މާލެ ގިނަ މީހުންގެ ވޯޓާއި ގުޅޭނީ އީމާންތެރިކަންކަމަށް އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މިސްރާބު ހުރީ ޕާޓީ އުފެއްދި މަގްސަދާއި ދުރަށްކަމަށް ވިދާޅުވެ އެމްޑީޕީއިން ވަކިވެވަޑައިގެން، އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރާ ”ދަ ޑިމޮކްރެޓްސް“ އަށް ނިސްބަތްވާ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ މާލެ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާކަމަށާއި، އެއީ އަސާސީ ހައްގެއްކަމަށެވެ.
މާލޭގެ ގިނަ މީހުންގެ ވޯޓާއި ގުޅޭނީ ތެދުވެރިކަންކަމަށާއި، އަދި ހިޔާނާތްތެރިނުވުމާއި، ތަފާތުނުކުރުމާއި އަދި ވަފާތެރިކަމާއި، އީމާންތެރިކަންވެސް ގުޅިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. މި ވައުދު އެންމެ އެކަށީގެންވާ ގޮތެއްގައި ނުފުއްދަވާތީ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރުވެސް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ކަނޑައިދިނުމަށް ސަރުކާރުން ވައުދުވީ ގޯތިތައް އަދި ހުރީ ކަނޑު އަޑީގައިކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، 2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ނިމިގެންދިޔަ އިރުވެސް މާލޭގެ ރައްޔިތުންނަަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅެފައިނުވާކަމަށެވެ. އަދި 2022 ވަނަ އަހަރާއި ޖެހުނު އިރުވެސް އެންމެ ފްލެޓެއްވެސް އަޅަން ފަށާފައިނުވާކަމަށާއި އޭގެ އިތުރުން ގޯތި ދިނުމަށްވެސް އިންކާރު ކުރަމުންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ސަރުކާރުން ކޮންމެހެންވެސް ހައްލު ކުރަންޖެހޭ މައްސަލައެއްކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވައެވެ.
ސަރުކާރުންވީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް މިހާރު ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާއިރު، މީގެ ތެރެއިންވެސް އެތައް މައްސަލައެއް ފެންމަތިވީކަން ފާހަގަކުރެވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
ލިސްޓުގައި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި މީހުންނާއި، ސިޔާސީ ގޮތުން ނުފޫޒު ގަދަ ބައެއް މީހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ނުފޫޒު ގަދަ ބައެއް އާއިލާތަކުގެ މެމްބަރުންނަށް ގޯތި ލިބިފައިވެއެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތަކަށް ގޯތި ލިބޭ މައްސަލަ އާއްމުވިއެވެ.
ރަށްވެހިކަން ބަދަލު ކުރިތާ ފަސް އަހަރު ވެސް ނުވާ އެ އިންޑިއާ މީހާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ދޮން ބައްޕައެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔެވެ.

