އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި ޕީޕީއެމް ޕީއެންސީ ނުލައި ދިވެހިރާއްޖޭގައި ޑިމޮކްރެސީއެއް ނޯންނާނެކަން މުޅި ދުނިޔެއިންވެސް ގަބޫލުކުރާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ހުކުމާއި ގުޅޭގޮތުން ބައިނަލްއަގުވާމީ އޮބްޒާވަރުން ދެކިވަޑައިގަންނަވާ ގޮތް އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުގެ ރިޕޯޓެއްގައި ޝާއިއުކުރުމާއިއެކު ސަންގުންވަނީ އިދިކޮޅުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި އެ ކޮމެންޓާއިމެދު ދެކިވަޑައިގަންނަވާ ގޮތާއިމެދު ސުވާލުކޮށްފައެވެ.
ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، ހުޅަނގު އަދި ޔޫރަޕިއަން ޔުނިއަނުންވެސް ރާއްޖެއަށް އެންމެ ބޮޑު ހަރަދެއްކުރަމުންދަނީ މިނިވަން އިންސާފުވެރި ޖުޑިޝަރީއެއް ގާއިމުކުރުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ޕީޕީއެމްގެ ގޮވާލުމާއި ރައީސް ޔާމީންގެ ހިކުމަތްތެރިކަމުގެ ނަތީޖާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ހުކުމް ސައްހަ އަދި އެކަށީގެންވާކަމަށް ބައިނަލްއަގުވާމީ އޮބްޒާވަރުން ދެކޭކަމަށް ބަޔާންކޮށްފައިވަނީ އެންމެ ފޮޅުވަތެއްގައިކަމަށެވެ. އަދި ބާކީ ރިޕޯޓަށް ރިއާޔަތްކޮށްފައިނުވާތީ ހިތާމަކުރައްވާކަމަށެވެ.
ސައީދު ވިދާޅުވީ، ޕީޕީއެމް/ ޕީއެންސީއިންވެސް ދައްކަމުންދަނީ ސިވިލް ސޮސައިޓީ ނުވަތަ ސަރުކާރު ނޫން ޖަމިއްޔާތައް އެކަށީގެންވާ މިންވަރަކަށް ހަރަކާތްތެރިނޫން ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ މިނިވަންކަމަށް ބުނާ ޖަމިއްޔާތަކާއި ޖަމައާތްތައް ނިދާފައިވާ ވާހަކަ ކަމަށެވެ. ސައީދު ވިދާޅުވީ އެ ވާހަކަތައް ކެނޑިނޭޅި ދައްކަވަމުން އައިސްފައިވާނެކަމަށެވެ.
އޭނާ ވިދާޅުވީ، އެންޓިކޮރަޕްޝަން ކޮމިޝަން ނިދާފައިވާ ވާހަކަތައް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގައިވެސް ދައްކަވާފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، ޖޭއެސްސީވެސް އެ ހާލަތުގައިވާކަމުގެ ވާހަކަތައް ދައްކަވާފައިވާނެކަމަށެވެ. އަދި އޮޑިޓާރ ޖެނެރަލްގެ އޮފީސްވެސް ނިދާފައިވާކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާނެކަމަށް ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ، ޓްރާންސްޕެރެންސީ އަދި ހިއުމަންރައިޓްސް ކޮމިޝަނުގެ ކަންކަން އޮތް ގޮތުން އިދިކޮޅުގެ ބޭފުޅުންވެސް އެތަންތަނަށް ވަޑައިގެން ނިދިކުރައްވާ ހާލަތަށް ކަންކަން ގޮސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ ދިވެހި ސިވިލް ސޮސައެޓީ ނިދާފައިވާ ވާހަކަ ކަމަށެވެ. އަދި އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުންވެސް ދައްކަވަމުންދަނީ އެއް ވާހަކަތަކެއްކަމަށް ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދުނިޔެއެކޭ އެއްގޮތަށް ފަލަސްތީނަކީ މިނިވަން ގައުމެއްކަމަށް އިދިކޮޅުންވެސް ގަބޫލުކުރާކަމަށެވެ. އެހެންނަމަވެސް ބައެއް ރިޕޯޓުތަކުގައި އެ ބަޔަކު ގަބޫލުކުރާ ގޮތް ހިއްސާކޮށްފައިވާކަމަށާއި އެއީ ރަނގަޅު ގޮތަކަށްވުން ލާޒިމު ނުވާކަމަށް ސައީދު ސިފަކުރެއްވިއެވެ.
ސައީދު ވިދާޅުވީ، ރައީސް ސާލިހު ޖުޑިޝަރީ ނިޒާމަށް އިންތިހާއަށް ނުފޫޒުފޯރުއްވާކަން މުޅި ދުނިޔެ އަދި ހާއްސަކޮށް ހުޅަނގުން ގަބޫލުކުރާކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީއަށް ”ހަތަރެސްފައި ބާނާފައި“ އޮތްކަމަށް ގަބޫލުކުރާކަމަށެވެ. އަދި އެފަދަ ކަންކަން ދެނެގަތުމަށް ވަކި ގައުމެއްގެ ރިޕޯޓެއް ނެރެންދެން މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާކަމަށް ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ޕީޕީއެމް ޕީއެންސީ އާއި ނުލައި ދިވެހިރާއްޖެއަށް ހޯދޭނެ ޑިމޮކްރެސީއެއް ނޯންނާނެކަމަށް މުޅި ދުނިޔެ ގަބޫލުކުރާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހަށް އެނގިވަޑައިގެން ހުންނަވައިގެން އިންސާނީ ވަގުފާރީގެ ބޮޑު ކުށެއްގައި ތުހުމަތުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް އެމަނިކުފާނުގެ އަރިހުގައި ގެންގުޅުއްވާކަމަށްވެސް ރިޕޯޓުތަކުގައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ގައުމަކަށް ލިބިގެންދިއުމުގެ ފުރުސަތު އޮތް ބޮޑެތި އިންވެސްޓުމެންޓުތައްވެސް ގެއްލިގެންދާ ފަދަ މައްސަލައެއްކަމަށެވެ. އަދި ރާއްޖެއަށް އިންވެސްޓުމެންޓުތައް ލިބުމުގައި ދަތިތައް ހުރި ސަބަބު ދިރާސާކުރެއްވުމަށް ސައީދު އިލްތިމާޒްކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ ވާހަކަތައްވެސް ސްޓޭޓު ޑީޕާޓުމެންޓުގެ ރިޕޯޓުގައިވާއިރު، އިންތިހާބީ ކަންކަމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާ ވާހަކަތައްވެސް ފާހަގަކޮށްފައިވާނެކަމަށެވެ.

