70 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާއްމު ބާރުތަކުގެ ތެރޭގައި ގިނަ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް މަތިކޮށްފައިފައިވާއިރު މިއީ ދައުލަތުގެ އެއް ބާރުކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ ދައުލަތުގެ އެންމެހައި ބާރުތައް ހިންގަން ވާނީ ގާނޫނުއަސާސީގައިވާ ގޮތެއްގެ މަތީންކަމަށް ގާނޫނު އަސާސީގެ 08 ވަނަ މާއްދާގައި ބަޔާން ކުރާކަމަށެވެ. އަދި ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ސީދާ ބާރު ލިބިގެން އެކުލަވާލައި އަމަލު ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އެއް ގަވައިދަކީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާ، އެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބޭ ދިމިޤްރާތީ އުސޫލުތައް އެކުލެވޭ، ޖަވާބުދާރީވާ ހާމަކަން ބޮޑު ގޮތަކަށް މަޖިލީސް ހިންގުމަށް ބޭނުންވާ އުސޫލުތައް އެކުލެވޭ ގަވައިދެއްކަން ފާހަފަކޮށް ބަޔާނުގައި ބުނެފައި ވަނީ އެ ގަވައިދުގައި މަޖިލީހުގެ އިދާރީ ހުރިހާ ހިންގުމަކާއި ގުޅޭ އުސޫލު ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ކުރުމުގެ މުހިންމުކަމަށްޓަކައި ގާނޫނުއަސާސީއަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ރިއާޔަތް ކުރަން ޖެހެ އެވެ
ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާން ކުރާ ގޮތަށް ކަންކަން ކުރުމުގެ ބޭނުމަށް، މަޖިލީހުގެ ގަވައިދަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ރިއާޔަތް ކުރާއިރު އެންމެ ފާހަގަވާ އެއް ސިފައަކީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުއާއި، ކައުންސެލް ޖެނެރަލްއަށް ދީފައިވާ މުސްތަގިއްލުކަން ކަމަށެވެ.
ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މަޖިލީހުގެ ގަދަރާއި ޝަރަފު އަމީން އާންމު ހިފަހައްޓަންޖެހޭ، އަދި މަޖިލީހުގެ ގަވައިދާއި ގުޅޭގޮތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރަން ޖެހޭ ހާއްސަ ވަގުތުތަކެއް ގަވައިދުގައި ކަނޑައަޅާފައިވާކަމަށެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ނުހުންނަ ހާލަތެއްގައި އެ ދައުރު ފުޅާކޮށް މާނަކުރާކަން ފާހަގަކުރި އެވެ.
މިވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ހުށަހަޅާ ގަރާރަކާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މަޖިލީހަށް ލިބިގެންވާ ވަގުތެކެވެ. އެފަދަ މައްސަލައެއް ލިބުމުން ކަންކަން ނިމަންޖެހޭ އިޖުރާއަތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ. އަދި އެގޮތްގޮތަށް ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުގެ މެމްބަރުންނަށް ބުނެދިނުމުގައި ގާނޫނީ ލަފައާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްއަށެވެ.
މަޖިލީހުގެ ރައީސާއި، ނައިބު ރައީސް މަގާމުން ވަކި ކުރުމަށް ހުށަހަޅާ ހާލަތެއްގައި އަމަލު ކުރަން ޖެހޭގޮތް ބަޔާންކޮށްފައިވާކަމަށް ރައީސް ނަޝީދުގެ ބަޔާނުގައި ވެއެވެ. އަދި އެކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެފަދަ މައްސަލަތަކުގައި މެމްބަރުންނަށް ގާނޫނީ ލަފައާއި އެހީތެރިކަން ފޯރުކޮށް ދެވެން އޮތީ މަޖިލީހުގެ ގަވައިދު ބުނާގޮތުން ކައުންސެލް ޖެނެރަލްއަށް ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގތެ މަޖިލީހުގައި ތިއްބަވާ ސިޔާސީ އެކި ޕާޓީތަކުގެ ލީޑަރުންނާއި، އިސް މަގާމުތައް ފުރުއްވާ ބޭފުޅުން ނުވަތަ މެމްބަރެއްކަމަށް ވިޔަސް އެބޭފުޅުން މަޖިލީހުގެ ގަވައިދު މާނަ ކުރުމުގައި ވެސް ހަމަ އެހީތެރިކަމަށް އެދި މަޝްވަރާ ހޯދަން ޖެހޭނީ ކައުންސެލް ޖެނެރަލްގެ ކިބައިންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އުފެދިފައިވާ މައްސަލަތަކާއި، އަދި އެމްޑީޕީ ދޫކޮށް ބައެއް މެމްބަރުންތައް އެހެން ޕާޓީއެއް އުފެއްދުމަށް ކުރި މަސައްކަތާއި އެކު ނިކުތް މައްސަލަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތައް ނުވަތަ ބައެއް މަޖިލީހުގެ މެމްބަރުންގެ މެދުގައި މައްސަލަތައް ހުރުމަކީ އެކީ ހުރަހަކަށް ވެގެން ނުވާނެކަމަށެވެ. އަދި އެފަދަ ސިޔާސީ މައްސަލަތައް އުފެދިފައި އޮތް ނަމަވެސް ގާނޫނީ ދައުލަތެއް ހިންގެވުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަދި މެމބަރުންގެ ވެސް ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު މާނަކުރުމުގެ ގާނޫނީ އެހީތެރިކަމާއި، މަޝްވަރާ ހޯދެން އޮތީ ކައުންސެލް ޖެނެރަލްގެ ކިބައިންކަން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން ވަރަށް ސާފުކޮށް އެނގެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އަދި ބައެއް މަޖިލީހުގެ މެމްބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އުފެދިފައި އޮތް ނަމަވެސް ގާނޫނީ ދައުލަތެއް ހިންގެވުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަދި މަޖިލީހުގެ ވެސް އެންމެ މެމްބަރުންގެ ވެސް ވާޖިބެކެވެ
މި ބަޔާން އާއްމު ކުރުމުގެ ކުރިއަށް ރައީސް ނަޝީދު ވަނީ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނުނިމެނީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެ އެކަން މަޖިލީހުގެ އަމީން އާންމު އާމިނަތު ނިއުޝާއަށް އަންގަވާފަ އެވެ. އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަކި ގޮތެއް ނިމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވެމުން އެއްކިބާވީ ނަމަވެސް މަޖިލީހުގެ ގަވައިދު ބަޔާންކުރާ މިންވަރުގައި މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގައި ދެމި ހުންނަނަވާނެ ކަމަށެވެ.
މިވަގުތަށް ބަލާއިރު އީވާގެ މައްސަލަ ކުރިޔަށް ގެންދެވެން ނެތުމުން އެކަން އެމްޑީޕީގެ ޕީޖީން ސިފަ ކުރަނީ މަޖިލީހުގައި ”މަރުތަޅު“ އެޅުވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އަދި ގަވާއިދު އެފަދަ ކަމަކަކަށް ތަން ނުދޭކަމަށް އެމްޑީޕީއިން ފާހަގަކުރެއެވެ. އެކަމަކު ރައްދުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް މެންބަރުން ބުނެފައި ވަނީ މަޖިލީހުގައި ”މަރުތަޅު“ އެޅުވީ ސަރުކާރުން ކަމަށެވެ. އަދި މިއީ ސަރުކާރުން ބާރުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރި އެވެ.

