ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 އަހަރު ކުރި އެންޓި ކެމްޕެއިންއަށް މުއިއްޒު ކުރި ހޯއްދެވީ، 50 ދުވަހުގެ ކެމްޕެއިންއަކުން!

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގެންނެވީ 2012 ވަނަ އަހަރު ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. ޑރ ވަހީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ ގޮތުގައި ކަނޑައެޅި ޑރ މުއިއްޒު ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައިވެސް ހައުސިން މިނިސްޓަރުކަން ކުރައްވާފައެވެ. އެއަށްފަހު އެމްޑީޕީއަށް ވެރިކަން ފުރޮޅި، ދެން އައި ކައުންސިލް އިންތިހާބުގައި ޑރ މުއިއްޒު ވަނީ މާލޭގެ މޭޔަރކަމަށް ވާދަ ކުރައްވާފައެވެ. އެ އިންތިހާބުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުގެ މައްޗަށް 63 އިންސައްތައާއިއެކު ކުރި ހޯއްދަވާ ޑރ މުއިއްޒު މާލޭގެ މޭޔަރކަމަށް އިންތިހާބު ވެވަޑައިގެންނެވިއިރު، އެމަނިކުފާނަކީ މިހާތަނަށް މާލޭގެ މޭޔަރ ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ހަމައެކަނި ބޭފުޅާއެވެ.

މާލޭގެ މޭޔަރކަމުގައި ހުންނެވުމަށްފަހު، މިއަހަރު އޮތް ރިޔާސީ އިންތިހާބަށް ޑރ މުއިއްޒު ނިކުމެވަޑައިގަތީ، ޕީއެންސީގެ ރިޔާސީ ޓިކެޓުގައެވެ. އެމަނިކުފާނުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމާއިއެކު، ދިވެހީންނަށް “ދިވެހީންގެ ރާއްޖެ” ހޯދައިދިނުމަށް ޑރ މުއިއްޒު ކެމްޕެއިން ފެއްޓެވީ ބާރު ސްޕީޑުގައެވެ. ރާއްޖޭގެ މަދު ރަށްތަކެއް ފިޔަވާ ހުރިހާ ރަށްތަކަކަށް ކުރެއްވި ކެމްޕެއިންގައި، ޑރ މުއިއްޒު ވިއްކެވީ އެމަނިކުފާނުގެ ސިޔާސަތުތަކެވެ. ފާހަގަވީ މަޑުމައިތިރި، އެހެން ބޭފުޅުންނާއި ތަފާތު ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އެތައް ފިއްތުއްތަކެއް ފިއްތާ، އެމަނިކުފާނާއި ދެކޮޅަށް އެތަކެއް ތުހުމަތުތަކެއް ކުރައްވާ، ޕީޕީއެމް/ ޕީއެންސީގެ ތެރޭގައި އޮތް ތާއީދު ގެއްލުވާލުމަށްވެސް މަސައްކަތް ކުރިއެވެ. ޕާޓީ ޖަހައިގަންނަން އަންނާނެކަމަށް ރައީސް ޔާމީން ވިދާޅުވީ ބާޒަކީ ޑރ މުއިއްޒުކަމަށްވެސް ބުނަމުން ގެންދިޔައެވެ. ޑރ މުއިއްޒުގެ މައްޗަށް ސިޔާސީ ގޮތުން އޮތް އިތުބާރާއި، އިހުތިރާމު ގެއްލުވާލަންވެސް މަސައްކަތް ކުރިއެވެ. ޒާތީ ކަންކަމަށް އަރައިގަތްއިރުވެސް ޑރ މުއިއްޒު ހުންނެވީ ކެތްތެރިކަމާއިއެކު، ސާބިތުވެއެވެ. ރައްދުދެއްވާ، ޕޯޑިއަމްއަށް ގަދަ ބޭފުޅެއްކަން ދެއްކެވުމުގެ ބަދަލުގައި ޑރ މުއިއްޒުގެ އަމާޒު ސީދާއެވެ. ކޮރަޕްޝަންގެ ތުހުމަތުކޮށް، އެމަނިކުފާނަށް މީހަކު މަރާލިކަމުގެ ތުހުމަތު ކުރައްވާ، އެވަރުން ނުވެގެން ޒިނޭގެ ތުހުމަތުވެސް ކުރިއެވެ. ހަރުކަށި ފިކުރަށް ނިސްބަތްވާ ބޭފުޅެއްކަމަށާއި، ޑރ މުއިއްޒު ވެރިކަމަށް އައިސްފިނަމަ ރާއްޖޭގައި އަންހެނުންގެ ހައްގުތައް ގެއްލިގެންދާނެކަމަށްވެސް ބުނަމުން ގެންދިޔައެވެ. މިއާއި ގުޅުވައި ދެން ދެއްކެވީ އަޑު އަހަން ދަތި ވާހަކަތަކެވެ.

އޭގެ އިތުރުން ޑރ މުއިއްޒަކީ އޮއްޓަރެއް ނެތް، “ހޮޅި” ކަންކަން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ދައްކަވާ، ރައްޔިތުންނަށް ސިފަކޮށްދޭން މަސައްކަތް ކުރި މަންޒަރު ކުލަ ނުވެ އުޅެނިކޮށް، ސެޕްޓެމްބަރ 9 ވަނަ ދުވަހުގެ ނަތީޖާއިން ދިވެހިން ދައްކައިދިނީ، މިފަދަ އެއްވެސް ވާހަކައެއް ރައްޔިތަކު ބަލައި ނުގަންނަކަމުގެ ހެތްކެވެ.

ޖުމްލަ 8 ކެންޑިޑޭޓު ވާދަކުރެއްވި، މިއަހަރުގެ ތާރީހީ އިންތިހާބުގައި، އެ 8 ކެންޑިޑޭޓުންގެ މައްޗަށް ޑރ މުއިއްޒު ހޯއްދެވީ ތާރީހީ މޮޅެކެވެ. 46 އިންސައްތަ ރައްޔިތުންގެ ތާއީދާއިއެކު، ދެވަނަ ބުރަށް ދަތުރު ކުރައްވާ ޑރ މުއިއްޒު ސިއްސުވާލީ ގައުމެވެ. ދެންވެސް ބޮޑާކަމެއް، ކިބުރުވެރިކަމެއް ނެތި، މޮޅުވެއްޖެކަމަށް ނިންމާ ފަހުރުވެރިވެ ފިނި ކޮޓަރީގައި އިންނެވުމުގެ ބަދަލުގައި ޑރ މުއިއްޒު އެމަނިކުފާނުގެ މަސައްކަތް ފެއްޓެވިއެވެ.

އެ މަސައްކަތަށް ހުރަސް އަޅުއްވާ، ޑރ މުއިއްޒުގެ އަގު ވައްޓާލުމަށް އެމަނިކުފާނުގެ ޒާތީ ހަޔާތާއި ގުޅުން ހުރި ވާހަކަތަކެއް ހިމަނާ ދެން ނެރުނީ ފިލްމެކެވެ. މިއީ ދެއްކުން މާ މުހިންމު ވާހަކަތަކެއްގެ ގޮތުގައި ފާހަގައެއް ނުކުރެވެއެވެ. ސަބަބަކީ ޕީޕީއެމް/ޕީއެންސީއާއި ދެކޮޅަށް ބަޔަކު 5 އަހަރު ކުރި އެންޓި ކެމްޕެއިންގައި އެއްވެސް ކާމިޔާބިއެއް ލިބިފައިނުވުމެވެ. ދެ މީދާ ފެހި ބުޅަލަށްވީވަރުވެސް ނުވިއެވެ.

އެއާއި ހިލާފަށް ކެމްޕެއިން ކުރައްވަން ލިބިވަޑައިގެން ޖުމްލަ 50 އެއްހާ ދުވަހުގެ ތެރޭގައި ޑރ މުއިއްޒު ކުރެއްވީ ކާމިޔާބު މަސައްކަތްތަކެކެވެ. މުޅި ރާއްޖެއަށް އެމަނިކުފާނުގެ ސިޔާސަތުތަކާއި، ފަލްސަފާތައް ފެތުރުއްވުމުގައި ޑރ މުއިއްޒު އުޅުއްވީ އަވަދި ނެތިއެވެ. އެގޮތުން ތަރުތީބު ކުރެވިގެން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި، އަދި އިތުރު އެހެން ތަރައްގީގެ މަޝްރޫއުތައް ހިންގަވާ، ރާއްޖެއަކީ ތަހުޒީބުވެ، ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ކުރައްވާނެ މަސައްކަތްތައް ހިއްސާކުރެއްވިއެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަކީ ބަސްވިކޭ، ބަލައިގަންނަ ގައުމެއްގެ ގޮތުގައި ދަމަހައްޓަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ، ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަވާ، ދެން އޮތް ޖީލަށް ރާއްޖެ އަމާން ތަނެއްގެ ގޮތުގައި ގެންދެވުމަށެވެ. މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާ، ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވީ ސިޔާސީ ފިކުރަކަށް، ކުލައަކަށް، ވޯޓު ދިނީ ކޮން ކެންޑިޑޭޓަކަށްތޯ ބެލުމެއް ނެތިއެވެ. މީގެ އިތުރުންވެސް އެތަކެއް މުހިންމު ވައުދުތަކެއްވެވަޑައިގެން، އެއީ ފުއްދެވޭނެ ވައުދުތަކެއްކަމުގެ ޔަގީންކަން ދެއްވާ، ރައްޔިތުންގެ ހިތްތައް ފަހަތަހަކުރެއްވިއެވެ.

މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. 282،803 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު ރިޔާސީ އިންތިހާބުގެ ނަތީޖާއިން ހެކިދޭކަމެކެވެ. 25 އަހަރުގެ ތަޖުރިބާއާއިއެކު، ވެރިކަމާއި ހަވާލުވެވަޑައިގެން އިބްރާހީމް މުހައްމަދު ސާލިހުގެ މައްޗަށް، ގާތް ގަނޑަކަށް 15 ވަރަަކަށް އަހަރުގެ ތަޖުރިބާއާއިއެކު، ނިކުމެވަޑައިގެން ޑރ މުއިއްޒު ވަނީ ކުރި ހޯއްދަވާފައެވެ. 127،332 ވޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފާއިވާއިރު، އެއީ ވޯޓުލީ މީހުންގެ 54 އިންސައްތައެވެ. މިއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ސިޔާސީ ލީޑަރަކަށް ކުރު މުއްދަތެއްގައި މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 45%ވަރަށް ގަޔާވޭ 16%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 2%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: