ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް އޮޅުވާލުމުގެ ފުރުސަތު ކުޑަވާނެ: ޓްރާންސްޕޭރެންސީ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބު ބާއްވާ ދުވަހު ވޯޓުލުމުގެ ކަންކަން ރޭވިފައިވާ ގޮތުން ނިޒާމީ ގޮތެއްގައި ވޯޓު އޮޅުވާލުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރެވޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ހާއްސަކޮށް، ވޯޓުލުމުގެ މަރުހަލާތަކުގެ ކަންކަން ބެލުމުގެ ފުރުސަތު  މޮނިޓަރުންނާއި، އޮބްޒާވަރުން އަދި ކެންޑިޑޭޓުން ތަމްސީލުކުރާ މަންދޫބުންނަށް ހުޅުވިފައިވުމާއި، އަދި ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭނެފަދަ ސީރިއަސް ނިޒާމީ މައްސަލަތަކެއް ނެތްކަމަށްވެސް ގަބޫލުކުރެވޭ ކަމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އާއްމުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އިންތިހާބީ ނިޒާމު ހަރުދަނާކުރުމަށާއި، އިންތިހާބުތަކާމެދު ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރާމަސައްކަތްތަކުގެ ތެރެއިން، އިންތިހާބުތައް އޮބްޒާވް ކުރުމަކީ އެންމެ މުހިންމު އެއް މަސައްކަތެވެ. ގިނަ ޕާޓީތައް ހިމެނޭ ނިޒާމެއްގެ ތެރެއިން ފުރަތަމަ ފަހަރަށް، 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުން ފެށިގެން މިހާތަނަށް ބާއްވާފައިވާ ހުރިހާ ރިޔާސީ އިންތިހާބުތައް މިޖަމިއްޔާއިން ވާނީ އޮބްޒާވްކޮށްފައެވެ. އަދި ހާއްސަކޮށް ރިޔާސީ އިންތިހާބުތަކާއި ގުޅިގެން، ސިޔާސީ އަދި އިންތިހާބީ މާހައުލު ދެނެގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޕްރީ-އިލެކްޝަން އެސެސްމަންޓްގެ ނަމުގައި ދިރާސާ ރިޕޯޓެއް ހަދައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެންވެސް، ސިޔާސީ އަދި އިންތިހާބީ މާހައުލު ދެނެގަތުމަށްޓަކައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ޕްރީ-އިލެކްޝަން އެސަސްމަންޓް ރިޕޯޓެއް ވަނީ ތައްޔާރުކޮށްފައެވެ. މި ރިޕޯޓުގެ މައިގަނޑު މަގުސަދުތަކަކީ އަދުގެ ސިޔާސީ އަދި އިންތިހާބީ މާހައުލު ދެނެގަނެ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެފައިވާ ތައްޔާރުވުންތައް ވަޒަންކުރުމާއި، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މިހާރު ހުރި، އަދި ކުރިއަތް އޮތް ތަނުގައި ދިމާވެދާނެ ގޮންޖެހުންތައް ދެނެގަތުމާއި، އަދި އިންތިހާބީ ގާނޫނީ އޮނިގަނޑު މުރާޖާކުރުމެވެ.

2008 ވަނަ އަހަރުން ފެށިގެން ނިމިދިޔަ ރިޔާސީ ދައުރުތަކާއި އަޅާބަލާއިރު، މި ހިނގާ ރިޔާސީ ދައުރުގައި ގައުމުގައި ޖުމްލަ ގޮތެއްގައި ސިޔާސީ މިނިވަންކަން ފެނިފައިވެއެވެ. އަދި އިންތިހާބުގެ އިދާރީ ކަންކަމަށް ބަލާއިރު، ހާމަކަންބޮޑު އަދި އިތުބާރުހިފޭ އިންތިހާބުތަކެއް ބޭއްވޭނެ ފަންނީ ގާބިލުކަން ހުރިކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ސާބިތުކޮށްދީފައެވެ.

އެހެން ނަމަވެސް އިންތިހާބާ ކައިރިވަމުން އަންނައިރު ޔަގީންކަން ނެތް ކަންކަން ހުރިކަމާއި، ސިޔާސީ މަޝްރަހު ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު އިތުރު މައްސަލަތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރެވެއެވެ. މި ދިރާސާއަށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި ފާހަގަކުރެވޭ އެންމެ މުހިންމު މައްސަލަތަކަކުގެ ގޮތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ފާހަގަކޮށްފައިވާ ނުކުތާ ތަކުގެ ތެރޭގައި ހިމެނެނީ:

  • ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ދައުލަތް ހިއްސާވާ ކުންފުނިތައް ބޭނުންކޮށްގެން ސިސްޓަމިކް ލެވެލްއެއްގައި ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާ އާއި ނުފޫޒު ފޯރުވުމެގެ ހިރާސް

އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް އެއިރެއްގައި އޮންނަ ސަރުކާރަކުން ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރުގެ ރިޕޯޓުގައި ވެސް ފާހަގަ ކުރެވެއެވެ. އަދި ކެންޕޭނުތަކަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ އިންތިހާބީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ފުރިހަމައަށް ހައްލުނުކުރެވޭކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އިންތިހާބާ ދިމާކޮށް ސަރުކާރުގެ މަޝްރޫއުތައް އިއުލާނުކުރުމާއި، އަމަލީ މަސައްކަތް ފެށުމާއި އަދި އެފަދަ ޕްރޮޖެކްޓުތައް އިފްތިތާހުކުރުމަށް ރަސްމިއްޔާތުތައް ބޭއްވުން ކަހަލަ ކަންކަން ފާހަގަކުރެވެއެވެ. މިފަދަ ކަންކަމަކީ އޭގެ ސަބަބުން ވޯޓުލާ ފަރާތްތަކަށް ނާޖާއިޒު ނުފޫޒު ފޯރުވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަންކަމެވެ.

މީގެ އިތުރުން ދައުލަތް ހިއްސާވާ ކުންފުނިތައްވެސް އިންތިހާބާ ގުޅުވައިގެން ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ބޮޑުބައެއް ހިއްސާވާ އަދި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ދޭ ކުންފުނިތަކަކަށްވާއިރު، ސަރުކާރާއި ސިޔާސީ ޕާޓީތަކާއި ކުންފުނިތަކުގެ ލީޑާޝިޕާއި އޮންނަ ގުޅުމާއި، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ

(ސީ.އެސް.އާރު) ގެ ހަރުދަނާ އަދި ހާމަކަންބޮޑު އުސޫލެއްނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގާއިރު، މިފަދަ ގަވަނަންސް ރިސްކުތަކުގެ ސަބަބުން އިންތިހާބީ ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުސަތަށް ހުޅުވިފައިވާކަން މި ދިރާސާ ރިޕޯޓަށް އެއްކުރެވުނު މައުލޫމާތުން ފާހަގަކުރެވިފައިވެއެވެ.

ވޯޓުގަތުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ވަކިވަކި މައްސަލަތައް ފާހަގަކުރެވިފައިވީ ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މައްސަލައަކީ، މަތީގައި ފާހަގަކޮށްފައިއެވާ ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ގަވަނަންސް ރިސްކުތަކުގެ ސަބަބުން ދައުލަތް ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ޕެޓްރޮނޭޖްގެ އަދި ކްލިއަންޓަލިސްޓް ނިޒާމެއް ރާއްޖޭގައި އުފެދި ކުރިއަށްއޮތް ތަނުގައިވެސް މިކަމުގެ ސަބަބުން ނިޒާމީ ގޮތެއްގައި ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާ ތަކެއް ލިބިދިނުމަށް މަގު ފަހިވެގެން ދިއުމެވެ.

  • މީޑިޔާގެ ހާލަތު

އާންމު އިންތިހާބާއި ބެހޭ ގާނޫނުގެ ދަށުން ބްރޯޑްކާސްޓު ކުރާ ފަރާތްތަކުން ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމައަށް ވަގުތުދިނުމަށް އޮންނައިރު، މިކަން ގާނޫނާ އެއްގޮތަށް ކުރަމުންދޭތޯ ބަލައި އިންސާފުވެރިކަމާއެކު ފިޔަވަޅުއެޅުމަށް ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ދައުލަތް ހިއްސާވާ ކުންފުނިތަކާއި ރައީސް އޮފީހުން ދޭ ސްޕޮންސާރޝިޕް ފައިސާގެ ސަބަބުންނާއި ސަރުކާރާއި ނުވަތަ ސަރުކާރާ ގުޅުންހުރި ފަރާތްތަކުން ހިންގާ ‘ޕަބްލިކް ރިލޭޝަންސް’ (‘ޕީއާރު’) ގެ ހަރަކާތްތަކުގެ ސަބަބުން، އަދި މިކަން ކުރުމަށް ހާމަކަން ބޮޑު އަދި އިންސާފުވެރި އުސޫލެއް އެކުލަވާލާފައި ނެތުމުގެ ސަބަބުން ރާއްޖޭގައި އޮޕަރޭޓުކުރާ މައި މީޑިއާތަކުން މިހާރުގެ ސަރުކާރު ޒިންމާދާރު ކުރުވަން އުނދަގޫވެ، ފާޅުކަންބޮޑު އަދި އިންޓާނަލައިޒްޑް ބަޔަސްއެއް އޮތްކަމަށް ފެންނަކަމަށް މި ދިރާސާގައި އިންޓަވިއުކުރެވުނު ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

  • ރައީސް ޔާމީންގެ ކެންޑިޑެސީ

ވާދަވެރި ބޮޑު ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތު ނެތުމަކީ، ރާއްޖޭގައި ވާދަވެރި ލީޑަރުންނަށް އިންތިހާބުތަކާ ދިމާކޮށް ދިމާވާ ގޮންޖެހުންތަކުގެ ބައްޓަމަށް ފެތޭ ކަމެއް ކަަމަށް ބައެއް ފަރާތްތަކުން ދެކުމުގެ ފުރުސަތު އެބައޮތެވެެ. 2018 ގައި އޭރުގެ ގިނަ ވާދަވެރި ލީޑަރުންނަށް އިންތިހާބުގައި ކުރިމަތި ނުލެވުނީ މިފަދަ ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މިދިރާސާގެ ބައެއް ބައިވެރިން ދަށު ކޯޓުތަކުގެ މަރުހަލާތަކަށް ސިޔާސީ ނުފޫޒު ފޯރުވޭކަމަށް ތުހުމަތުކުރެއެވެ. އަދި މި ނުފޫޒު އެންމެ ބޮޑަށް ފޯރުވެނީ ޖުޑީޝަލް ސަރވިސަސް ކޮމިޝަން މެދުވެރިކޮށް ކަމަށްވެސް ތުހުމަތުކުރެއެވެ. މިގޮތުން ބައިވެރިން ވަނީ ފަޑިޔާރެއް ވަކިކުރުމާއި، ވަކި ހުކުމެއް އިއްވެވި ފަޑިޔާރަށް މަގާމުގެ ކުރިއެރުން ލިބި ހައިކޯޓަށް ޕްރޮމޯޓުކުރެވުނު މައްސަލަތަކަކީ މިފަދަ ތުހުމަތުތަކަށް ބާރުދޭކަންކަން ކަމަށް ފާހަގަކޮށްފައެވެ. ނަމަވެސް، ކުރީގެ ތަޖުރިބާތަކާ ހިލާފަށް، ސުޕްރީމް ކޯޓުގެ މިހާރުގެ ބެންޗަށް އިތުބާރު އޮތްކަން އިންޓަވިއު ކުރި ގިނަ ފަރާތްތައްވަނީ ފާހަގަކޮށްފައެވެ.

އިންޓަވިއުކުރި ގިނަ ފަރާތްތަކުން ގަބޫލުކުރާގޮތުގައި، އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރު، ރައީސް ޔާމީންގެ މައްސަލައިގެ ޝަރީއަތްތަކާއި އިސްތިއުނާފުގެ މަރުހަލާތައް ވީހާވެސް އަވަހައް ނިމުމަކީ އެކަމުގައި އާންމު މަސްލަހަތު އޮތް ކަމެކެވެ.

  • އެހެނިހެން މައްސަލަތައް

މަތީގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ އިތުރުން ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމާއި ދަފުތަރުން އުވާލުމުގައި ސަރުކާރުގެ ނުފޫޒު އިލެކްޝަންސް ކޮމިޝަނަށް ފޯރުވާކަމަށް އިންޓަވިއުކުރި ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި  އިލެކްޝަންސް ކޮމިޝަނަށް އޮންނަ އިތުބާރާމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. އަދި ވޯޓުލާ މީހުންގެ މިނިވަން އިހުތިޔާރަށް ނޭދެވޭ ނުފޫޒު ފޯރުވޭގޮތަށް އިންތިހާބުގެ ކެންޕޭނަށް ހަރަދަކުރެވުމާއި، ކުރާ ހަރަދުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކަމާގުޅޭ އިދާރާތަކަށް ހުށަހެޅުމަށްވެސް ހުރަސްތަކެއް ހުރިކަން ފާހަގަކުރެވުނެވެ.

އެހެން ނަމަވެސް، ނިޒާމީ ލެވެލްއެއްގައި ވޯޓު އޮޅުވާނުލެވޭނެ ގޮތަށް ވޯޓުލާ ދުވަހުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެކަމުގެ ފަންނީ ގާބިލުކަން ހުރިކަން އިލެކްޝަންސް ކޮމިޝަނުންވަނީ ސާބިތުކޮށްދީފައެވެ.

މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށާއި ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް ކަމާއި ގުޅުންހުރި ވުޒާރާތަކަށް ޓްރާންސްޕޭރެންސީގެ ފަރާތުން މުހިއްމު 5 ކަމެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދި މިނިވަން ނޫސްވެރިކަން ދައުލަތުން ކަށަވަރުކުރުން.
  • ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ކުރެވޭ ޝަރީއަތްތަކުގައިވެސް، އިންސާފުވެރި އަދި ގާނޫނުގެ ހުކުމް ނެގެހެއްޓޭގޮތަށް، ވީ އެންމެ އަވަސް މިނެއްގައި އެމައްސަލަތަކަށް ނިހާއީ ހުކުމެއް ގެނައުން.
  • ދައުލަތުން މީޑިއާއަށް ފައިސާ ދޭނަމަ މީޑިއާގެ މިނިވަންކަމާއި ވަކި ކޮޅަކަށް ނާޖާއިޒުކޮށް ބުރަވެފައި އޮންނަން ނުޖެހުން ކަށަވަރުކުރުމަށް އެކަން ކުރާނެ ހާމަކަން ބޮޑު އިންސާފުވެރި އުސޫލެއް ގާއިމްކުރުން.
  • ޑިމޮކްރެޓިކް މުއައްސަސާތަކަށާއި ސިޔާސީ ކަންކަމުގައި ރައްޔިތުންގެ އިތުބާރު އިތުރުކޮށް، ނިންމުންތަކުގައި ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަންހެނުންގެ މަޝްވަރާހޯދާ، ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން އިންތިހާބާއި ގުޅޭ، ހޭލުންތެރިކުރުމުގެ މައުލޫމާތު ފޯރުކުރުން.
  • ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ހުރި ހިރާސްތައް ދެނެގަނެ، އެ ހިރާސްތައް ކުޑަކުރެވޭނޭ ގޮތަކަށް ގަވާއިދުތަކާއި ސިޔާސަތުތައް އަވަސްގޮތެއްގައި އެކުލަވާލައި ތަންފީޒުކުރެވޭތޯ ކަމާބެހޭ މުއައްސަސާތަކުން ބެލުން. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ހުއްޓުވުމުގެ އުސޫލު ކަނޑައަޅައި، އުސޫލުތައް ތަންފީޒް ކުރުމުގައި ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުން.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެެވެ. އިންތިހާބުގެ ތައްޔާރީތައް ވުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ދާދި ފަހުން ވަނީ މިއަހަރުގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް ޢައްމު ކޮށްފައެވެ. އެގޮތުން 282،672 މީހަކަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ ކަމަށް އީސީން އާއްމުކުރި ލިސްޓްގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: