ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ނިޒާމު ގަޑުބަޑުކުރައްވައިފިކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ފިކުރެއްގެ ދިރުމުން އަލަށް އުފެއްދުމަށް މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ސަރުކާރުން ހުރަސްތަކެއް އަޅާފައިވާކަމަށް ފާހަގަކޮށް ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުންދަނީ ރައީސް ސާލިހަށް ފާޑުކިޔަމުންނެވެ.
ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ފައިސާ އަދި ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ސާލިހު ހުންނެވީ އެމްޑީޕީ ބައިބައިކޮށްލައްވައިގެންކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ބައިބައިކޮށްލެއްވީ އެމްޑީޕީ އެކަނި ނޫންކަމަށާއި، އެގޮތުން 2018 ވަނަ އަހަރުގެ ކޯލިޝަން ޕާޓްނަރުންކަމަށްވާ ޖުމްހޫރީ ޕާޓީ، އަދި ރައީސް މައުމޫންގެ އެމްއާރްއެމްވެސް ދައުލަތުގެ ބާރުތައް ބޭނުންކުރައްވައިގެން ރޫޅާލައްވައި ބައިބައިކޮށްލެއްވިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވަހީދު ވިދާޅުވީ، އެމަނިކުފާނުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ނިޒާމު ގަޑުބަޑުވެގޮސްފައިވާކަމަށެވެ.
ރައީސް ސާލިހުގެ ސަބަބުން ރާއްޖެ ޑިމޮކްރެސީއަށް ކުރަމުންދާ ދަތުރުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާމަށް ވަހީދު ސިފަކުރެއްވިއިރު، މީގެ ކުރިން އޭނާވަނީ ސަރުކާރުން ރާވައިގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މަގާމުން ދުރުކުރުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށްފައެވެ.

