ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަ ޗިސް ތިސް ކޮށްލިޔަސް، މަ ފިސް ފިސް ކޮށްލިޔަސް ނެތޭ ވޭވޭކަށް ބާގީއަކަށް”

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސިޔާސީ މަސްރަހުގެ ތެރެއިން މިއަދު ފެންނަމުންދަނީ ނުވާނެކަމެއްކަމަށް ގިނަ މީހުންނަަށް މީގެ ކުރިން ގަބޫލުކުރެވިފައިވާ ކަންތައްތަކެކެވެ. ވެރިކަން ކުރާ މައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ފެންނަމުންދާ ކުލަވަރުތަކަކީ ވަރަށްވެސް އާދަޔާ ހިލާފު ކުލަވަރުތަކެކެވެ.

މަޖިލީހުގެ ބޮޑުގޮނޑީގައި އިޝީނދެ އިންނަވައިގެން ވެރިކަން ކުރާ ޕާޓީގެ ތެރޭގައި އެތައް މައްސަލައެއް އުފެއްދިކަމުގެ ރަންވަނަ ލިބިވަޑައިގަންނަވަނީ އެމަނިކުފާނަށް ކަމަށްވާއިރު، ސިޔާސީ މައިދާނުގެ ހަލަބޮލިކަމަކީވެސް އެމަނިކުފާނުގެ އިސް ނެންގެވުމުގެ މަތިން އޮތް ހަލަބޮލިކަމެއްކަމަށް ބުނެވިދާނެ ޖާގަ އިންތިހާއަށް އެބަ އޮތެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ވާދަކުރެއްވިއިރު، ޕާޓީގެ ތެރޭގައި އެތަކެއް މައްސަލަތަކެއް އޮތްކަމަށް ސިފަކޮށް، ޕާޓީގެ އަގުވައްޓާލުމަށް އެތައް މަސައްކަތްތަކެއްކުރެއްވިއެވެ. އޭރު އެ މަނިކުފާނު ހުންނެވީ ހަމަ އެ ޕާޓީގެ ރައީސްގެ މަގާމުގައެވެ. ވިދާޅުވީ، ޕްރައިމަރީއިން ބަލިވެއްޖެ ނަމަ، ގޭގައި އޮންނާނެކަމަށެވެ. އެ ދުވަސްވަރު މިހާރުގެ ރައީސްއަށް ނިސްބަތްކުރައްވާ އެމަނިކުފާނުވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އޭރު އަދި އެމްޑީޕީ އާއިއެކު ކުރިއަށް ދިއުމަށް ފައިވިއްދައިގެން ހުރިނަމަވެސް އެ ޕާޓީގެ ވެރިކަމެއްގައި މަޝްރޫއުތައް އޮތީ އަންނަނީގައިކަމަށް ވިދާޅުވިއެވެ. އަދި އެންމެ ގާތް ފަރާތެއްގެ ގޮތުގައި ފަހު ދުވަހާއި ޖެހެންދެންވެސް ސިފަކުރި ރައީސް ސާލިހު އިންތިހާބު ތަކުން ކާމިޔާބީ ހާސިލުކުރެއްވީ ރިޝްވަތުގެ ބާރުގައިކަމަށްވެސް ސިފަކުރެއްވިއެވެ.

އެ ހުރިހާ ވާހަކަތަކެއް އެ މަނިކުފާނު ހުންނެވީ ފޮރުވައިގެންފަދައެވެ. އަދި ބޭނުން ޖެހޭ ދުވަހެއްގައި ކުޅުއްވާނެ ކާޑެއްގެ ގޮތުގައި ބޭނުންކުރުމަށް ގަސްތުކުރައްވައިގެން ހުންނެވިފަދައެވެ. ޒަމާނުއްސުރެ ރައީސް ސާލިހާއި ދެމެދު ގާތް ގުޅުމެއް އޮތްކަމަށް ބުނެ ދެއްކި ވާހަކަތަކުގެ ފަހަތުގައި ހަގީގަތެއް ނެތްފަދައެވެ. އަބަދުވެސް އެމަނިކުފާނަށް ހަސަދަވެރިކަމެއް ގެންގުޅުއްވާފައިވާފަދައެވެ.

ޕާޓީގެ ރިޔާސީ ޕްރައިމަރީ އިން ބަލިވެވަޑައިގަތުމުން މަސައްކަތްކުރެއްވީ، ޕާޓީގެ ތެރޭގައި ރަސްމީގޮތުން ފެކްޝަނެއް އުފެއްދުމަށެވެ. އެހެންނަމަވެސް އެ ޖާގައެއް ނުލިބުނެވެ. ދެން އެމަނިކުފާނު މަސައްކަތްކުރެއްވީ ޕާޓީއިން މަޖިލީހުގައި ކުރަމުންދިޔަ މަސައްކަތްތަކާއި ދިމާ އިދިކޮޅަށް ކަމަށް މިއަދު އަނބުރާ އެ މަންޒަރުތަކަށް ބެލުމުން ފާހަގަކުރެވެއެވެ. ޗާގޮސް މައްސަލަ ގޯސްވެދިއުމުގައި އެމަނިކުފާނުގެ އިލްމީ ނަޒަރިއްޔާތައް ހިއްސާކޮށްފައިވުން ބޮޑު ރޯލެއް އަދާކުރާއިރު، ޖީއެސްޓީ ބޮޑުކުރުމަށް ހުރަސްތަކެއް އަޅައިގެން ކުރައްވަން މަސައްކަތްކުރެއްވީ ހަގީގަތުގައި ކޮން ކަމެއް ތޯ ސުވާލު އުފެދެއެވެ. ޔަގީނުންވެސް ފާސް ނުވެ ނުދާނެކަން އެމަނިކުފާނަށް ސާފުވާނެއެވެ. އެމްޑީޕީގެ ސުޕާރމެޖޯރިޓީއެއް އޮތްކަން އަދި މަޖިލީހުގައި ބޭނުންކަމެއް ކުރުމަށް ފުރުސަތު އޮތްކަން އެމަނިކުފާނަށްވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްވެސް އެހެން އިންސާނަކު ނުހުންނާނެއެވެ. އެކަމުގެ ސަބަބުންވެސް ވެގެންދިޔަ ހަމައެކަނި ކަމަކީ ވަގުތުތަކެއް ބޭކާރުވެ ރައްޔިތުންގެ ހައްގުގައި ކުރެވިދާނެ މަސައްކަތްތައް ހުއްޓިފައިއޮތުމެވެ.

ދެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ތާއީދުކުރައްވާ މެމްބަރުން އެމްޑީޕީ އާއި ވަކިވެ ކުރަން ފެށި މަސައްކްތްތަކަކީ އައު ޕާޓީއެއް ވުޖޫދުކުރުމެވެ. މަޖިލީސް ޑެޑްލޮކަކަށް ދިއުމާއިއެކު ރައްޔިތުންގެ އެތައް ވަގުތެއް ބޭކާރުވެގެންދިޔައިރުވެސް އެމަނިކުފާނު އުޅުއްވީ އެކަންކަން އެއީ މަޖަލަކަށް ހައްދަވައިގެންނެވެ. ގައިމު މަޖިލީހުގެ އަގުލަބިއްޔަތުގެ އިތުބާރެއް ނެތެވެ. އަދި މިއަދު ފެންނަމުންދާ މަންޒަރުތަކުން އާންމުންގެ ތެރޭގައިވެސް އެ ވިދާޅުވާ ވަރުގެ އިތުބާރެއް އޮތްކަމަށް ފެންނާކަށް ނެތެވެ. ޑިމޮކްރެޓްސްގެ ނަމުގައި މުޅިން އައު ޕާޓީއެއް ވުޖޫދުކުރިއިރު، ވަކި ކުރިކަމަށްބުނާ 39،000 މެމްބަރުން އެއީ ބިލާހެއް ފަދައެވެ. އަދި ޔަގީނުންވެސް ބޮޑެތި ޖަލްސާތަކުންވެސް ހާހެއްހާ މީހުންވެސް ފެނިގެން ނުދެއެވެ.

މިއަދު ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، ބާރުވެރިކަން ގެއްލިފައިވާކަމަށް ވަރަށް ބޮޑަށްވެސް ސާފުވާން ފަށައިފިއެވެ. ނާށިގަނެއް ހިއްޕަވައިގެން އެކި ފަރާތްތަކުގެ އަރިހަށް ވަޑައިގަންނަވައެވެ. އެންމެ ފުރަތަމަ ނުރަސްމީގޮތުން ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ގާތަށެވެ. އެހެންނަމަވެސް ޝަރުތުތައް ގިނަކަމުން އަދި ޒަމާންވީ ބަރުލަމާނީ އެދުމުގެ ބޮޑުކަމުން އެ ވާހަކަތައް ދިޔައީ ފަނުފުލުންނެވެ. ދެން ޕާޓީ ރަސްމީވަމުންދިޔައިރު، ވާހަކަދައްކަން މަސައްކަތްކުރީ އެމަނިކުފާނުގެވެސް ޝާމިލުވުމާއި ހެޔޮ އެދުންތަކާއިވެސް އެކު ޖަލު ގޮޅިއެއްގައި ދުވަސްތަކެއް ތަހައްމަލުކުރަމުންދާ އަބްދުﷲ ޔާމީންގެ އިދިކޮޅު ކޯލިޝަންގެ ގާތަށެވެ.

އިދިކޮޅާއިއެކު މަސައްކަތްތަކެއް ކުރަމުންދާކަމަށް ފެނިގެންދިޔައިރު، އެކަމުގެ ސަބަބުން އެއްވެސް ނަތީޖާއެއް ނުކުތް މަންޒަރެއް ނުފެނުނެވެ. އިދިކޮޅާއިވެސް އެ ކަމާއިމެދު ސުވާލުތައް ކުރެވިފައިވާއިރު، ރިޔާސީ އިންތިހާބަށް މަސައްކަތްތަކެއް ނުކުރާކަމަށް އިދިކޮޅުން ބުނެއެވެ. ބުނާގޮތުން މަސައްކަތްކުރަމުންދަނީ މިހާރުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. އެ ބުނާ މަގުން ގޮސް އަދި އަދާއިޖެހެންދެންވެސް ވެރިކަމުގެ ތަހުތަށް އެއްވެސް ލޮޅުމެއް އައިސްފައިވާކަމަށް ފާހަގައެއް ނުކުރެވެއެވެ.

މިހެންގޮސް މިއަދު ފެންނަމުންދަނީ އިންތިހާއަށް ތަފާތު ގަބޫލުކުރަން ދަތި މަންޒަރުތަކެކެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދައި ޖަލްސާތަކާއި ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާއިރު، ދާދި ފަހުން އެ ޕާޓީއިންވަނީ ޕްރައިމަރީއަށް ވެސް ހުޅުވާލާފައެވެ. އެހެންނަމަވެސް ރައީސް ނަޝީދުވަނީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިއީވެސް ކޯލިޝަން ހެދުން “ކަޑަ” ކަމަށް ބުނެ އެމަނިކުފާނު ދެއްކެވި ވާހަކަތައް ފަދަ ވާހަކައަކަށްވުންވެސް އެކަށީގެންވެއެވެ. އެހެންނަމަވެސް ޕްރައިމަރީގައި ވާދަނުކުރައްވާނެކަމަށް ވިދާޅުވި ވިދާޅުވުމަށްވުރެ ރައްޔިތުންނަށް ސިހުމެއް ލިބިގެންދިޔައީ އެ ވާހަކަތައް ވިދާޅުވިއިރު، އެމަނިކުފާނު ހުންނެވި ތަނާއި އެކުގައި ތިއްބެވި މެމްބަރުންނެވެ.

އެކުގައި ތިބި މެމްބަރުންނަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ލީޑަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމެވެ. ރައްޔިތުން ސިއްސައިގެން ދިޔައީ މީގެކުރިން އެމަނިކުފާނު ނާޒިމް ފަދަ ބޭފުޅުންނަށް ކުރެއްވި ޖެއްސުންތައް އެނގޭތީއެވެ. ބޮލުގައި ބަޑިޖައްސައިގެން ވެރިކަމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރުކުރުވިކަމަށް ބުނެ ދެއްކެވި ވާހަކަތަކާއި ބަގާވާތެއް ހިންގި ކަމުގެ ތުހުމަތުތައް ރައްދުވާ އެންމެ އިސް އެއް ފަރާތަކީ ނާޒިމްކަމަށްވުމުންނެވެ. މިއަދު އެއްކަލަ ބަގާވާތެއްވެސް ނުހިނގާ ފަދައެވެ. އެ ދުވަހު ކަން ހިނގައިދިޔަ ގޮތް މިހާރު އަމިއްލައަށްވެސް ގަބޫލުކުރެއްވެނީކަމަށްވެދާނެއެވެ. މިއަދު އެއްކޮށް މަސައްކަތްކުރައްވަމުން ދިއުމުން އެމަނިކުފާނު ހަގީގަތުގައިވެސް އަމިއްލަ އިހުތިޔާރުގައި އިސްތިއުފާ ދެއްވިކަމާއިމެދު ގިނަ އަދަދެއްގެ މީހުންދަނީ ސުވާލު ކުރަމުންނެވެ.

އަހަރުތަކެއްވަންދެން “ބާގީ” އަށް ގޮވުވައި ހެއްދެވުމަށްފަހު، މިއަދު މިވަނީ ކިހިނެއްބާއެވެ. އަހަރުތަކެއް ވަންދެން އެމްޑީޕީގެ މެމްބަރުން ލައްވައި އެ ކުރުވީ ކޮން މަސައްތަކެއްތޯއެވެ. މިއަދު ރިޔާސީ އިންތިހާބަށް އެކުގައި ކެނޑިޑޭޓަކު ނެރުމަށް މަޝްވަރާތަކުގައިވެސް ބައިވެރިވަމުންދާއިރު، ދިވެހި ވެރިކަމުގެ ނިޒާމުގެ ތެރެއިން އެމަނިކުފާނު އެންމެ ނައްތާލުމަށް މަސައްކަތްކުރި ޝަހުސިއްޔަތުކަމަށް ފާހަގަކުރެވޭ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އެމްއާރްއެމްއާއިއެކުވެސް މަޝްވަރާތައް ކުރެވިގެންދާނެ ވާހަކަތައް ދެއްކެވިއިރު، ރައީސް ނަޝީދުވެސް ހުންނެވީ ހިނުތުންވެ އަޑުއައްސަވަންށެވެ. މިހާރު ސްޓީލިންގް ޕެރަޑައިސަކީވެސް ކުޅުވި ފިލްމެއް ފަދައެވެ.

އެހެންކަމުން ސުވާލުތަކެއް އުފެދެއެވެ. ރައީސް ނަޝީދަށް އިތުބާރު ކުރެއްވިދާނެތޯއެވެ. އެމަނިކުފާނު ވަށައި އުފެދެމުންދާ ސިޔާސީ ކޮޅިގަނޑުގެ ތެރެއިން އެމްޑީޕީ ވިއްސި ވިހާލިވެގޮސްފައިވާއިރު، ޖޭޕީ އަޑި އެމްއެންޕީއަށް އެކަމުން ރައްކައުތެރިވެވިދާނެތޯއެވެ. ވެރިކަން ވެއްޓިގެންދިޔަ ގޮތާއިމެދު އެމަނިކުފާނު ހައްދަވަމުންދަނީ ދޮގުތަކެއް ނަމަ، ހަގީގަތުގައި ހަވާލުކުރެވޭ ޒިންމާތައް އަދާކުރައްވާނެކަމަށް އިތުބާރު ކުރެއްވިދާނެތޯއެވެ؟ މި ދައުރުގައި މި ޖެހުނު މައްސަލަތައް ތަކުރާރެއް ނުވާނެތޯއެވެ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: