ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓުން އަލަށް ގެނެސްދޭނެ އިތުރު އައު ސިޔާސަތެއް ދެން ނެތް!

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ގެ ތެރެއިން؛ ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިވެން ފެށިތާ މާ ގިނަ ދުވަހެއް ނުވީ ނަމަވެސް “ދަ ޑިމޮކްރެޓްސް” މިއީ މިހާރު ދިވެހިންނަށް އައު ނަމެއް ނޫނެވެ. މިއީ ރާއްޖޭގެ ޑިމޮކްރެސީގެ ބައްޕަކަމަށް ވަކާލާތުކުރާ، އެމްޑީޕީގެ ރައީސްކަމުގައި ހުންނެވުމަށްފަހު އައު ޕާޓިއެއް އުފެއްދެވުމަށް އެމްޑީޕީއިން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލަފާއާއި މަޝްވަރާގެ ދަށުން އުފައްދާ ސިޔާސީ ޕާޓީއެވެ.

ޑިމޮކްރެސީއާއި ސީދާ ދިމާ އިދިކޮޅަށް މަސައްކަތް ކުރެއްވުމަށްފަހު އުފެއްދެވި މި ޕާޓީގައި ދެން ތަންފީޒްކުރަން އޮންނާނީ ޑިމޮކްރެސީގެ ކޮން ރިވެތި އުސޫލެއްތޯއެވެ. އިންތިހާބަކުން ބަލިވީމައި، ބަލި ގަބޫލުކޮށް، ކާމިޔާބީ ލިބުން ކެނޑިޑޭޓުގެ ފަހަތަށް އެރުމަކީ ޑިމޮކްރެސީކަމަށް ވިދާޅުވި ބޭފުޅުން، އެއާއި ސީދާ ދިމާ އިދިކޮޅަށް އުފެއްދެވި މި ޕާޓީގެ ސިޔާސަތުތަކުން ގައުމުގައި ހުރި ހުރިހާ މައްސަލައަކަށް ހައްލު ލިބޭނެކަމަށް ވިދާޅުވީމައި، އެކަން ގަބޫލުކުރަން ދަތިވާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެ ޕާޓީގެ އިސްލީޑަރު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ވާދަކުރެއްވުމަށްފަހު ލިބިވަޑައިގެން ނާކާމިޔާބީގެ ކުރިން، ޕްރައިމަރީގެ ކެމްޕެއިން ދުވަސްވަރު ނޫނީ އަދި އިންތިހާބެއް ކާމިޔާބުކުރަންވީމައި ނޫނީ، ރައީސް ނަޝީދަށް ސަރުކާރު ގޯހެއްނުވެއެވެ. ކޮންމެ އިންތިހާބަކާއި ގާތްވެ، ކެމްޕެއިން ދުވަސްވަރުގައި ނޫނީ ތިބޭ ހޮރުން ބޯދިއްކޮށްލައި، ރައްޔިތުންނާއި ހަމައަށް ދެތު ހާމަކުރުމަށް މަސައްކަތްކުރައްވާ މަންޒަރެއް ނުފެނެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސާލިހަށް ކާމިޔާބުވީ، ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެންކަމަށް ވިދާޅުވާއިރު، އޭރުވެސް ރައީސް ސާލިހަކީ ފައިސާ ބައްސަވައިގެން، ރިޝްވަތުދެއްވައިގެން އަދި އެތަކެއް ހަޑި ހުތުރު އަމަލުތަކަކަށް އަރައިގަންނަ ބޭފުޅެއްކަން އެނގެއެވެ. ނަމަވެސް އޭރު ރައީސް ސާލިހުވެސް ގޯހެއް ނޫނެވެ. އެވަރުގެ ހިތްތިރު، މަޑުމައިތިރި އަދި ވިސްނުންތޫނު ގާބިލް ވެރިއަކު ނެތެވެ. ރައްޔިތުންނަށް އެހުރިހާކަމެއް ފޮރުވާ، އޮޅުވާލުމަށްފަހު މިއަދު އެހުރިހާ ވާހަކަތަކެއް އެ ދައްކަވަން ފެށީ ހަމަ ވެރިކަމަށްޓަކައެވެ. ވެރިކަމުގެ އާރާ، ބާރާ، ލައްޒަތު ލިބުމުން އެކަމުގެ ދަހިވެތިކަމުގައި މާއްދިއްޔަތު އިސްކުރާކަމަށް ވިދާޅުވެ، އެކަމާއި ދެކޮޅަށް ވާހަކަދައްކަވާ ބޭފުޅުންގެވެސް އަމަލު ހުރީ ހަމަ މިފަދައިންނެވެ.

ދެން އެ ވިދާޅުވީ އެފަދަ ބައެއް ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ސިޔާސަތުތަކަކުން މުޅި ގައުމުގައިވާ ހުރިހާ މައްސަލައަކަށް ހައްލު ހޯދޭނެކަމަށެވެ. އަދި މުޅިން އައު ސިޔާސަތުތަކެއް ގެނެސްދީ، ގައުމަށް ހަމަޖެހުން ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ގެންދަވާއިރު، ގެނެސްދޭން އޮތީ ވަކި ކޮން އައު ސިޔާސަތެއް ހެއްޔެވެ؟ އެމްޑީޕީގެ މުސްކުޅި ދަރިވަރުންކަމަށް އެ ވިދާޅުވީ ހަމަ ރަނގަޅަށެވެ. ދަ ޑިމޮކްރެޓްސްއިންވެސް ފެންނާނީ އެމްޑީޕީގެ ފިކުރެވެ. އެމްޑީޕީގެ އަސާސްތަކާއި، އެމްޑީޕީގެ ފަލްސަފާއެވެ. ދެން ވިދާޅުވާނީ އަސްލު އެމްޑީޕީއަކީ އެއީކަމަށެވެ. ބޯހިޔާވަހިކަމާއި، ތައުލީމާއި، ސިއްހީ ދާއިރާ އާއި އަދި މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވައި ދެން ވާން އޮތީ ވަކި ކޮން އައު ވައުދެއް ހެއްޔެވެ. އަދި ގެނެސްދެއްވަން އޮތީ ކޮން އައު ސިޔާސަތެއް ހެއްޔެވެ.

ފިއްޔާ އަކުރަށް ބަދަލު ގެނެސް، އިބާރާތް ފަށުވިކުރުމުގެ އިތުރަށް ކުރާނެ އިތުރު މަސައްކަތެއް ނެތެވެ. މިއަދުގެ ބޮޑު ސުވާލަކީ ދަ ޑިމޮކްރެޓްސްއިން ހަރުއަޑުން ކިތައްމެ މޮޅެތި ވާހަކަތަކެއް ދައްކަވާ، ކިތައްމެ ރަނގަޅު ސިޔާސަތުތަކެއް ގެނެސްދެއްވި ނަމަވެސް އެކަންކަން ތަންފީޒުކުރުމުގެ ގާބިލްކަން އެބަހުރިތޯއެވެ. އަބަދުވެސް އަހާލަން ފަސޭހަ، މޮޅެތި ވާހަކަތައް ދައްކަވައެވެ.

ޑިމޮކްރެސީ ގާއިމް ކޮށްދެއްވާނެކަމަށް ވިދާޅުވެ، އެ ދައްކަވާ ވާހަކަތަކުން ދިވެހިރާއްޖެ ދުނިޔޭގެ ސުވަރުގެ ގޮތުގައިވެސް ސިފަވެއެވެ. އަދި ހަމައެއާއިއެކު އެހެނިހެން ކަންކަމުގައިވެސް އަމަލު ކުރަންޖެހޭނެ ގޮތާއި، އަމަލުކުރެވޭނެ ގޮތުގެ ވާހަކަދައްކަވާއިރު، ބޮޑު ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްވެސް ވަރަށް ސާފުކޮށް ވިދާޅުވެދެއްވައެވެ. ނަމަވެސް ބޮޑުކަމަކާއި ކުރިމަތިވީމައި، ދެން ހެއްދެވި ގޮތް ވަރަށް ސާފުކޮށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހިނގައިދިޔަ ކަންކަމަށް ބެއްލެވީމައި ފެންނަ އެބައޮތެވެ.

ވެރިކަމަށް ކުރިމަތިލައްވާ ގައުމަށް ހަމަޖެހުން ގެންނަން މަސައްކަތްކުރައްވާ ބޭފުޅެއްގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކަށް ވާނީ، އެހެން މީހުންނާއިއެކު ގުޅިގެން މަސައްކަތްކުރުމެވެ. އެއް ފިކުރަކަށް ނިސްބަތްވާ ބައެއްގެ ތާއީދާއިއެކު ވެރިކަމަށް އާދެވުން ނަމަވެސް، އެ ހަވާލުވަނީ ތަފާތު އެކި ފިކުރުތަކާއި، ތަފާތު އެކި ވިސްނުންތަކުގެ އެކި އުމުރުފުރާތަކުގެ، އެކި ޖިންސަށް ނިސްބަތްވާ ބަޔަކާއިއެވެ. އެހެންކަމުން މިފަދަ ހުރިހާކަމެއް ބެލެހެއްޓުމުގެ ގާބިލްކަން ހުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: