ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯފަން މީހުންނަށް ވޯޓްލެވޭ ގޮތުގެ އިސްލާހު މަޖިލީހުން ފާސްކޮށްފި!

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާނުލާ ވޯޓްލެވޭގޮތް ހެދުމަށް އިންތިހާބުތަކާއި ބެހޭ އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި  ވޯޓްލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓް ލުމުގެ އިހްތިޔާރު ދިނުމަށް މަޖިލިސް އަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ޓެމްޕްލޭޓެއް ތައާރަފް ކޮށް އިސްލާހު ހުށަހަޅާފައެވެ.

ރިޔާސީ އިންތިހާބުތަކާއި ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވި 51  މެމްބަރުންގެ ވޯޓުންނެވެ.

އިތުރު އެހީތެރިޔަކާ ނުލައި ވޯޓް ލުމުގެ ކުޅަދާނަކަން ލިބިފައިވާ ނުވަތަ ޖިސްމާނީ އެހެން އުނދަގުލެއްނެތް ހަމައެކަނި ލޯފަން މީހުން ވޯޓްލުމުގައި ބޭނުންކުރާނެ ޓެމްޕްލޭޓްގެ މައުލޫމާތު ހިއްސާ ކުރައްވައި ޖީހާން ވިދާޅުވީ އެ ޓެމްޕްލޭޓަކީ ވަގުތީ ގޮތުން ވޯޓް ކަރުދާސް އޭގެ ތެރެއަށް ލައްވާލެވޭ ނުވަތަ ވަގުތީ ގޮތުން ކަރުދާސް އޭގެ މަތީގައި ބޭއްވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޓެމްޕްލޭޓެއް ކަމަށެވެ.

ލޯފަން މީހުން ވޯޓް ދިނުމުގައި ބޭނުން ކުރާނެ ޓެމްޕްލޭޓްގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓް ދިނުމަށް ފާހަގަ ޖަހަންޖެހޭ ދިމާލުގައި ކަނޑާ ނަގާފައި އޮންނާނެ ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި އެ ޓެމްޕްލޭޓްގައި ވޯޓްދޭ ކެންޑިޑޭޓަކަށް ފާހަގަ ޖެހުމަށް ރަސްގެއަކަށް ވާހެން ކަނޑާނަގާފައި ވާނެ ކަމަށް އިސްލާހު ހުށަހެޅުއްވި ދުވަހު ޖީހާން ވިދާޅުވިއެވެ.

ޖީހާންގެ އެ އިސްލާހުގައި ބުނެފައިވަނީ ވޯޓް ކަރުދާސް އަދި ވޯޓްލާ ޓެމްޕްލޭޓް ދޫކުރާ ހިސާބުން ފެށިގެން ވޯޓް ކަރުދާސް ވޯޓް ފޮއްޓަށް ވައްޓާލުމާ ހަމައަށް އިލެކްޝަންސްގެ އެއްވެސް އޮފިޝަލަކު އެހީތެރިވެގެން ނުވާނެ ކަމަށާއި އެތަނުގައި ހާޒިރު ވެ ހުރެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ލޯފަން މީހާގެ ވޯޓްގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިންތިހާބު ތަކުގައި ލޮލުން ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް ވޯޓްލުމުގެ ފުރުސަތު ދީފައިވަނީ އިތުރު އެހީތެރިއެއް ނުވަތަ އިލެކްޝަންސް އޮފިޝަލަކު މެދުވެރިކޮށެވެ.  އިލެކްޝަންސް އިން ބުނެފައިވަނީ ބައެއް ފަހަރު ވޯޓްލާން އަންނަ އެހީތެރިޔާ ބޭނުންވާ ފަރާތަކަށް ވޯޓްލާ ކަމުގެ ޝަކުވާ އެކޮމިޝަނަށް މީގެ ކުރިން ލިބިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: