ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސްފަރުވާއަށް ތައިލެންޑާއި ޔޫއޭއީއަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ފަށައިފި

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތައިލެންޑާއި ޔޫއޭއީއަށް ބޭސް ފަރުވާއަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫ.އޭ.އީ.) އަދި ތައިލެންޑުން ވެސް އެ ޚިދުމަތް ލިބޭގޮތަށް ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން މީޑިއާތަކަށް ދެއްވި ސްޓޭޓްމަންޓުގަ އެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުން ސިއްހީ ހިދުމަތް ހޯދުމުގައި ވަކި ގައުމެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މި ބަދަލާއެކު މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަމުގައެވެ. އެގޮތުން ޔޫއޭއީ އަދި ތައިލެންޑަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާއިރު އެކަން ކުރައްވާނީ އެކޮމަޑޭޝަންގެ ހަރަދުވެސް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާ ގޮތަށްކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވައުދާއި އެއްގޮތަށް، މަސައްކަތް ފަށައި އާސަންދަ ކުންފުނިން ބުނީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އާސަންދައިން ބުނީ މިވަގުތު އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ބަލި މީހުން ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށް ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔޫއޭއީއަށް ވެސް ސްކީމުގެ ދަށުން ބަލި މީހުން ފޮނުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވުމާއިއެކު އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކާއިއެކު ދަނީ ކުރިޔަށްކަމަށް ބުންޏެވެ.

އާސަންދަ ކުންފުނިން ވަނީ ބައެއް ނޫސްތަކުން އެ ކުންފުންޏާއި އަދި ހިދުމަތާއި ގުޅޭގޮތުން ހަގީގަތް އޮޅިގެންދާ ފަދަ ގޮތަކަށް މައުލޫމާތު ދެމުން ގެންދާތީ އެކަން ވެސް އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން އެ ކުންފުނިން ހިދުމަތްތައް ފުޅާކުރުމާއި ދެކޮޅުކަމަށް ބުނެ ބައެއް ނޫސްތަކުން ޝާއިއުކޮށްފައިވާ ހަބަރުތަކުގައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބަކަށް ރިއާޔަތްކޮށް ޝާއިއުކޮށްފައިވާ ވާހަކަތަކެއް ކަމަށް ބުނެފައިވާއިރު، އޭރު ހިދުމަތްތައް ފުޅާކުރުމުގެ ވިސްނުމެއް ނެތްކަމަށް ކުންފުނީގެ އެމްޑީ އައިމިނަތު ޒީނިއާ ވިދާޅުވިއިރު ހިދުމަތްތައް ފުޅާކުރުމަށް ނިންމައި އިއުލާނުކޮށްފައިނުވާކަމަށް ބުނެފައި ވެއެވެ.

އެހެންނަމަވެސް މިހާރު ސަރުކާރުން ހިދުމަތްތައް ފުޅާކުރުމަށް ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، މާ ކުރިން ބޭއްވުނު ކޮމިޓީއެއްގައި ދެކެވުނު ވާހަކައަކަށް ރިއާޔަތްކޮށް ސަރުކާރުގެ ނިންމުމާއި އާސަންދަ ކުންފުނި ދެކޮޅުކަމަށް އާންމުންނަށް ސިފަވެގެންދާ ގޮތަށް ހަބަރު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅިގެންދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިގެންދާނެކަމަށާއި އެހެންކަމުން އެފަދަ ގޮތަކަށް ހަބަރެއް ގެންނަ ނަމަ ކުންފުނީގެ ބަހެއް ހޯދައި ހަގީގަތާއި އެއްގޮތަށް ހަބަަރުތައް ގެނެސްދިނުމަށް އިލްތިމާސްކުރާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: