ވަކި ފަރުދަކަށްވުރެ، އެމްޑީޕީ އަދި މި ގައުމު ޕާޓީގެ މެންބަރުންނަށް މާ ބޮޑުކަމަށާއި، މިއީ ކާމިޔާބެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައި ފައްޔާޒް ވިދާޅުވީ އަބަދުވެސް ރާއްޖޭގައި އޮތީ މަތިން ތިރިއަށް ހިނގާ ވެރިކަމުގެ ނިޒާމެއްކަމަށާއި، ވާދަވެރި ސިޔާސީ ވިސްނުމެއް އޭރު އޮތުމަކީ އެންމެ ބޮޑު ކުށްކަމަށް ވިދާޅުވެ ފައްޔާޒް އެ އިޝާރާތްކުރެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމަށެވެ.
ފައްޔާޒް ވިދާޅުވީ އޭރު މީހަކު އުމުރު ދުވަހު ވެރިކަމުގައި ހުރުމަށްވެސް ހުރަހެއް ނެތްކަމަށާއި، މިނިވަން މުއައްސަސާތަކާއި، އިންސާނީ ގަދަރާއި ކަރާމާތުގައި އޭރު އެއްވެސް އަގެއް ނެތްކަމަށް ވިދާޅުވެ ފައްޔާޒް ވަނީ މައުމޫނުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭރު އިންތިހާ ދަރަޖައިގެ ބޭ އިންސާފާއި، ލާއިންސާނީ އަނިޔާ ދިނުމަކީ އޭރު ދައުލަރުގެ ހައިބަތުކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ހުރިހާކަމެއްގައި ރައްޔިތުން ތިބެން ޖެހުނީ ބިރުން. ސަރުކާރަށް އަޅުދާސްވުމުގައި ފިތި ހަފުސްވެފައި. ފުރުސަތު ނެތަސް އިންސާނުންގެ އިހުސާސަކީ އޮބެހެއްޓޭ އެއްޗެއް ނޫން. ބޭރަށް ހާމަނުކުރެވުނަސް، އެތެރެ ހަށީގައި އެ އޮއެވަރު ހިނގާނެ.
ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އޭރު ރައްޔިތުން ތިބީ ހުރިހާކަމަކަށް ބިރުންކަމަށެވެ. އަދި ސަރުކާރަށް އަޅުދާސްވެފައި ތިބެން ޖެހުމުގެ ސަބަބުން ބޭރަށް ހާމަނުކުރެވޭ އެތައް އޮއެވަރެއް ރައްޔިތުންގެ ހަށީގައި ހުރިކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ، އެ ހިނގާ ޝުއޫރުތައް ބޭރު ފުށަށް ވާސިލްވުމަށް ކިތައްމެ ޒަމާނެއްވެސް ފާއިތުވެދާނެކަމަށެވެ.
އެމްޑީޕީއަކީ ދިވެހިން ހަށިފޮޅާލައި މިނިވަންވެގަތުމުގެ އޮއެވަރު އޮބިނޯވެގެން ދިޔަ ދަނޑިވަޅުގައި އުފެދުނު ނަމެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ. ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބާގައި، ޕާޓީގެ މެންބަރުންނަށް ތަހުނިއްޔާ ފޮނުއްވައި ފައްޔާޒް ވަނީ އެކި އިރު ޕާޓީއަށް ހިދުމަތްކުރެއްވި އެތައް ބަޔަކުވާކަމަށް ފާހަގަކުރައްވާފައެވެ. އަދި ޝުކުރު އަދާކުރެއްވިއެވެ. މި ޕާޓީއަށްޓަކައި އެތައް ހާސް ރައްޔިތުންނެއް ގުރުބާންވީކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި ބުރަ މަސައްކަތުން ޕާޓީ އުފެދުނުތާ 3 އަހަރުގެ ތެރޭގައި އެމްޑީޕީއަށް ވެރިކަން ލިބުންކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. ނަމަވެސް އޭގެ 3 އަހަރު ފަހުން އެމްޑީޕީ އަނެއްކާ މަގުމަތިވީކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ހޯދި ކާމިޔާބީގައި މުސްތަގުބަލަށް ކުރި އުއްމީދުގައި ހަމަޖެހިލެވޭނެ ފުރުސަތު އެމްޑީޕީއާއި ދިވެހި ރައްޔިތުންނަށް ނުލިބުނު. މި ދެންނެވި ބޮޑު ދެރަ އެމްޑީޕީގެ މެންބަރުން ތަހައްމަލުކުރި. ހުއްޓުމެއް ނެތި 7 އަހަރު މަގުތައް މަތީ ގަނަތެޅިގެން. އެހެން ނަމަވެސް އެމްޑީޕީގެ މެންބަރުން އަލުން އަނބުރާ ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދިޔަ.
ފައްޔާޒް ވިދާޅުވިއެވެ.
ހޯދި ކާމިޔާބީގައި ހަމަޖެހިލެވޭނެ ފުރުސަތެއް ނުލިބުނު ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުން ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔަކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން އޭނާ އިޝަރާތްކުރެއްވީ 2018 ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުމަށެވެ. އަދި ވިދާޅުވީ އެއަށްފަހު މި ފާއިތުވެދާ 5 އަހަރު ރައްޔިތުންނަށް ހަމަޖެހިގެން ނޭވާ ލެވުނުކަމަށެވެ.
ސިޔާސީ ހަލަބޮލިކަމާއި، ދެބަސްވުމާއި، ޒުވާބަކީ މުޅި އުމުރު އުފުލޭނެ ބުރައެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދިއުމުގެ އިހުސާސް މިއަދު މުޅި ރާއްޖޭގައި ހިނގާކަމަށާއި، އެތައް އަހަރަކުން ނުވެ ދިގުލީ އެތައް ތަކުލީފުތަކެއްގެ ހައްލު 2018 ގައި އެމްޑީޕީ އުފެއްދި ވެރިކަމުން ރައްޔިތުންނަށް ލިބެން ފަށައިފިކަމަށް ވިދާޅުވެ، ފައްޔާޒް ވަނީ މި ސަރުކާރުން އަސާސީ ހައްގުތަކާއި، އިގްތިސާދީ ފުރުސަތު ހުޅުވާލަދިން ގިނަ މި 5 އަހަރު ގެނެވިއްޖެކަމަށްވެސް ވިދާޅުވެފައެވެ. މިއީ އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުގެ ނަތީޖާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ސިއްހަތާއި ތައުލީމާއި ބޯހިޔާވަހިކަމުގެ ހަގީގަތް އެމްޑީޕީއިން އުފެއްދި ވެރިކަމުން ލޯތަކަށް ދައްކަމުންދާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް މި ކާމިޔާބީއަށް އެމްޑީޕީ ވާސިލްވެފައި މިވަނީ ފަސޭހަ ދަތުރަކުން ނޫންކަން ފައްޔާޒް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވީ ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އެންމެ އުނދަގޫ މަރުހަލާކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކެތްތެރިކަމާއިއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި އެމްޑީޕީގެ އަސާސްކަމުގައިވާ، ޑިމޮކްރަސީގެ ހަމަތައް އެންމެ ކުރިއަށް ނެރެގެން، ހިތި ހަގީގަތްތަކާއިއެކު، ހިތުގެ އެއްފަޅީގައި އެ ހިތާމަ ބަދެގެން އެމްޑީޕ ބަރުދާސްތުކުރިކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެއީވެސް ތަޖުރިބާއެއްކަމށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، މި ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގެ ކާމިޔާބީއަށް ހުޅުވާލެވުނު އާ ދޮރެއްކަމަށެވެ.
އެއްވެސް ވަކި ފަރުދަކަށްވުރެ، އެމްޑީޕީ އަދި މި ގައުމު ޕާޓީގެ މެންބަރުންނަށް މާ ބޮޑުކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ ފަލްސަފާ އެމްޑީޕީގައި އަޝަގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެމްޑީޕީއިން ދެން ކުރަން އޮތް މަސައްކަތަކީ އެކީ ނިކުމެ ރިޔާސީ ދައުރު ކާމިޔާބުކުރުންކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ފާއިތުވީ ފަސް އަހަރު ހޯދުނު ކާމިޔާބީ ޒަމާންތަކަކަށް ދެމެހެއްޓޭނެ ގޮތަކީ އެއީކަމަށެވެ.

