ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެޓް ޖީޕީޓީ: މިއީ ވިސްނުމުގެ ހުނަރުގެ ނިމުންތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ޗެޓް ޖީޕީޓީއަކީ ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ދެކެވޭ ވާހަކައެކެވެ. ހާއްސަކޮށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ދަރާތްތަކަކީ މި އޭ.އައި ޓޫލްގެ ސަބަބުން ކުރާނެ އަސަރުތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ބަޔެކެވެ. މި މޮޑެލް އަކީ ތައުލީމީ ނިޒާމަށް ރަނގަޅު މޮޑެލްއަކަށް ވާނެ ހެއްޔެވެ؟ ނުވަތަ މި ޓޫލް ވެގެންދާނީ  ދަރިވަރުންގެ ވިސްނުމާއި ނިންމުންތައް ނިންމުމުގެ ހުނަރަށް ދެވޭ ނުރައްކާތެރި ހަމަލާއަކަށް ހެއްޔެވެ؟

މި މައުޟޫއާ މެދު ވިސްނާލުމުން، ޚިޔާލުތައް ދަނީ ކަލްކިއުލޭޓަރު އުފެއްދި ޒަމާނަށެވެ. އެ ދުވަސްވަރު މުދައްރިސުންނާއި ބެލެނިވެރިން މިކަމާއި މެދު ކަންބޮޑުވީ، ހިސާބު ޓޭބަލް ހަނދާން ކުރުމުގެ ކުޅަދާނަކަން ކުދިންގެ ކިބައިން ގެއްލިގެން ހިނގައިދާނެތީއެވެ. އެ ޖީލުގެ ދަރިވަރުންނަށް ހިސާބު ޓޭބަލް 1 އިން 20 އަށް ފަރިތަކަމާއެކު ހިތުން ކިޔައިލުމަކީ ފަޚުރެކެވެ. ނަމަވެސް ކަލްކިއުލޭޓަރުތައް އުފެއްދުމާއެކު ހިސާބު ޓޭބަލް ހަނދާނުގައި ބަހައްޓަން ޖެހޭ މިންވަރު ކުޑަވެގެން ދިޔައެވެ. އެދުވަސް މާޒީވެ، ދުނިޔެއަށް އަންނަ ކުރިއެރުމާއި ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އުނގަންނައިދިނުމުގެ ދާއިރާގައި ކުދިންގެ ކިބައިގައި ހުނަރާއި ގާބިލުކަން އުފެއްދުމުގެ ވައްޓަފާޅިއަށް ވެސް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މިހާރު މިއީ ޗެޓް ޖީޕީޓީގެ ޒަމާނެވެ. ޗެޓް ޖީޕީޓީ އަކީ “އާޓިފިޝަލް އިންޓެލިޖެންސް” ބޭނުންކޮށްގެން އުފައްދާފައިވާ އަދި އިންސާނަކު ދޭ ފަދަ ޖަވާބެއް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ވަސީލަތެކެވެ. ބޮޑެތި އުނދަގޫ ސުވާލުތަކަށް ޖަވާބު ދިނުމަށް ޗެޓް ޖީޕީޓީ ބޭނުން ކުރެވިދާނެއެވެ. އެގޮތުން ގޫގުލް ސާރޗަކީ ވެބްގެ މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމުގެ މަޤްޞަދުގައި ބޭނުންކުރާ ވަސީލަތަކަށް ވާއިރު، ޗެޓް ޖީ.ޕީ.ޓީ ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޓެކްސްޓް ބޭސްޑް ނުވަތަ ލިޔުމުން ކުރާ ސުވާލުތަކަށް ވަރަށް ރަނގަޅަށް ދިރާސާކޮށް، އިންސާނަކު ދޭފަދަ ޖަވާބެއް ފޯރުކޮށްދެއެވެ. މި އުފެއްދުމަކީ އިންސާނާގެ ވިސްނުމުގެ ހުނަރު ނިމުމުގެ ފެށުމަކަށް ވެދާނެކަމުގެ ބިރު ތައުލީމީ މާހިރުންނަށް އެބައޮތެވެ. އެހެންކަމުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޔުނިވާސިޓީތަކުގެ ކެމްޕަސްތަކުގައި ޗެޓް ޖީޕީޓީ ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފައެވެ.

ޗެޓް ޖީޕީޓީގެ ސަބަބުން ތައުލީމުގެ މުސްތަގުބަލަށް ކުރާނެ ނޭދެވޭ އަސަރަކީ ކަންބޮޑުވާ ކަމެކެވެ. ވަކިން ހާއްސަކޮށް މީގެ ސަބަބުން ދަރިވަރުންގެ ވިސްނުމުގެ ހުނަރު ބަލިކަށިވުމުގެ ބިރު ބޮޑެވެ. މި މަރުހަލާގައި، މުސްތަގުބަލުގައި ދިމާވެދާނެ ސީދާ ގޮންޖެހުންތައް އަންދާޒާ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ޗެޓް ޖީޕީޓީއަކީ މިފަދަ ހަލަބޮލި ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ ނިމުމެއް ނޫންކަން ޔަގީނެވެ. އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް (އޭޖީ.އައި)، އެކްސްޕްލެއިޓޭބަލް އޭ.އައި (އެކްސް.އޭ.އައި)، ޑީޕް ރިއިންފޯސްމަންޓް ލާނިން (ޑީ.އާރު.އެލް)، ޓްރާންސްފާ ލާނިން ފަދަ ޓެކްނޮލޮޖީތަކަކީ، މިއަށްވުރެ ވެސް އެޑްވާންސް ޓެކްނޮލޮޖީތަކެވެ.

މި ޓެކްނޮލޮޖީތައް ވެސް ވަރަށް އަވަހަށް އަހަރުމެންނާ ހިސާބަށް އަންނާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން މިފަދަ އެޕްލިކޭޝަންތަކުން ޚާއްޞަކޮށް ތަޢުލީމީ ދާއިރާގައި، އިންސާނުންގެ ކުރިއެރުމާއި، އުނގެނުމަށް މަގުފަހިކޮށްދޭކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: