ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ!

އާސަންދަ އޮފީސް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމާއި ގުޅިގެން މައުލޫމާތު ދެމުންނެވެ. މިކަމާއި ގުޅޭ ގޮތުން މިއަދު ހާއްސަ ނުސްވެރިންގެ ބައްދަލުވުމެއް ބާއްވާ މައުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނުއްވާފައިވާ “ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން” މިވަޢުދުގެ ދަށުން އެކިއެކި އުމުރުފުރާތަކަށް އަމާޒުކުރެވިގެން 1 ޖަނަވަރީ 2024 އިން ފެށިގެން ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި  ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުންކަން ސަރުކާރުން ފާހަގަކުރެއެވެ. މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކަށް ކުރެވޭ ޚަރަދުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަމަށް ސަރުކާރުން ބުންޏެވެ.

އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ، ކަމާގުޅޭ ފަންނީ އެންމެހާ ފަރާތްތަކުގެ ލަފާ އަދި އިރުޝާދުގެ ދަށުންނެވެ. މިގޮތުން އެކިއެކި އުމުރުފުރާތަކަށް ޚާއްޞަކޮށް ޕެކޭޖްތައް އެކުލަވާލާފައިވަނީ ކަމާގުޅޭ ޑޮކްޓަރުން އަދި ފަންނީ މާހިރުންގެ މަޝްވަރާއާއެކުއެވެ. ޕެކޭޖްތައް އެކުލަވާލާފައިވަނީ ގައިންގަޔަށް ނާރާ ނުވަތަ ދިގުމުއްދަތަކަށް ފަރުވާކުރަންޖެހޭ ބޮޑެތި ބަލިތައް ދެނެގަނެވޭނެފަދަ ގޮތަކަށެވެ. އަދި މި ޚިދުމަތް ތަންފީޒުކުރަން ފެށުމަށްފަހު މުރާޖަޢާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވޭނަމަ ފަންނީ ބޭފުޅުންގެ އިރުޝާދާއެކު ޕެކޭޖްތައް މުރާޖަޢާކުރެވޭނެއެވެ.

ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް މި ޚިދުމަތް ފޯރުކޮށްދިނުމުށްޓަކައި ޞިއްޙީ ވުޒާރާ، އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އާއެކު ވަނީ މަސައްކަތްކުރެވިފައެވެ.

މި ހިދުމަތް ތަންފީޒް ކުރަން ފަށާ ތާރީހު:

އުމުރުން 50 އަހަރުން މަތި: 1 ޖަނަވަރީ 2024

35 އަހަރާއި 49 އަހަރާ ދެމެދު: 1 އެޕްރީލް 2024

19 އަހަރުން ދަށުގެ ކުދިން (ސްކޫލް ސްކްރީނިންގ ޕްރޮގްރާމް މުރާޖަޢާކުރުމަށްފަހު ތަންފީޒުކުރުން): 1 އެޕްރީލް 2024

19 އަހަރާއި 34 އަހަރާއި ދެމެދު: 1 ޖުލައި 2024

ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށްފަހު، 2 ވަނަ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް އަހަރުތެރޭގައި 2 ވަނަ ފަހަރަށްވެސް މި ޚިދުމަތް ހޯދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މި ޚިދުމަތް ލިބިގަތުމަށްޓަކައި، ޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ މަރުކަޒަކަށް ގުޅުއްވައި މެޑިކަލް ޗެކަޕް އަށް އެދި ނަންނޯޓް ކުރެއްވުމަށް 1 ޖަނަވަރީ 2024 އިން ފެށިގެން ހުޅުވާލެވޭނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ތާރީޚުގައި އެ މަރުކަޒަކަށް ވަޑައިގެންނެވުމުން ޚިދުމަތް ލިބުމުގެ މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: