ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މަސައްކަތްކުރާކަމުގެ ތުހުމަތު!

އިދިކޮޅުގެ ލީޑާރޝިޕު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މަސައްކަތްކުރައްވަމުންދާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުގެ ލީޑާރޝިޕުންވަނީ ޖޭއެސްސީގެ މެމްބަރުންނާއި ބައްދަލުކުރެއްވުމަށް މަސައްކަތްކުރައްވާފައިކަމަށެވެ. އެހެންނަމަވެސް އެ ކޮމިޝަންގެ މެމްބަރުން އިދިކޮޅުގެ ލީޑާރޝިޕާއި ބައްދަލުނުކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ނުރަސްމީގޮތުން އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްއާއި އެ އިމާރާތުގެ ތިރިން ބައްދަލުވެގެންދިޔަކަމަށެވެ. އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ހުންނެވީ ޗުއްޓީގައިކަމަށް މައުލޫމާތު ލިބިގެންދިޔަކަމަށް ހިއްސާކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، ހިސާން އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން މަސައްކަތްތައް ކުރެއްވުމުގައި ކަމަށްވުމުން އޮފީހަށް ވަޑައިތުމަށް ވަގުތު ލިބިވަޑައި މިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރެވެމުންދާ ޝަރީއަތުގެ މަޖިލީހުގައި ތިއްބަވާ ފަނޑިޔާރުން ތެރެއިން ބޭފުޅަކު ޗުއްޓީއެއް ނެންގެވުމުގެ ސަބަބުން އެ މަސައްކަތްތައް ހުއްޓިފައިވާކަން އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގާތްވެފައިވުމާއިއެކު ކަންބޮޑުވުންތައް ހުރިކަން ހިއްސާކުރައްވާފައި ވާނެކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުކުރައްވަން އެދިވަޑައިގެންނެވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންއަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. އެހެންނަމަވެސް އެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިދާނެފަދަ އިޝާރާތެއް އަދި އެކަށީގެންވާ ޖަވާބެއްވެސް ލިބިފައިނުވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޑިޕާޓުމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށްވެސް ވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް އެންމެ އިސްކޮށް ހުންނަވާ ފަރާތް އޮފީހުގައި ނޫޅުއްވުމުގެ ސަބަބުން ބައްދަލުނުކުރެއްވުނުކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިދިކޮޅުގެ ލީޑާރޝިޕުން ހައިކޯޓަށްވެސް ވަޑައިގެންނެވިކަމަށެވެ. އަދި މިފަހަކަށް އައިސް އާންމުކޮށް ވަޑައިގަންނަވާ އިރު ކޮންމެ ފަހަރަކުވެސް އެ ބޭފުޅުންނާއި ބައްދަލުކުރައްވަމުންދަނީ ހައިކޯޓުގެ މީޑިއާ އޮފިސަރެއްކަމަށާއި ދެއްވަމުންދަނީ ރަސްމީ ސްޓޭންޑަރޑު ޖަވާބެއްކަމަަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ފަނޑިޔާރަކު ޗުއްޓީގައި ހުރުމުން ތާވަލު ނުކުރެވޭކަމަށް ކޯޓުގެ މީޑިއާ އޮފިސަރު ވިދާޅުވާކަމަށެވެ. އަދި އެ ނޫން ޖަވާބެއް ލިބިގެން ނުދާކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ކޯޓުގައި ހިނގާ މައްސަލަތަކުގެ ތެރޭގައި ތަފާތުކުރުންތައް ގެންގުޅުމަށް ވަކާލާތު ނުކުރައްވާކަމަށެވެ. އެހެންނަމަވެސް މައްސަލައެއްގެ ބާވަތުން އަވަސް ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގެންގުޅޭ އުސޫލެއްކަމަށެވެ.. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެވުމުގެ ކުރިންވެސް އެމަނިކުފާނަކީ ރިޔާސީ ކެނޑިޑޭޓު ގޮތުގައި ކަނޑައެޅިފައިވާ ބޭފުޅެއްކަމަށެވެ. އަދި ރިޔާސީ ކެނޑިޑޭޓެއްގެ މައްސަލަކަމަށްވުމުންނާއި އިސްތިއުނާފީ މަރުހަލާގައި އޮތުމުން އަވަސްކުރުމަކީ އޮންނަ އުސޫލެއްކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، އެ ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކުރެއްވުމުންވެސް ކޯޓުން ލިބިވަޑައިގަންނަނީ އެއް ޖަވާބެއްކަމަށެވެ.

އޭނާ ވިދާޅުވީ، ހައިކޯޓަށް ދިއުމަށްފަހު، ރައީސް އޮފީހަށްވެސް ވަޑައިގެންނެވިކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަދި ލީގަލް ޑިޕާޓުމެންޓުގައި އުޅުއްވާ ނަސީރު ކިޔާ ބޭފުޅަކު ރައީސް ޔާމީންގެ ޝަރީއަތުގެ ކަންކަމުގެ ތެރެއަށް “ވައްނަކަން” ފާހަގަކުރެއްވިފައިވާކަމަށެވެ. އަދި ރައީސް ސާލިހަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކަށް ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަންނަވާނެކަން ކުރިޔާލާ އެންގުންފަދަ އަމަލުތައް ހިންގަވާފައިވާކަމަށްވެސް ތުހުމަތުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް އޮފީހަށް ވަޑައިގަތީ އެ ކަންކަމާއިމެދު ސުވާލުކުރެއްވުމަށްކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އެއީ ގާނޫނުއަސާސީއާއި ހިލާފު އަމަލެއްކަމަށެވެ. ރާއްޖޭގައި އޮންނަނީ މަލްޓިޕާޓީ ސިސްޓަމެއްކަމަށާއި އެ ނިޒާމުގެ ތެރޭގައި އިދިކޮޅަކީވެސް ވެރިކަންކުރާ ޕާޓީއާއި އެއް މިންވަރަކަށް ވަޒަންކުރެވޭ ޕާޓީއެއްކަަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ، އެހެންކަމުން އިދިކޮޅުގެ ލީޑަރަށް އިންތިހާބުގައި ވާދަކުރުމުން ހުރަސްއެޅުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފު މަސައްކަތްކުރެއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: