ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަކީ އެއްވެސް ބައެއްގެ ދުޝްމިނެއް ނޫން: ޝާހިދު

އިންޑިއާ ބޮޑުވަޒީރު މޯދީ އާއި އަބްދުﷲ ޝާހިދު
އިންޑިއާ ބޮޑުވަޒީރު މޯދީ އާއި އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަކީ ގައުމުތަކުގެ ދެމެދުގައި ވާދަވެރި މާހައުލެއް އޮތް ތަނެއް ނޫންކަމަށާއި، ރާއްޖެއަކީ އެންމެންވެސް ގުޅިގެން އުޅުމަށް އޮތްތަނެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށްޓަކައި ޗައިނާ އަދި އިންޑިއާ ދެމެދު ވާދަވެރިކަމެއް އުފެދިފައިވާކަމާއިމެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ރާއްޖެއަކީ ހުރިހާ ގައުމުތަކުގެވެސް އެކުވެރިއެއްކަމަށާއި އެއްވެސް ފަރާތެއްގެ ދުޝްމިނެއް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރަހައްދީގޮތުންވެސް އިންޑީއާއަކީ ރާއްޖޭގެ އަވައްޓެރި ގައުމު ކަމަށާއި އެއީ ހަގީގަތްކަމަށެވެ. އަދި އެއީ އެންމެ ބޮޑުވެސް ގައުމުކަމަށާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ރަނގަޅުކަމާއިމެދު އުފާކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އިންޑިއާ އަދި ރާއްޖޭގެ ގުޅުންވަނީ އިތުރަށް ފުޅާވެ ބަދަހިވެފައިކަމަށެވެ. އަދި ކުއްލި ހާލަތެއްގައި އެ ގައުމުގެ އެހީ ލިބިގެންދާނެކަމާއިމެދު ޔަގީންކަން އޮތްކަމަށްވެސް ޝާހިދު ސިފަކުރެއްވިއެވެ.

އެގޮތުން އިންޑިއާ އިން އަބަދުވެސް ރާއްޖެއަށް ބޭނުންޖެހުމުން ހާޒިރުވެފައިވާކަމާއި އެ ގައުމަކީ އަބަދުވެސް އެންމެ ފުރަތަމަވެސް ރާއްޖެއަށް އެހީ ފޯރުވައިދޭ ގައުމުކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅެމުންދަނީ އިންޑިއާ ފަސްޓު ޕޮލިސީއެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ގެންގުޅުއްވަމުންދާ ސާގަރު ޕޮލިސީ، ނެއިބަހުޑު ފަސްޓު ޕޮލިސީއިން އިތުރު ހިތްވަރެއް ލިބިގެންދާކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުގައި ދެއްވި އިންޓަރވިއުގައި ޝާހިދުވަނީ އެ ގައުމަށް ކުރެއްވި ޒިޔާރަތާއިމެދުވެސް ވާހަކަދައްކަވާފައެވެ. އެގޮތުން، ދިއްލީއަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށާއި، އެ ދަތުރަކީވެސް ކުރިއެރުންތަކެއް ލިބިވަޑައިގެންނެވި ދަތުރެއްކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކުރައްވައި ރާއްޖޭގައި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތުތައް ބަދަލުކުރެވިފައިވާ ކަމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ހިނގަމުންދާ ކަންކަމާއިމެދު ހިޔާލުވެސް ބަދަލުކުރެވިފައިވާކަމަށެވެ.

އިންޑިއާ އާއި ދެމެދު 9 އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަމަށްވެސް މިނިސްޓަރު އިޝާރާތްކުރެއްވިއެވެ. އެގޮތުން، ގާއިމުކުރި އެއްބަސްވުންތަކުގެ ދަށުން ވޮލީ ކޯޓު، ނަފްސާނީ ފަރުވާދޭ ޔުނިޓު، ސުކޫލު ޑިޖިޓަލައިޒޭޝަން މަސައްކަތްތައް އަދި ހޮސްޕިޓަލްތައް އިތުރަށް ހަރުދަނާ ކުރުން އަދި ސަގާފީ ކަންކަން ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވެއެވެ.

ޝާހިދުވަނީ އިންޑިއާ އިން ކޮވިޑްގެ ދުވަސްވަރު ރާއްޖެއަށް އެހީތަކެއް ފޯރުވާފައިވާކަންވެސް ފާހަގަކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ، މުޅި ދުނިޔެ ލޮކްޑައުންއަށް ދިޔަ އިރު އިންޑިއާއިން ރާއްޖޭގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތައް ކުރިކަމަށެވެ. އެގޮތުން ބޭސް ފޯރުކޮށްދިނުމަށް ކުރިމަތިވި ދަތިތަކެއް ހައްލުކޮށްދިންކަމަށާއި އެ ނޫންނަމަ ރާއްޖެއަށް ބޭސް ހޯދުމުގައި ދަތިތަތައް ދިމާވުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވިއެވެ.

ޝާހިދު އިންޑިއާ އަށް ވަޑައިގަތީ ދެ ދުވަހުގެ ދަތުރެއްގައެވެ. އެމަނިކުފާނު ވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައެޅިފައިވާ ނޮން ރެޒިޑެންޓު އެމްބެސެޑަރު އަދި ހައިކޮމިޝަނަރާއިވެސް ބައްދަލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: