މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެނޑިޑޭޓު އަދި ދަނގެތީ ދާއިރާގެ ފުރަތަމަ 30 ދުވަހުގެ ވައުދުގެ ތެރޭގައި އެކަނިވެރި ބެލެނިވެރިންނާއި، އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އިނާޔަތް ދޭނެކަމަށް ވައުދުވެއްޖެ އެވެ.
އެމްއެންޕީގެ ސިޔާސަތުގައި ވަނީ އެކަނިވެރި ބެލެނިވެރިންނަށް ދޭ އިނާޔަތް 4000 ރުފިޔާއަށް ބޮޑު ކުރާނެކަމަށެވެ. އަދި ވަކި މިންވަރަކަށް އާމްދަނީ ނުލިބޭ އެންމެހާ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ނާޒިމްގެ ވައުދުތަކުގެ ތެރޭގައި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުތަކުގެ ދަށުން އާރުއެސްޑަބްލިއު ސިސްޓަމާއި ރާޑާރ ސިސްޓަމް ދޫކުރުން ހިމެނެ އެވެ.
ނަޒާހަތްތެރި ވެރިކަމުގެ ސިޔާސަތުގެ ދަށުން އެމްއެންޕީން އާއްމު ކުރި މައުލޫމާތުތަކުގައި ބުނީ އޭގެ ތެރޭގައި ހިމެނޭނީ ޖަވާބުދާރީވާ، ހަމަހަމަކަން ގާއިމު ކުރާ، އަދި ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދޭން އިސްކަން ދޭ، ހާމަކަން ބޮޑު ވެރިކަމަކާއި، ރައްޔިތުންގެ ބަސް ހޯދާ، ގާނޫނީ އަމުރުތަކަށް ތަބާވާ. ރައްޔިތުންގެ އިތުބާރާއި އިހުތިރާމު ދަމަހައްޓާ ވެރިކަމެއް ހިންގުމެވެ.
މީގެ އިތުރުން ޕާޓީގެ ހާއްސަ އިސްކަމެއް އަދުލު އިންސާފުގެ ދާއިރާއަށް ދިނުމަށް ނިންމާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮރަޕްޝަނުން ދުރުކުރެވިފައިވާ، ނަޒާހަތްތެރި، ޒާތީ ތައައްސުބުން އެއްކިބާވެފައިވާ، ޝަރީޢަތުގެ މަރުހަލާ ހަލުވިކޮށް ހިނގާ، ޢަދުލުވެރި ފަނޑިޔާރުގެއެއް ހިނގާކަން ކަށަވަރުކުރުމާއި، އެކަމަށް ބޭނުންވާ އިންތިޒާމްތައް ޝަރުއީ ދާއިރާއަށް ފަހިކޮށްދިނުމެވެ.
ޕާޓީން އާއްމުކޮށްފައިވާ ނާޒިމްގެ މެނިފެސްޓޯގައި ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ތަންފީޒު ކުރާނެކަމަށް ވައުދުވާ ބައެއް ސިޔާސަތުތައް ހިމެނެ އެވެ. އޭގެ ތެރޭގައި މާލޭގައި ދުއްވާ އުޅަނދުފަހަރުތައް މަދުކުރުމުގެ ގޮތުން މާލޭގެ ބަސް ދަތުރުތައް ދިވެހިންނަށް ހިލޭ ކުރުމާއި، ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި ސްޓްރެޗާ ލިފްޓާއި އިމަޖެންސީ ޖެނެރޭޓާރ ސިސްޓަމެއް ބަހައްޓަން ފެށުމާއި، ހިޔާ ފްލެޓުގެ ކުރި 4،000 ރުފިޔާއަށް ކުޑަކުރުން ހިމެނެ އެވެ.
މީގެއިތުރުން ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމުގެ ގޮތުން ސަބްސިޑައިޒް ކުރެވިގެން ވޯޓާރ ފިލްޓާރ ސިސްޓަމް ގޭބިސީތަކަށް ފޯރުކޮށްދިނުމާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާކޮށް އެއީ ޒާތީ ތައައްސަބުން އެއްކިބާވެ ތިބެގެން ރާއްޖޭގެ އަދަލުގެ ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރާ މުވައްސަސާއަކަށް ހެދުމަށް ވަނީ ވައުދުވެފަ އެވެ. އަދި މި ނޫން ވެސް ގިނަ ވައުދުތައް ހިމެނެ އެވެ.
ނާޒިމްގެ މެނިފެސްޓޯގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ ނުވަ ދާއިރާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާމީ ވަހުދަތު، އުފާވެރި ޒުވާނާ، ބާއްޖަވެރި އާއިލާ، ފަންނީ ޖީލު، ބަދަހި އިގްތިސާދު، ސަލާމަތްތެރިކަން ކަށަވަރު، އަދުލު އިންސާފު، އަދި ނަޒާހަތްތެރިކަމެވެ.
އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނާޒިމް ވާދަކުރާއިރު އޭނާއަކީ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރެވެ. ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު އެ ޕާޓީ ދޫކޮށް، ސިޔާސީ ގޮތުން އަމިއްލަ ވިސްނުމެއް ކުރިއެރުވުމުގެ މަސައްކަތް ފެށީ ޖޭޕީގެ ތެރޭގައި އެ ކުރިއެރުން އޮތްކަމަށް ގަބޫލު ނުކުރެވޭތީކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބަށް އެމްއެންޕީގެ ހަރަކާތްތައް ވަރުގަދަކޮށްފައިވާއިރު، ދާދިފަހުން އެ ޕާޓީގެ މެނިފެސްޓޯ ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

