އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރެވޭ ޝަރީއަތްތައް ލައިވުކުމުގެ ފަހުތުގައިވާ ނިޔަތަކީ އެމަނިކުފާނު ފަލީހަތްކުރުންކަމަށާއި އެހެންނަމަވެސް އެކަމުގެ ސަބަބުން ރައީސް ޔާމީންއަކީ މައުސޫމު ބޭފުޅެއްކަން އާންމުންނަށް ހާމަވެގެންގޮސްފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދުވަނީ ސަރުކާރުން ރައީސް ޔާމީންގެ އަގުވައްޓާލުމަށްޓަކައި ރޭވުންތަކެއް ރާވާފައިވާކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނުގެ ޝަރީއަތްތައް ވަގުތުން ގެނެސްދިމުމަށް ނިންމީ އެ ވިސްނުމުގެ މަތިންކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އެމަނިކުފާނަކީ މައުސޫމެއްކަން ރާއްޖޭގެ ރައްޔިތުނަށް ސާފުވެފައިވާކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ނިންމި އެ ނިންމުމުގެ ސަބަބުން މި ސަރުކާރުގެ ނުލަފާކަން އަދި ވެރިޔެއްގެ ޒިންމާ ހަވާލުކުރެވިފައިވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ނުލަފާކަންވެސް ފެނިގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަން ޓީވީތަކުން ފެނި ހާމަވެގޮސްފައިވާކަމަށެވެ.
ބައެއްކަންކަމަށް އަލުން އަލިއަޅުއްވާލާނެކަމަށް އިޝާރާތްކުރައްވާ ސައީދުވަނީ ވޮޑަމުއްލާ މައްސަލައާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ ބަލަމުން އައި ގާޒީ ހައިލަމްކަމަށެވެ. އެހެންނަމަވެސް މައްސަލައިގެ ހުކުމާއި ގާތްވެފައިވަނިކޮށް އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށައެޅި ބަލަން ފެށިކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަން ކުރީ ރައީސް ޔާމީންގެ މައުސޫމުކަން ސަރުކާރަށްވެސް އެނގި ގާޒީ ރައީސް ޔާމީން މިނިވަންކުރުމަށް ހުކުމް ކޮށްފާނެކަންވެސް އެނގުމުންކަމަށެވެ. އޭނާ ވިދާޅުވީ، ސުލޫކީ މައްސަލައެއް ހުށައެޅިގެންދިޔައީ ކުއްލިއަކަށްކަމަށާއި އެކަމާއި ގުޅިގެން ގާޒީވެސް މަސްއޫލިއްޔަތުތަކާއި ދުރަށް ޖެއްސިކަމަށެވެ.
އޭނާ ވިދާޅުވީ، އެއަށްފަހު ރައީސް ޔާމީންގެ މައްސަލަ ހަވާލުކުރެވުނީ ގާޒީ އަލީ ރަޝީދު އާއިކަމަށެވެ. އަދި އެއަށްފަހު 23 ދުވަސް ހިގުމަށްފަހު ހުކުމް ކުރެވިގެންދިޔަކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އޭގެ ދުވަސްތަކެއް ފަހުން ގާޒީ އަލީ ރަޝީދަށް އިނާމެއް ލިބިވަޑައިގެންނެވިކަމަށެވެ. އެގޮތުން ލިބިވަޑައިގަތީ ސުޕްރީމު ކޯޓުގެ ބެންޗުން ޖާގައެއްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ ރައްޔިތުންގެ ލޮލުކުރިމަތީގައި ފެނިގެންދިޔަ ކަންކަން ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ހުރިހާ ކަމެއް ހިނގައިދިޔައިރުވެސް ރައީސް ޔާމީން ރާއްޖެއިން ފިއްލެވުމަށް މަސައްކަތްނުކުރައްވާކަމަށެވެ. އަދި އެހެނިހެން ސިޔާސީ އިސްވެރިން ފަދައިން ދެދުވަހުން އެއް ދުވަހު ހޮސްޕިޓަލަށް ވަޑައިނުގަންނަވާކަމަށާއި އެމަނިކުފާނު ކުރައްވާވެސް ކަމަކީ ކޯޓަށް ވަޑައިގެން އިސްތިއުނާފުކުރެއްވުމުގެ މަސައްކަތްތައްކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ރައީސް ޔާމީން ބެއިލްއަށް އެދުމުން އެއީ ބޭނުންތެރިކަމެއް ނޫންކަމަށް ކޯޓުން ސިފަކުރާކަމަށެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި މައްސަލަ ކޮޅެއްގައި ޖައްސައިދެއްވާނެކަމަށް ވިދާޅުވާކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. އެހެންނަމަވެސް ބެއިލް ނުދީ ދޮޅު އަހަރު ހިނގައިދިޔަކަމަށާއި އެއްވެސް ފައިދާއެއް ނެތް އިރު އެމަނިކުފާނުގެ ހައްގުތައްވެސް ގެއްލިގެންދިޔަކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނު ޖަލުގައި ކެއްކުރެއްވިކަމަށާއި ހައިކޯޓުންވެސް ޑިކްލައިން ކުރުމުން ސުޕްރީމް ކޯޓަށް ވަޑައިގެން އެމަނިކުފާނު އެތައް ދުވަހެއް ފަހުން މައުސޫމެއްގެ ގޮތުގައި ކަނޑައެޅިގެންދިޔަކަމަށް ވިދާޅުވިއެވެ.

