ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ ބަޖެޓު: ހުސްވާ ގޮތުން ހީވަނީ ދިވެހި އެންމެހާ ރައްޔިތުން ތިބެނީ އަބަދަށް ހަސްފަތާލުގައިހެން!

އާސަންދަ އޮފީސް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދައަކީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރެވެމުންދާ އެންމެ މުހިންމު އެއް ބޭނުމެވެ. އެ ސިޔާސަތުގެ ދަށުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް އޮތް ކޮންމެ މީހަކަށްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ސިއްހީ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އާސަންދައިގެ ދަށުން ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް 628.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ބަޖެޓުގެ ގޮތުގައި ކަނޑައެޅިފައިވާ 1 ބިލިއަން ރުފިޔާގެ 60 އިންސައްތައެވެ. މިދިޔަ އަހަރުވެސް ހަމަ މިފަދަ އެވެ. 2022 ވަނަ އަހަރު މެދާއި ހިސާބަށް ދިޔައިރު، ދިވެހި ރައްޔިތުން ހަސްފަތާލުތަކަށް ޒިޔާރަތްކުރާ މިންވަރު ގިނަ ކަމުން ބަޖެޓު ހުސްވިއެވެ. އާސަންދައިގެ ދަށުން ހޭދަ ކުރުމަށް ކަނޑައެޅިފައިވާ ފައިސާތައް ހުސްވެގެންދާ ދުވެލީގެ ބާރު މިނުން ހީވަނީ ރައްޔިތުން އަބަދު ހާލުބޮޑުވެ އެޑްމިޓްކޮށްފައި ތިބޭހެންނެވެ.

ކަނޑައެޅިފައިވާ އަދަދުތައް ހުސްވެ. ދިވެހި ސަރުކާރުގެ ހެޔޮ ފުޅުކަމުން،، ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅައި، 730.9 މިލިއަންގެ އާސަންދަ ބަޖެޓެއް 1.6 ބިލިއަންއަށް އިތުރުކުރިއެވެ. 2022 ނިމިގެންދިޔައީ ދިވެހި ރައްޔިތުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަށްޓަކައި ބަޖެޓުން 1.8 ބިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ. ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ރައްޔިތުންވަނީ 1 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ސިއްހީ ފަރުވާ ހޯދާފައެވެ.

ކަން ހުރީ މި ދެންނެވި ގޮތަށް ކަމަށްވާއިރު، މި އަދަދުތަކުގެ ތެރޭގައި މައްސަލަތަކެއް ފާހަގަކުރެވެއެވެ. ބަޖެޓުހުސްވެގެންދާއިރު، ގިނަ އަދަދެއްގެ ރައްޔިތުންނަށް ހޮސްޕިޓަލަށް ޒިޔާރަތްކުރެވިގެންދަނީ މަދު ފަހަރެއްގެ މަތިން ކުޑަ ކަމަކުއެވެ. އާސަންދައިގެ ތެރެއިން ހިދުމަތްތައް ދިނުމުގައި އެކި ކަންކަމަށް ވަކި އަަދަދުތައް ކަނޑައެޅިފައިވާއިރު، އެ ކަމަކަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރު ވާ ނަމަ ފައިސާ ދައްކަން ޖެހެނީ އަމިއްލަ އަތުންނެވެ. ފެނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ލޮލުގައި އަޅާ އައިނެއް ހައްދަން ވަޑައިގެންނެވި ކޮންމެ ފަރާތަކަށްވެސް މިކަން މީ ހަގީގަތްކަން އެނގިވަޑައިގަންނަވާނެއެވެ.

އައިނު ހެއްދުމަށް އާސަންދައިގައި ވަކި އަދަދެއް ކަނޑައެޅިފައިވާ ގޮތަށް، އެހެނިހެން ފަރުވާތަކަށްވެސް ވަކި އަދަދުތަކެއް ކަނޑައެޅިފައިވެއެވެ. ކޮންމެ އަހަރަކު ބަޖެޓު ހުސްވާ ގޮތުން ދައްކަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކޮންމެ އަހަރަކު އެ ލިސްޓުގައިވާ އެންމެހާ ބަލިތައްވެސް ޖެހޭކަމަށެވެ. އެ ނޫންނަމަ ވަކި ވަކިން ބަލިތަކަށް އަދި ފަރުވާތަކަށް އަދަދު ކަނޑައެޅިފައިވާ ސްކީމަކުން އެންމެ ރައްޔިތުންނަށް ހޭދަކުރަން ކަނޑައެޅިފައިވާ އަދަދު ހުސްވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ.

އާސަންދަ ބަޖެޓު ހުސްވާ ހުސްވުމުގައި މައްސަލަތަކެއް ހުރިކަމަށް ދައުލަތުގެ މުއައްސަސާތަކުގެ ބައެއް އިސް ވެރިންވެސް ދެކިވަޑައިގަންނަވައެވެ. އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ ޝައްކުތަކެއް އުފެއްދުމަށް ޖާގަ ހުރިކަން ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާގޮތުން،2022 ވަނަ އަހަރާއި އަޅާ ކިޔާއިރު 2023 ވަނަ އަހަރުގެ ޖެނަވަރީ މަހުގެ ތެރޭގައި އާސަންދައިގެ ހަރަދު އިތުރުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެންނެވެ.

އެމަނިކުފާނު އިޝާރާތްކުރެއްވީ ހަމަ ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށެވެ. އެމަނިކުފާނުވަނީ އެއް އަހަރުން އަނެއް އަހަރަށް އެ އަދަދު އިތުރުވަމުންދާކަމަށް ފާހަގަކުރައްވާ ކަންބޮޑުވެވަޑައިގަންނަވާކަން ހިއްސާކުރައްވާަފައެވެ. ކަންބޮޑުވެވަޑައިނުގަންނަވާ ވަރެއް ނޫނެވެ. 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަރަދުކުރީ 67.9 މިލިއަން ކަމަށްވާއިރު، 2023 ވަނަ އަހަރު މި އަދަދު ވަނީ އެތައް ގުނައެއް އިތުރުވެގޮސް 283.4 މިލިއަންއަށް އަރާފައެވެ. ހަރަދު ކުރާ މިންވަރަށްވުރެ ހަގީގަތުގައި ކަންބޮޑުވާންވީ ދިވެހި ރައްޔިތުންގެ ތެރޭގައި ބަލިވާ މީހުން ގިނަވެގެންދާ މިންވަރަށެވެ. މި އަދަދުތަކުން ސިފަވަނީ ސިއްހީ ކާރިސާއެކެވެ. އެއް ބަޔަކު މިއީ ކޮވިޑްގެ ސަބަބުންކަމަށް ބުނާއިރު، ކޮވިޑް މެނޭޖު ކުރުމަށް ބޭރުގެ އެހީ އެތައް ފަހަރެއްގެ މަތިން ލިބުނުކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ.

ރާއްޖޭގެ ރައްޔިތުން ބޭރު ގައުމުތަކުގައި ތިއްބާވެސް އާސަންދައިން ބޭނުންކުރާ ކަމުގެ މެސެޖުތައް ލިބި، ސޯޝަލްމީޑިއާގައިވެސް ހިއްސާކޮށްފައިވެއެވެ. އެހެންކަމުން މިއަދު ރާއްޖޭގެ މާލީ ހާލަތާއިމެދުވެސް ބޮޑެތި ކަންބޮޑުވުންތައް ހުރި އިރު، މާލިއްޔާތުން ބޭނުންކުރަމުންދާ ގޮތްތައްވެސް އިސްލާހުކުރުން ވަރަށް މުހިންމެވެ. ރާއްޖެއާއި ބޭރުގެވެސް މާލީ މުއައްސަސާތަކުން އާސަންދައިގެ ހަރަދުތަކާއި މެދު އެކި ފުރުސަތުތަކުގައި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ދިވެހި ރައްޔިތުންގެ ސިއްހީ ހާލަތާއި ނުބައްދަލު މިންވަރަކަށް އެ ބަޖެޓުން ހަރަދުކޮށް، ނާޖާއިޒް ފައިދާތަކެއް ނެގިގެންދާކަމަށް ސިފަވެގެންދިއުމަކީ މި މައްސަލައަށް ހައްލުތަކެއް ގެނައުމުގެ މުހިންމުކަން ސާފުވާ ކަންކަމެވެ.

ރާއްޖޭގެ ހުރި މުހިންމު އެކި ސިއްހީ މައްސަލަތަކަށް މި ބަޖެޓުން ހަރަދު ކުރުމުގެ ވިސްނުންތައްވެސް އައީ ދާދި އިހަށްދުވަހުއެވެ. ދަރިމައިވުމުގެ ދަތިތައް ހުންނަ މީހުންނަށް ފަރުވާ ދިނުމަށް ގޮވާލާ ގަރާރެއް ހުށައެޅީ 2022 ވަނަ އަހަރުގައެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާތައް ފުރިހަމައަށް ފޯރުނުކޮށްދެވޭ އިރު، އިންތިހާއަށް ބިޔަ ބަޖެޓެއް ހަދައި އެ ހުސްކުރަމުންދާ ގޮތަކީ އެކަމުގެ ހަގީގަތް ދެނެގަތުން މުހިންމު މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: