ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ފުރިހަމަ އިތުބާރު ފައިސަލްއަށް؛ އެއީ އިތުބާރު ކުރެވޭ، އިހުލާސްތެރި ގާތް ބޭފުޅެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ފައިސަލް ނަސީމަށް އިތުބާރު ކުރައްވާކަމަށާއި، އެއީ އިހުލާސްތެރި ތެދުވެރި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބާއި ގާތްވެފައިވާއިރު، ރައީސަށް މިވަގުތު އޮތް އެންމެ ބޮޑު އެއް މަޝްވަރާއަކީ ރަނިންމޭޓަކު ކަނޑައެޅުމާއި ގުޅޭގޮތުންވެ. ތާރީހުތަކުން ހަލަބޮލި، އަދި މީޑިއާތަކުގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވިގެން ދިޔަ ނައިބު ރައީސުންތަކަށް ފަހު ފައިސަލް އަކީ މީޑިއާތަކުގައި އިދިކޮޅަށް ވެސް ފާޑުވިދާޅު ނުވާ އަދި ސިޔާސީ ބޮޑެތި މައްސަލަތަކަށް މާބޮޑަށް ވަދެވަޑައިނުގަންނަވާ ބޭފުޅެއްކަން ފާހަގަކުރެވެ އެވެ.

ރޭ އިފްތިތާހު ކުރި ފައިސަލްގެ ބައޮގްރަފީގައި، އެމަނިކުފާނަށް ތައުރީފު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އެއީ އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ ބޭފުޅެއް ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކުގައި ސަރުކާރުގެ ތެރެއިން ކުރެވުނު މަސައްކަތުގެ ތަޖުރިބާ ހިއްސާ ކުރައްވައި ރައީސް ވިދާޅުވީ، ފައިސަލްއަކީ ބަޔަކު ބުނާހަ ބަހަށް ރުހި ގަބޫލުވެ އެގޮތަށް އަމަލު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. ފައިސަލް އަކީ ކުރައްވާ ކޮންމެ މަސައްކަތެއް ވެސް ވަރަށް ފަރުވާތެރިކަމާއި އެކު، އަމާނާތެރިކަމާއި އެކު ފުރިހަމަ ކުރައްވާ ބޭފުޅެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފައިސަލްގެ އެންމެ ރަނގަޅު ސިފަތަކުގެ ތެރޭގައި އެންމެ މަސްލަހަތަށް ފައިދާ ހުރި ގޮތަށް ބަލައި ކަންކަން ނިންމެވުން ހިމެނޭ ކަމަށެވެ. އަދި އެމަނިކުފާނަކީ ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަތުމަށް އެންމެ ރަނގަޅު އެއް އެކުވެރިޔާކަމަށާއި ބަހައްޓަވާ ގާތްކަމާއި އެ އިހުލާސްތެރިކަމަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ފައިސަލް މިއަދު ވަނީ، ރައީސް ސޯލިހަށް ތައުރީފު ކުރައްވައި އެމަނިކުފަނަކީ ދިވެހިންނަށް ވެރިއެއްގެ ގޮތުގައި ލިބުނު ނަސީބެއްކަމަށް ފާހަގަކުރައްވާފަ އެވެ. ފައިސަލް ވިދާޅުވީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކުރެއްވި މަސައްކަތްތަކާއި، އެ ހިދުމަތްތައް އަދި ހޯދައިދެއްވި ހަމަޖެހޭ ފަސޭހަ ދިރިއުމަށް އެމަނިކުފާނަށް އިތުރު ދައުރެއް ދިނުމަށް ދެވަނަ ވިސްނުމެއް ގެންގުޅެން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި ރައީސަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމާއި، އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާނެކަމަށް މާ ކުރިން ވެސް ހާމަކުރައްވާފައިވާނެކަމަށް އިޝާރާތްކޮށް ފައިސަލް ވިދާޅުވެފައި ވަނީ، އެއީ އެއްވެސް ހާލަތެއްގައި ބަޔަކު ނުވަތަ ވަކި ބޭފުޅަކު އެދިގެން ނިންމެވި ނިންމުމެއް ނޫން ކަމަށެވެ.

ރަނިންމޭޓާއި މެދު އުފެދިފައިވާ ސުވާލުތަކުގައި، އެންމެ މަސްލަހަތު ހުރި ގޮތަކީ ފައިސަލްއަށް އެ ފުރުސަތު ދިނުންކަމަށް ބައެއް މީހުން ދެކޭކަމަށް ވާހަކަ ދެކެވޭތީ ފައިސަލް ވިދާޅުވީ އެކަމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. ބޭނުން ވަނީ ރައީސް ސޯލިހާއި އެކުގައި މަސައްކަތް ކުރުމަށްކަމަށާއި، އެކަމުގައި ގޮތް ނިންމަވާނީ ރައީސްކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އޭނާގެ ވަކި ޝަރުތުތަކެއް ނެތްކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެސް ވަނީ ވަރަށް ފަހުން ރަނިންމޭޓާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ލީޑާޝިޕާއި އެކަމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށާއި މިވަގުތުގެ އެންމެ ބޮޑު އެއް ފޯކަސްއެއް ހުރި ވެސް އެ ނިންމެވުމުގެ މައްޗަށް ކަމަށެވެ.

އަންނަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފޯމަށް ހުށަހެޅުމަށް ހުޅުވާލާއިރު، އެ ފޯމުގައި ކޮންމެ ކެނޑިޑޭޓެއް ވެސް ރަނިންމޭޓުގެ ނަން ހިމަނަން ޖެހޭނެ އެވެ. އެހެންކަމުން ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސްގެ އެ ނިންމެވުން އެނގިގެން ދާނެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: