ގެއްލިގެން ހޯދަމުންދިޔަ ”ޓައިޓަން“ ހޯދައި، އޭގެ ތެރެއިން އިންސާނުންގެ ހަށިތަކެއް ފެނިފައިވާކަމަށް އެމެރިކާގެ ކޯސްޓުގާޑުން ބުނެފައިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން، ގެއްލިގެން ހޯދަމުންދިޔަ ސަބު މިހާރު ވަނީ ހޯދިފައެވެ. އަދި ކަނޑުއަޑިން ނަގައިފައިވާ އެ އުޅަނދު ޗަސްވެފައިވާއިރު، އިންސާނުންގެ ހަށިތަކެއް ފެނިފައިވާކަންވެސް ހިއްސާކޮށްފައިވެއެވެ. އަދި ހޯދިފައިވާ އެންމެހާ ތަކެތި އެމެރިކާގެ ބަނދަރަކަށް ގެންގޮސް ސިއްހީ މާހިރުން ތަހުލީލުތައް ކުރާނެކަމަށްވެސް ބުނެފައިވެއެވެ.
މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ބައިނަލްއަގުވާމީ ފަރާތްތައް ބައިވެރިވެގެން ކުރާ މި ތަހުލީލުތަކުގެ މަގުސަދަކީ ކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށް ކުރެވިގެންދާ މަސައްކަތެކެވެ. އެހެންކަމުން ގިނަ މަސަައްކަތްތަކެއް ކުރުމަށް އޮތްކަމަށާއި، އެކަމުގެ ސަބަބުން ކުރިއަށް އޮތްތާނގައި މިފަދަ ހާދިސާއެއް ކުރިމަތިވުމުން ރައްކައުތެރިވުމަށް މަގުފަހިވެގެންދާނެކަމަށް ބުނެފައިވެއެވެ.
ޖޫން މަހުގެ 18 ވަނަ ދުވަހު ޓައިޓެނިކް އޮތް ތަނަށް ދިއުމަށް ދަތުރުކުރަމުންދިޔަ ”ޓައިޓަން“ ސަބު ގެއްލުމަށްފަހު ފެނިފައިވަނީ އެތްލާންޓިކް ކަނޑުގެ 12،500 ފޫޓު އަޑިންނެވެ. އެއީ އެ ސަރަހައްދުގެ ކަނޑުގެ އެންމެ ފުނާއި 1،600 ފޫޓު ދުރުކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ކޯސްޓު ގާޑުން މި މައްސަލައިގައި ހަރަކާތްތެރިވަމުންދަނީ އެމެރިކާ އަދި ކެނަޑާގެވެސް ކަމާއިބެހޭ ވުޒާރާތަކާއި ގުޅިގެންނެވެ.
ޓައިޓަން ސަބުކަމަށް ބެލެވޭ އުޅަނދެއްގެ ބައިތަކެއް ހޯދިފައިވާއިރު، އެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތުގެ އެންމެހާ ތަފްސީލުތައް ހިއްސާކޮށްފައިނުވެއެވެ. އެމެރިކާގެ ކޯސްޓުގާޑުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހަކު މީޑިއާތަކަށް ހިއްސާކޮށްފައިވާގޮތުން، އެކަން ކުރެވިދާނެ އެތައް ގޮތެއް އޮވެއެވެ.
އެގޮތުން، ކުދި ބައިތައް އެއްކޮށް ނެގިގެންދާނެއިރު، ބޮޑެތި ބައިތައް ނެގުމަށް ރިމޯޓަކުން ދުއްވާ އުޅަނދެއް ބޭނުންކުރެވިދާނެކަމަށާއި، އެންމެ ބޮޑެތި ބައިތައް ނެގުމަށް ޓޯ ކުރުމަކީވެސް ކުރެވިދާނެކަމަށް ކަމަށް ބުނެފައިވެއެވެ. މި މަސައްކަތްތައް ކުރަމުންދިޔަ ކެނަޑާގެ ހޮރައިޒަން އާޓިކް އުޅަނދުން މި ކަމާއި ގުޅޭގޮތުން އެއްވެސް ކޮމެންޓެއްކޮށްފައިނުވެއެވެ. އެގޮތުން އަދިވެސް އެ މަސައްކަތްތައް ކުރެވެމުންދާއިރު އެއްވެސް ޒާތެއްގެ ކޮމެންޓެއް ދެއްވެންނެތްަމަށް އެ އުޅަނދުގެ ވެރި ކުންފުނިންވަނީ މީޑިއާތަކަށް ހިއްސާކޮށްފައެވެ.

