ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއަށް އިންޑިއާ މީޑިއާތަކުގެ ފާޑުކިޔުން!

ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑީއާއާއި ދެކޮޅުވެރި ޝުއޫރުތަކެއް ރާއްޖޭގައި އާލާކުރުވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ކަންކަމާއި ގުޅުވައި އިންޑިއާ އާއިމެދެ ގެންގުޅުއްވާ ރާގު ބަދަލުކޮށްފައިވާކަމަށް ބުނެ އިންޑިއާގެެ ނޫސްތަކުން ފާޑުކިޔައިފިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދު އުފެދިފައިވާ މައްސަލައަށް އަލިއަޅުވައި އިންޑިއާގެ މަޝްހޫރު ގިނަ ނޫސްތަކުންވަނީ އެކި މައުލޫމާތަތައް ޝާއިއުކޮށްފައެވެ. އެގޮތުން ރައީސް ޑރ މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލާ އެ ގައުމުން ފެށި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެެއް ލިބިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މިފަހުން ޝާއިއުކޮށްފައިވާ ރިޕޯޓުތަކުގައި ނޫސްތަކުންވަނީ ރައީސް މުއިއްޒު ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި އިންޑިއާއާއި ގުޅުވައި ދެއްކެވި ވާހަކަތައް ފާހަގަކޮށް އެމަނިކުފާނު ކުރިން ގެންގުޅުއްވި ސްޓޭންޑު ބަދަލުކުރައްވާފައިވާކަމަށް ބުނެފައެވެ. މީޑިއާތަކުން ބުނާގޮތުން ރައީސް މުއިއްޒު މިހާރު މަސައްކަތްކުރައްވަމުންދަނީ އިންޑިއާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުން ބަދަހިކުރުމަށެވެ. އެގޮތުން މިހާރު ރާގު ބަދަލުކޮށް އިންޑިއާއަކީ ރާއްޖެއާއި އެންމެ ގާތް ގުޅުން ބާއްވަމުންދާ ގައުމުކަމަށް ވިދާޅުވެފައިކަމަށް ބުނެފައިވެއެވެ.

400 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް މިދިޔަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހިފައިވާކަމަށް ފާހަގަކޮށް މީޑިއާތަކުން ބުނެފައިވާގޮތުން ރައީސް މުއިއްޒުވަނީ އެމަނިކުފާނު ދެއްވި އިންޓަރވިއުގައި އިންޑިއާއިން ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫޢުތައް ގެންދިއުމުގައި ކުޅޭ މުހިންމު ރޯލުގެ މައްޗަށް އަލިއަޅުއްވައި އެ ގައުމަކީ ރާއްޖޭގައި އެންމެ ގިނަ މަސައްކަތްތައް ކުރިއަށް ގެންދާ ގައުމުކަންވެސް ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އެންމެ ގާތް ގައުމުގެ ގޮތުގައި އިންޑިއާ ދެމި އޮންނާނެކަމަށާއި އެކަމާއިމެދު އެމަނިކުފާނު ޝައްކުވެސް ނުކުރައްވާކަމަށެވެ. އަދި އެމަނިކުފާނުވަނީ އިންޑިއާއިން ދިވެހިރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އެދިވަޑައިގެންފައިކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

ރައީސް ވިދާޅުވީ، އިންޑިއާއިން ލޯނުތައް ނަގާފައިވަނީ ބޮޑެތި އަދަދުން ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތްކުރައްވަމުންދަނީ ދަރަނި ދެއްކުމުގައި ލިބެން އޮތް ލުއިތައް ހޯއްދެވުމަށްކަމަށާއި މަގުސަދަކީ އެއްވެސް މަޝްރޫޢުއެއް ނުހުއްޓި ކުރިއަށް ގެންދެވުންކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބޭނުންވަނީ ބާރު ދުވެއްޔެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށާއި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތަކާއި ގުޅިގެން ދެ ގައުމުގެ ދެމެދު މަސްލަހަތު ގެއްލެންވީ ސަބަބެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށްވެސް ހިއްސާކުރެއްވިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުން މިހާރު ރައީސް މުއިއްޒު ދައްކަވަމުންދާ ވާހަކަތަކުގެ ރާގު މީގެ ކުރިން ދެއްކެވި ރާގާއި ވަރަށްވެސް ތަފާތުކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ދަތުރު އިންޑިއާއަށް ކުރެއްވުމުގެ ބަދަލުގައި އެހެން ގައުމަކަށް ވަޑައިގަތުމަށް ނިންމެވުމާއި އިންޑިއާ ސިފައިން ބޭލުމަށް ނިންމި ނިންމުމުގެ އިތުރުން ހައިޑްރޮގްރަފީ އެއްބަސްވުން އައު ނުކުރުމަށް ނިންމި ނިންމުމުގައިވެސް ރާގު ހުރީ ތަފާތު ގޮތަކަށް ކަމަށް ބުނެފައިވާއިރު، ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީއަށް ފާޑުކި މައްްސަލައިގައިވެސް އެމަނިކުފާނުގެ ފަރާތުން އިޝާރާތެއްވެސް ފެނިފައިނުވާއިރު މިހާރު ވާހަކަތައް ބަދަލުކޮށްފައިވަނީ ކުރިމަތިވެފައިވާ މާލީ ދަތިތަކުން ލުއިތައް ހޯދުމުގެ ގޮތުން ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: