ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހޯދި ކޮންމެ ކާމިޔާބީއަކަށް ދައްޗާއި ތުރާ ކުރި ބަޔަކު ތިބި: ރައީސް ސާލިހު

ކެމްޕެއިން ފެއްޓެވުމަށް ށ ކޮމަންޑޫއަށް ވަޑައިގެންރައީސް ސާލިހު ވާހަކަދެއްކެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދައުރުގެ ތެރޭގައި ހޮދި ކޮންމެ ކާމިޔާބީއަކަށް ހުރަސް އެޅި ބަޔަކު ތިބިކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން ށ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ރައީސް ސާލިހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ ކޮމަންޑޫއަށެވެ. އަދި ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް އެމަނިކުފާނު ވާހަކަދައްކަވާފައިވާއިރު، އަސާސީ ހިދުމަތްތަކުގެ މުހިންމުކަމާއި، އެކަންކަން ކަށާވަރުކުރުމަށް މި ސަރުކާރުން ކުރި ބުރަ މަސައްކަތް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށް ވިދާޅުވެ، ރައީސް ސާލިހު ފާހަގަކުރެއްވީ އެކިއެކި ދާއިރާތަކުގެ މުސާރައިގެ އޮނިގަނޑުތަކަށް ގެނެސްދެއްވި އިންގިލާބީ ބަދަލުތަކެވެ. އަދި މީގެ އިތުރުންވެސް އެހެން ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ކާމިޔާބީތަކަށް ވާސިލްވެވުނީ އެތަކެއް ދަތި، ހުރަސްތައް ގިރާކޮށްގެންކަމަށާއި، މެދުނުކެނޑި ސަރުކާރަށް ދައްޗާއި ތުރާކުރި ބަޔަކު ތިބިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. މިކަންކަމުގެ ބޭނުންމަކީ އަމިއްލަ މަންފާ ހާސިލްކުރުންކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ ނަމަވެސް އެކަމަކަށް ސަރުކާރުން ޖާގަނުދެންކަމަށެވެ. އަދި އޭގެ ބަދަލުގައި އިސްކުރީ ރައްޔިތުންނާއި ގައުމުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމަށް އިޝާރާތްކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އެއީ އެއްވެސް އުނދަގުލަކަށް ފަސްނުޖެހޭކަމުގެ މިސާލެއްކަމަށެވެ. އެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، ދަތުރުފަތުރުކުންވެސް އެކީ މަޑުޖެހުނުކަމަށާއި، އޭރު ސަރުކާރުން އެޅި ފިޔަވަޅުތައް ނޭޅިނަމަ ރާއްޖެ މިހާރު މިއޮތް ހާލަތުގައި ނޯންނާނެކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ ކަމެއް ވެދާނެކަމަށް ވިސްނާ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނެތްކަމަށެވެ. އެގޮތުން އެއްވެސް ފައިސާ އެއްވެސް ރައްކާކޮށްފައި ނެތުމުން، ސަރުކާރަށް ޖެހުނީ ބޭރުގެ އެކި ގައުމުތަކުން ފައިސާ ހޯދުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ ކުރިން އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމަށް ދާކައް. މި ފަށާފައި ހުރި މަސައްކަތްތައް ހުއްޓުމަކަށް ހިނގާދާނެ ތިބޭފުޅުން ނިންމަވާ ނިންމެވުމެއްގެ ސަބަބުން. މީގެ މިސާލުތައް މީގެ ކުރިންވެސް ފެންނަ އެބަހުރި، ސަރުކާރުތައް ބަދަލުވުން.

ރައީސް ސާލިހު ވިދާޅުވިއެވެ.

އޭރު ކަންތައްކުރި ގޮތަށް، ކުދި އަދި ބޮޑު ވިޔަފާރިތަކަށް އެހީތެރިނުވީނަމަ، މިއަދު މުޅި ރާއްޖެ އޮންނާނީ ކައިރި އެހެން ގައުމުތައް އޮތް ހާލަތުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ލިބުނު ފައިސާއިން، ވަޒީފައިގައި ތިބެ މުސާރަ ނުލިބުނު މީހުންނަށް އެލަވަންސްތައްވެސް ދިނިންކަމަށާއި، ކަރަންޓާއި ފެން ބިލުވެސް ފަސްކޮށްދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރަކަށްވީތީ ނަގަންޖެހޭ ޒިންމާތައް ނެންގެވިންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވަނީ މާޒީވެ ދިޔަ ދައުރުތަކަށް ބެއްލެވުމަށްފަހު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލެއްވުމަށް އެދިވަޑައިގެންފައެވެ. 2013 ވަނަ އަހަރުން ފެށިގެން 2018 އާއި ހަމައަށް އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް އިޝާރާތްކުރައްވާ، ރައީސް ސާލިހު ވިދާޅުވީ، ބޭނުންވަނީ އެ އަނިޔާވެރިކަމާއި އަދި ބިރުވެރިކަމަށް އެނބުރި ދާންތޯ ނުވަތަ އުފާވެރި، އަމާން ރާއްޖެއެއް ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާނީތޯ ނިންމަންޖެހޭކަމަށެވެ.

ކޮންމެ ރައްޔިތަކު ދޭ ވޯޓެއްވެސް އޮތީ ރާއްޖޭގެ މުސްތަގުބަލާއި ގުޅިފައިކަމަށް ވިދާޅުވެ، ރައީސް ސާލިހު ވަނީ ކޮމަންޑޫގެ ރައްޔިތުންގެވެސް ހިއްސާ ބޮޑުކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ސާލިހުވަނީ ވައިގެ މަގުން ދަތުރުކުރުމަށް 20 މިނިޓުގެ ނުދެވޭނެ އެއްވެސް ރަށެއް ނޯންނާނެ ވަރަށް ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށްދެއްވާނެކަމުގެ ވައުދުވެއްލައްވާފައެވެ. އަދި ކޮމަންޑޫގެ ރައްޔިތުން އެދޭ ގޮތަށް ކުޑަފަރުގައި އެއަރޕޯޓް އަޅުއްވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވައުދުވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: