ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ސިޔާސަތުތައް: “ފަސޭހަ ވިޔަފާރި”

ރައީސް ނަޝީދު: ފޮޓޯ/ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކަށް ލުއިތަކެއް ގެނައުމުގެ މަގުސަދުގައި އަލަށް އުފައްދާފައިވާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އިން ލުއި ގޮތްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ވިޔަފާރީގެ ސިޔާސަތެއް ލޯންޗުކޮށްފިއެވެ.

ޑިމޮކްރެޓްސްއިން މައުލޫމާތު ހިއްސާކޮށްފައިވާގޮތުން، “ފަސޭހަ ވިޔަފާރި” ގެ ނަމުގައި އެކުލަވާލައި ލޯންޗުކޮށްފައިވާ މި ސިޔާސަތަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަތުމަށްފަހު، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އެކުލަވާލެވިފައިވާ ސިޔާސަތެކެވެ. އެ ޕާޓީއިން ހިއްސާކޮށްފައިވާގޮތުން، ވެރިކަން ގާއިމުކުރެވިއްޖެ ހާލަތެއްގައި މި ސިޔާސަތުގެ ދަށުން، އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ހަރަދާއި ރަހުނެއް ބަހައްޓަން އޮންނަ ޝަރުތުތަކަށް ލުއިތަކެއް ލިބިގެންދާނެއެވެ.

ޑިމޮކްރެޓްސްއިން ބުނެފައިވާގޮތުން، މިހާރު ކަން އޮންނަ ގޮތަކީ ރައީސް ނުވަތަ ވަޒީރުން ފަދަ ބޭފުޅުންނަށް ބައި އަޅާ ގޮތަށް ލޯނު ހޯދުމުވެެ. އެ ޕާޓީއިން ބުނެފައިވާގޮތުން އެ ނޫންގޮތެއްގެ މަތިން ލޯނު ލިބުމަށް ފަހިނުވާކަމަށެވެ. އަދި ފާޅުކުރެވޭ ހިޔާލެއްގެ ސަބަބުން ނުވަތަ އެމީހެއްގެ ސިޔާސީ ވިސްނުމެއްގެ ސަބަބުން، ލިބެމުންދާ ލޯނެއް ތާށިކޮށްގެން މާލީ ނުތަނަވަސްކަމުގެ ބިރު ދެއްކުން ފަދަ އަމަލުތައްވެސް ހިންގަމުންދާކަމަށެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި އެންމެ ބޮޑު ގޮންޖެހުންތަކަކީ، ބެންކުތަކުން ފައިނޭންސް ހޯދުމުގެ ދަތިތަކާއި މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތަކުގެ ޑިއުޓީ ބޮޑުވުމާއި އުފައްދާ އުފެއްދުންތައް ރާއްޖެ އަދި ގައުމުން ބޭރުގައިވެސް ޝޯކޭސް ކުރުމުގައި ހުރި ދަތިތަކުގެ އިތުރުން، ޑޮލަރުގެ އަގު ބޮޑުވުން އަދި ޒަމާނީ ގޮތްތަކަށް މާލީ މުއާމަލާތްތައް ހިންގުމުގައި ކުރިމަތިވެގެންދާ ދަތިތައް ފަދަ ކަންކަމެވެ. އެހެންކަމުން އެކަންކަމުގެ ހައްލެއްގެ ގޮތުގައި ފަސޭހަ ވިޔަފާރި ސިޔާސަތު ހުށައަޅާކަމަށް ބުނެފައިވެއެވެ.

ޑިމޮކްރެޓްސްގެ ސިޔާސަތުގެ ދަށުން، ދުނިޔޭގެ ކޮންމެ ތަނެއްގެ ކޮންމެ ބަޔަކަށްވެސް ދިވެހި އުފެއްދުންތަކާއި ހިދުމަތްތައް ވާސިލުކޮށްދިނުމަށް ދޮރުތައް ހުޅުވާލެވިގެންދާނެކަމަށް ބުނެފައިވެއެވެ. އެ ޕާޓީއިން ބުނެފައިވާގޮތުން، އަމިއްލަ ޝައުގާއި ހުނަރުގެ ބޭނުން ހިފޭނެ މަގެއް ކޮށައިދިނުމާއި އެންމެހާ ވަގުތުތަށް މަސައްކަތްކުރުމުގައި ހޭދަކުރަންޖެހޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނައުމަކީވެސް އެ ސިޔާސަތުގެ ދަށުން ގެންގުޅޭ ވިސްނުމެއްކަމަށެވެ. އަދި ތައުލީމު ހާސިލުކޮށްގެން ވަޒީފާއެއް ނުލިބި ހުންނަން ނުޖެހި އާމްދަނީއެއް ކަށަވަރުކޮށްދިނުމަކީވެސް އެ ސިޔާސަތުގެ މަގުސަދެއްކަމަށެވެ.

އެހެންކަމުން ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އިކުއިޓީ އާއި ރަހުނުގެ ޝަރުތު އެކީ ނައްތާލައި ވަށާޖެހޭ ހަމަޖެހޭ ވިޔަފާރި ޕްލޭނުތަކަށް ފައިސާ އަދި ވަސީލަތްތައް ހަމަޖައްސައިދޭނެކަމަށް ބުނެފައިވެއެވެ. އަދި އިނޮވޭޓިވް ވިޔަފާރިތަކަށް ބޭރުގައުމުގައި ޖާގަ ހަމަޖައްސައިދޭނެކަމަށާއި އެސްއެމްއީ ރޭޓިންގް ސިސްޓަމެއްވެސް ތައާރަފްކުރާނެކަމަށް ބުނެފައިވެއެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން، ފަސޭހަ ވިޔަފާރި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ އުމުރު ފުރައެއްގެ މީހަކަށްވެސް ތަފާތުކުރުމެއް ނެތި ފުރުސަތުތައް ފަހިވެގެންދާނެއެވެ. އަދި އާ އީޖާދުތަކާއި، ޕޭޓެންޓާއި، ކޮޕީރައިޓާއި، ޓްރޭޑްމާކްތައް ފަދަ އިންޓަލެކްޗުއަލް ޕްރޮޕަޓީގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށް ބުނެފައިވާއިރު، ބޭރު ފައިސާގެ ދަތިކަން ނައްތާލުމާއި ބައިނަލްއަގުވާމީ ޕޭމަންޓު ގޭޓުވޭތަކުގެ ހިދުމަތް ރާއްޖެއިން ލިބޭނެކަން ކަށަވަރުކުރުމަށްވެސަ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ. އާންމުން ކުރަމުންދާ ވިޔަފާރިތަކުން ސަރުކާރުގެ ކުންފުނިތައް ދުރުހެލިކުރުމަށްވެސް މަސައްކަތްކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: