މިއަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކަސްތޮޅުގައި ނޯންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އެމަނިކުފާނުގެ މުޅި ދިރިއުޅުން ގުރުބާން ކުރެއްވި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބުރަ މަސައްކަތުން ހިޔާލުފާޅުކުުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން ކޮންމެވެސް މިންވަރެއް ހާސިލްކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިއަދު މަޖިލީހުގެ 13 މެމްބަރަކު ސިޔާސީ ޕާޓީއެއް ހެދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަކީ ކަންބޮޑުވުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން އެ ޕާޓީގެ ހުރިހާ އަސާސްތަކާއި އުސޫލުތައް ދޫކޮށްލައިފާ ކަމަށާއި އެ ޕާޓީން ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ވީ ވައުދުގެ ދެބައިކުޅަ އެއްބައިވެސް ފުރިހަމަ ކުރެވިފައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ އާއި ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން ތަކެއް ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގައެވެ. އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އާއި ގުޅުނު މެމްބަރުން ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތުގެ ނެޓްވޯކެކެވެ. އެހެންކަމުން އެ ނެޓްވޯކުގެ ތެރޭގައި ތިބެން އުނދަގޫ ވުމުން އަލުން އުފައްދާ ސިޔާސީ ޕާޓީއަށް ގުޅެން ނިންމީ ކަމަށް ދަ ޑިމޮކްރެޓްސް އާއި ގުޅުނު މެމްބަރުން ވަނީ ބުނެފައެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ފިކުރެއްގެ ދިރުން، ސިޔާސީ ހަރަކާތެއްގެ ގޮތުގައި ފުޅާކޮށް ކުރިއެރުވުމަށް އެކުލަވާލި ޕާޓީއެއް ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

