ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭކަމަށް އިއުލާނު ކުރި ވަގުތީ ލިސްޓުގައި ރަށްވެހިކަން ބަދަލު ކުރި އިންޑިއާ މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށް ހިމެނިފައިވަނީ އޮޅުމަކުންކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހުޅުވާލި ސްކީމަށް ކުރިމަތިލުމުން ޝަރުތު ހަމަވި އެންމެނަށް ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ގެޒެޓުގައި މިވަގުތު ޝާއިއުކޮށްފައިވާ ލިސްޓުގައި ހުރި ބައެއް ނަންތަކާއި އާއިލާތަކާއި ގުޅުވައި އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވަނީ އެއީ އެންމެ ބޯހިޔާވަހިކަމަށް ޖެހިފައިވާ ހާލަތުގައި ޖެހިފައިވާ މީހުންތޯ ސުވާލު އުފައްދަ އެވެ.
އެއީ ސަރުކާރާއި ގުޅުން ހުރި ބައެއް މީހުންނާއި، އެ މީހުންގެ އާއިލާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ އެކްޓިވިސްޓުންގެ އިތުރުން ވިޔަފާރި އާއިލާތަކަށް ވެސް ބިން ލިބިފައިވާތީ އެވެ. އެފަދަ ބައެއް މީހުންގެ ނަންތައް އާއްމުވެފައި ވަނިކޮށް، އިއްޔެ ސޯޝަލް މީޑިއާގައި ފެންމަތިވި އެއް މައްސަލައަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ދިވެއްސަކަށް ވެސް ގޯތި ލިބުމުގެ ޝަރުތު ހަމާވާތީ އެވެ.
ހަބީބް ރަހިމާން މުހައްމަދު ހަނީފް ނަމަކަށް ކިޔާ އެ މީހާއަކީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ދޮން ބައްޕަ އެވެ. ގެދޮރުވެރިޔާ ކޮމިޓީގެ ލިސްޓުގައިވާ ގޮތުން އެ މީހާ ގޯތި ލިބުމުގެ ޝަރުތުތައް ފުރިހަމަވެ އެވެ. އަދި އޭނާއަށް ލިބިފައި ވަނީ 62 ޕޮއިންޓެވެ. އެހެންކަމުން ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.
މައްސަލަ ފެންމަތިކުރި އިރު އޭނާއަކީ ރާއްޖޭގެ ރަށްވެހިކަން ލިބުނުތާ 05 އަހަރުވެސް ނުވާ މީހެކެވެ. އެނގިފައިވާގޮތުގައި އިންޑިއާގެ ރަށްޔިތު މީހާއަށް ދިވެހި ރަށްވެހިކަން ލިބުނީ 2019 ގަ އެވެ.
ފާޑުކިއުންތައް އަމާޒުވާން ފެށުމުން ހައުސިން މިނިސްޓްރީން ބުނީ ހަބީބް ގޯއްޗަށް ޝަރުތު ހަމާވާކަމަށް ލިސްޓުގައި ހިމެނިފައި ވަނީ އޮޅުމަކުން ކަމަށެވެ. އަދި ދާއިމީ ލިސްޓުގައި އެކަން އިސްލާހު ކުރާނެކަމަށް ވަނީ ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި ހަބީބްގެ އަންހެނުން ވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. ޓުވީޓުތަކަށް ރައްދު ދީ އޭނާ ބުނެފައި ވަނީ ހަބީބަކީ ދާދިފަހުން ދިވެހި ރަށްވެހިކަން ލިބުނު މީހެއް ނަމަވެސް ރާއްޖޭގައި އުޅޭތާ ގިނަ އަހަރުތަކެއްވެފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ދިވެހި ދައުލަތަށް ޓެކްސް ދައްކާ މީހެއްކަމަށާއި، ގޯއްޗަށް ކުރިމަތިލުމުގެ ހައްގު އޭނާއަށް ވެސް އޮންނާނެ ކަމަށެވެ.
އެކަމަކު އެ މައްސަލަ ފާހަގަކުރި ގިނަ މީހުން ވަނީ މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއްވީ މީހުން ޝަރުތު ހަމަނުވާއިރު ބޭރު މީހަކަށް ދިވެހިރާއްޖެއިން އަގުބޮޑެތި ބިން ހިލޭ ލިބެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

