މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށައަޅާފައި އޮތުމުން، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ މީހަކު ނެތްކަމަށް ކަނޑައަޅާ ޖަލްސާތައް ނިންމާލާއިރު، ކަން ކުރެވިފައި އޮންނަ ޖެހޭނެ ގޮތުގެ އުސޫލު މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ލިޔެފައި އެބައޮތެވެ.
އެގޮތުން ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަހައްޓަން ޖެހެނީ މަޖިލީހުގެ ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސްއަކީ މަޖިލީހުގެ ރައީސްގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި އާއި މަޖިލީހުގެ ކަންކަން ހިންގުމުގައި މަޖިލީހުގެ ރައީސްއަށް އެހީތެރިވެދޭން ހުންނަ މީހަކަށްވާއިރު، މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި ނުވަތަ މަޖިލީހުގެ ރައީސް އޭނާގެ ވާޖިބުތައް އަދާކުރުމަށް އުޒުރުވެރިވެއްޖެނަމަ، އެ މަގާމުގެ ވާޖިބުތައް އަދާކުރާނީ ގާނޫނު އަސާސީގައި ނުވަތަ މި ގަވާއިދުގައި އެހެން ގޮތަށް ބަޔާންކޮށްފައިނުވާހާ، ހިނދަކު ނައިބު ރައީސްއެވެ.
އެހެން ނަމަވެސް މަޖިލީހުގެ ރައިސް މަޖިލީހުގެ ޖަލްސާއެއްގެ ނުވަތަ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހިނދެއްގައި، އެ ޖަލްސާއެއްގެ ނުވަތަ އެ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބެލެހެއްޓުން ނައިބު ރައީސްއާއި ހަވާލުކުރެވެއެވެ.
މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރައީސް ކަނޑައަޅަންޖެހެއެވެ. މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި އަދި އުމުރުން ދޮށީ މެންބަރުންގެ ތެރެއިން ޖުމްލަ 5 މެންބަރުން ކަނޑައަޅަންޖެހެއެވެ. އަދި އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 ޖަލްސާއެއްގެ މުއްދަތަކަށެވެ. މި 5 މެންބަރުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރުމަށްފަހު ފުރަތަމަ ދެ ހަފްތާގައި މަޖިލީހުގެ ޖަލްސާއެއްގެ އިއުލާންކުރަންޖެހެއެވެ.
މި 5 މެންބަރުންގެ ގޮތުގައި 19 ވަނަ މަޖިލީހަށް ކަނޑައަޅާފައިވާ މެންބަރުންނަކީ:
- ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
- މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަޜީފް
- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
މި މަހުގެ 13 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލަމުން މަޖިލީހުގެ އަމީން އާންމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޖިލީހުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށައެޅިފައިވަނިކޮށް، ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސްކަންމަށެވެ. ޖަލްސާއަށް އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށްފައިވާތީ، މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ރައީސްއަށް ސިޓީއަކުން ދަންނަވާފައިވާނެކަމަށް އަމީން އާންމު ވިދާޅުވިއެވެ.
އެހެން ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލައިގައި، ވަކި ގޮތެއް ކަނޑައަޅައި ނުނިމެނީސް، ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަމަށް އިއްޔަ ރައީސް މުހައްމަދު ނަޝީދު ފޮނުވި ސިޓީގައިވާކަމަށް އަމީން އާންމު ވިދާޅުވިއެވެ.
އެހެންކަމުން ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި ގުޅިގެން ވަކި ގޮތެއް ކަނޑަނޭޅެނީސް ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް އަމީން އާންމު ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އުޒުވެރިވާ ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ތިއްބާ، ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ސަބަބުން އެމަނިކުފާނު އުޒުރުވެރިވެވަޑައިގަންނަވާތީ، ޖަލްސާ ކުރިއަށް ނުގެންދެވޭނެ އެއްވެސް ހާލަތެއް ނެތެވެ.
އީވާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކޮށްފާނެތީ އެކަމަށް ހުރަސް އެޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މިކަންކުރުމުން ރައްޔިތުން އެކަމެއް ބަލައެއް ނުގަންނާނެއެވެ. މަޖިލީހުގެ ގަވާއިދުގައި އަމަލުކުރަންވީ ގޮތް ސާފުކޮށް އޮތްއިރު، ދެން ހައްލެއް ނެތްކަމަށް ބުނުމުން ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ އޭނާ އެމްޑީޕީއިން ވަކިވުމާއި ގުޅިގެންނެވެ. އޭރު އީވާވެސް ވިދާޅުވީ މަގާމު ގެއްލިދާނެތީ ބިރެއް ނުގަންނާނެކަމަށެވެ. އަދި މަގާމަކަށް ނުވަތަ އަމިއްލަ މަންފާއަކަށްޓަކައި ރައްޔިތުންގެ މަސްލަހަތު ދޫކޮށްނުލައްވާނެކަމަށާއި، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރައްވާނެކަމަށް ދޭހަކޮސް ވާހަކަދެއްކެވި ނަމަވެސް މިހާރު ފެނިގެން މިދަނީ އެ މަންޒަރެއް ނޫނެވެ. މަގާމުން ވަކިކުރަން އިތުބާރު ނެތެކަމުގެ މައްސަލަ ހުށައެޅުމުން، އެކަމުން ސަލާމަތްވުމަށްޓަކައި މަޖިލީސް ހުއްޓުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މައްސަލަތައްވެސް ކުރިއަށް ނުގޮސްވާކަމީ ހަގީގަތެވެ.

