ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 އަށްވުރެ ގިނަ ގައުމުން ދެކޮޅު ހަދާ ހަތިޔާރުތަކެއް އެމެރިކާއިން ޔޫކްރެއިންއަށް ފޮނުވަނީ!

އެމެރިކާއިން ފޮނުވުމަށް ހަމަޖެހިފައިވާ ބާވަތުގެ ހަތިޔާރެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުމާއިމެދު ގިނަ ގައުމުތަކުން ދެކޮޅު ހަދާ ބާވަތެއްގެ ބޮމެއް އެމެރިކާއިން ޔޫކްރެއިންއަށް ފޮނުވުމަށް ނިންމާފައިވުމާއި ގުޅިގެން އެ ގައުމުގެ ވާގިވެރި ގައުމުތަކުންވެސް ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ރަޝިއާ އާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ޔޫކްރެއިންއަށް ވާގިވެރިވަމުންދާ އެމެރިކާއިން އެހީގެ ގޮތުގައި ފޮނުވުމަށް ނިންމާފައިވަނީ 100 އަށްވުރެ ގިނަ ގައުމެއްގައި މަނާކުރެވިފައިވާ “ކްލަސްޓާ ބޮމް” އެވެ. އެ ބާވަތުގެ ހަތިޔާރުތައް ޔޫކްރެއިންއަށް ފޮނުވުމަށް ކަނޑައެޅިފައިވާކަން އެމެރިކާގެ ސަރުކާރުން މީޑިއާތަކާއި ހިއްސާކޮށްފައިވާއިރު، އެ ގައުމުގެ ރައީސް ޖޯ ބައިޑެންވަނީ އެއީ ދަތި އުނދަގޫ ނިންމުމެއްކަމަށް ވިދާޅުުވެފައެެވެ. އެގޮތަށް ވިދާޅުވީ، އިނގިރޭސިވިލާތާއި ކެނަޑާ އަދި ސްޕެއިން ފަދަ ގައުމުތަކުން އެ ހަތިޔާރު ބޭނުންކުރުމާއި ދެކޮޅަށް ވަކާލާތު ކުރުމާއި ގުޅިގެންނެވެ.

100އަށް ވުރެ ގިނަ ގައުމެއްގައި “ކްލަސްޓާ ބޮމުގެ” ބޭނުންކުރުން މަނާކުރެވިފައިވަނީ އޭގެ ސަބަބުން ބޮޑު ސަރަހައްދަކަށް ގެއްލުންތައް ލިބިގެންދާތީއެވެ. އެގޮތުން އާންމުނަށްވެސް ގެއްލުން ހުރި އިރު، އެއީ ކުދިވެގެންގޮސް ވަށައިގެންވާ ސަރަހައްދަށް ބޮޑެތި އަސަރުތައް ކުރާ ފަދަ ހަތިޔާރެކެވެ. އަދި ވައްޓާލުމުން ނުގޮވާ އެތައް އަހަރެއް ބިންމަތީގައި އޮތުމަށްފަހު، އަމިއްލައަށް ގޮވުންފަދަ މައްސަލަތައްވެސް ހުރުމުގެ ސަބަބުން ގިނަ ގައުމުތަކުން އެ ހަތިޔާރުގެ ބޭނުން ހިފުމާއިމެދު ހިޔާލު ތަފާތުވެއެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން ވިދާޅުވެފައިވާގޮތުން، އެ ގައުމުން ޔޫކްރެއިންއަށް ފޮނުވުމަށް ނިންމާފައިވާ އެ ހަތިޔާރުތަކުގައި ރަޝިއާ އިން ބޭނުންކުރަމުންދާ އެފަދަ ހަތިޔާރުތަކާއި އަޅާ ކިޔާއިރު މައްސަލަތައް މަދުވާނެއެވެ. ރައީސް ބައިޑެން ވިދާޅުވެފައިވާގޮތުން، އޭނާ ވަނީ ގުޅިގެން މަސައްކަތްކުރާ ގައުމުތަކާއި އެކު މަޝްވަރާތައް ކޮށްފައެވެ. މިއީ އެމެރިކާއިން ޔޫކްރެއިންއަށް ދިނުމަށް ކަނޑައެޅިފައިވާ 800 މިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ދަށުން ފޮނުވޭ ހަތިޔާރުތަކެކެވެ. ޖޯ ބައިޑެން ވިދާޅުވެފައިވާގޮތުން، އެފަދަ ހަތިޔާރުތަކެއް ފޮނުވުމާއިމެދު އޭނާވަނީ ވިސްނާވަޑައިގެންފައެވެ. އެހެންނަމަވެސް އެ ނިންމެވުން ނިންމީ، ޔޫކްރެއިންގެ އަސްކަރިއްޔާއަތުން ހަތިޔާރު ހުސްވަމުންދިއުމުގެ ސަބަބުންކަމަށެވެ.

ބައިޑެންގެ ނިންމުމަށް އެމްނެސްޓީ އިންޓާރނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ ޖަމާއަތްތަކުންވަނީ ފާޑުކިޔާފައެވެ. އެމްނެސްޓީއިން ބުނެފައިވާގޮތުން، ހަނގުރާމަ ނިމުމަށްފަހުވެސް އެ ހަތިޔާރުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ނުރައްކާތައް ކުރިމަތިވެގެންދާނެއެވެ. ހުޅަނގާއި ގުޅިފައިވާ ގައުމުތަކުންވަނީ އެމެރިކާގެ މި ނިންމުމަށް ތާއީދުކުރުމަށް ދެކޮޅު ހަދާފައިކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވެފައިވާގޮތުން، އެ ގައުމަކީ އެ ފަދަ ހަތިޔާރުތައް ބޭނުންކުރުމާއި ދެކޮޅަށް ގާއިމުކުރެވިފައިވާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ 123 ގައުމުން އެއް ގައުމެވެ. އަދި ސޮއިކުރެވިފައިވާ މުއާހަދާތަކުގެ ދަށުން، އެފަދަ ހަތިޔާރު އުފެއްދުން އަދި ބޭނުންކުރުންވެސް މަނާކުރެވިފައިވާކަމަށް ބުނެފައިވެއެވެ. ސްޕެއިންގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާގޮތުން، އެފަދަ ހަތިޔާރުތަކެއް ޔޫކްރެއިންއަށް ނުފޮނުވާނެކަމުގެ ޔަގީންކަން އެގައުމަށް ލިބިގެންދިޔަކަމަށެވެ. އަދި އެ ހަތިޔާރުތައް ފޮނުވުމާއި ދެކޮޅުކަމަށާއި ޔޫކްރެއިންގެ ހިމާޔަތާއި އެއްބަސްވާކަމަށްވީނަމަވެސް، އެކަން ކުރެވެންވާނީ އެފަދަ ހަތިޔާރުތަކެއްގެ ބޭނުންކޮށް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ. ކެނަޑާގެ ސަރުކާރުންވަނީ އެފަދަ ހަތިޔާރު ބޭނުންކުރުމުން ނުގޮވާ ހުރި ބޮމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް އަސަރުތައް ކުރާނެކަމާއިމެދު ކަންބޮޑުވުންތައް ހުރިކަން ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: