ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮގު ޚަބަރު ފަތުރަނީ ނޫސްވެރިންތައް؟

ޝެއާރކޮށްލާ ކަހަލަދޯ؟

އަބަދުވެސް އަޑު އިވޭ ވާހަކައަކީ ނޫސްވެރިން ދޮގު ޚަބަރު ފަތުރާ ވާހަކައެވެ. ނޫސްވެރިއެއް ވިއްޔާ އެމީހަކާއި ދިމާލަށް ކޮންމެ ވެސް ގޮތަކުން މި ބަސްތައް އަންނަނީ ރަށްދުވަމުންނެވެ. ނޫސްވެރިން ޚަބަރު ފަތުރަނި ގައުމުގެ މަސްލަހަތު ނަގާލުމަށް ފިތުނަ ފަސާދަ އުފެއްދުމަށްކަމަށް ގިނަ ބަޔަކު ޤަބޫލްކުރާކަމީ މީ ފެންނަން އިތް ހަޤީގަތެކެވެ. ކަން މިހެން އިތް އިރު، ނޫސްވެރިން ލިޔާ ޚަބަރުގައި ހިމެނޭ މަޢުލޫމާތަކީ ކޮންމެ މީހަކު ބުނި އެއްޗެއް ނުވަތަ ހިނގި ކަމަކާއި ގުޅިގެން ލިޔާ ޚަބަރެކެވެ.

ރާއްޖޭގައި ސިޔާސި ހަލަބޮޮލިކަން އިތް އިރު، ގިނަ ފަހަރު ޓީވީ ޗެނަލެއް ބަލާ ނަމަވެސް، ހިޔާރު ކުރެވެނީ އެމީހަކު ތާއިދުކުރާ ޕާޓީ ނުވަތަ ތާއިދުކުރާ ބަޔަކުގެ ވާހަކަ ދައްކާ ޗެނަލެއް ބެލުމަށެވެ. ދެން ހުރި ޗެނަލްތައް ނުވަތަ ޚަބަރު ފަތުރާ ވަސީލަތްތަކަކީ ދޮގު ޚަބަރު ޝާއިޢުކުރާ ބަޔަކަށް ވެއެވެ. މިއީ މިކަން އޮންނަން ވާނެ ގޮތް ތޯ؟ އެވެ.

ސިޔާސީ މައިދާނަށް ބަލާއިރުވެސް، އެއް ޕާޓީއިން އަނެއް ޕާޓީއަށް އެއްޗިހި ކިޔާ އުސޫލުން ނޫސްވެރިންނާއި ދިމާލަށްވެސް އެއްޗިހި ކިޔުން ވަނީ އާންމު ކަމަކަށްވެފައެވެ. ނޫސްވެރިން ފަތުރާ ޚަބަރުތަކުގެ ސައްހަަކަން ކަށަވަރު ކުރުމަށް އަބަދުވެސް ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ގިނަ ފަހަރު ނޫސްވެރިންނަށް މަޢުލޫމާތެއް ލިބިގެން ލިޔާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް ބުނެ، ޚަބަރު ފެތުރުމުގައި އާންމުންގެ މެދުގައި މަސްލަހަތު ގެއްލޭ ގޮތަށް ނޫސްވެރިން އަމަލު ކުރާކަަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ.

ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރަންވެސް ތިބީ ހަމަ ސިޔާސީ ބޭފުޅުން ނޫންތޯ؟ އެވެ. އެބޭފުޅުން ބުނާ ވާހަކައަކާއި ގުޅިގެން ނޫސްވެރިންނަށް ރަށްދުވާ ބަދު ބަސްތަކާއި އެ ބޭފުޅުންގެ ޚަބަރު ކަވަރު ކުރުމަށް ގޮސް އުޅޭ ނޫސްވެރިންނަށް ލިބޭ އަނިޔާ ވެސް މަދެއް ނޫނެވެ. ދާދި ފަހުންވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހިރާއެއްގައި ފުލުހުންގެ ސަބަބުން ދެ ނޫސްވެރިއަކަށް ވަނީ އަނިޔާވެފައެވެ. މިފަދަ ގިނަ ކަންކަން ސިޔާސީ ހަރަކާތްތަކުގައި ނޫސްވެރިންނަށް އަންނަނީ ދިމާވަމުންނެވެ.

ނޫސްވެރިން ދޮގު ޚަބަރު ފަތުރާކަމަށް މީހުން ބުނަނީ ވެސް ސިޔާސީ ޚަބަރުތައް ގެނެސްދެވޭ ގޮތުން ކަމަށްވެސް ވެދާނެއެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ތަފާތު ހިޔާލެއްގެ މީހަކަށް ވުމެއެވެ. އެމީހަކު ތާއިދު ކުރާ މީހާ ދައްކާ ވާހަކަ އެއީ ހަގީގަތެއްކަމަށް ބެލޭވޭތީއެވެ. ދެން ތިބި މީހުން އެ ދައްކަނީ ދޮގު ވާހަކަ ކަަމަށް ބެލެވޭތީއެވެ.

ނޫސްވެރިން އަންނަނީ ވަކި ސުރުޚީއެއް ޖެހުމަށް ސުވާލު ކުރުމަށްކަމަށްވެސް ބައެއް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ. ނޫސްވެރިން މަސައްކަތް ކުރަނީ ފައިސާއަށްކަމަށްވެސް ބުނާ މީހުން މަދެއް ނޫނެނެވެ.

ހަގީގަތުގައިވެސް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެބަ އޮތްބާ؟ އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލްގައި ވަނީ މަސްދަރު ހާމަ ކުރުމާއި ބެހޭ ގޮތުން ބިލް އަށް ބަދަލްތަކެއް ގެނައުމަށް ހުށަހަޅާފައެވެ. މިކަމުގެ ސަބަބުން ނޫސްވެރިންގެ ހައްގުތަކެއް ގެއްލޭނެކަމަށް ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގިނަ ފަރާތްތަކުން ޤަބޫލްކުރެއެވެ. 

ނޫސްވެރިންނާއި މުޙާތަބު ކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްކެވި ވާހަކަފުޅެއްގައި، ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ {ށ} އަށް ، ގެނެވުނު އިސްލާހާމެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވޭކަމަށާއި އެކަމާގުޅޭގޮތުން މީޑިއާގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. ނޫސްވެރިކަމަށް ޤާނޫނީ ހުރަހެއްގެ ގޮތުގައި ކުރިން، “އަބުރު ރައްކާތެރިކުރުމުގެ ނަމުގައި” އޮތް ޤާނޫނު މި ސަރުކާރުން އުވާލައްވައި ނޫސްވެރިންނަށް މިކަމުގައި އޮތް ކަނބޮޑުވުން ވެސް ޙައްލުކޮށްދެއްވިންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލު ކުރަމުން އަންނަ ހެއްކާއި ބެހޭ ގާނޫނުގެ ސަބަބުން ކޯޓުގައި ކުރިޔަށް ދާ ބޮޑެތި މައްސަލަތައް ގާނޫނީ އިޖުރާއަތްތަކުގެ ސަބަބުން ބޭރުކޮށްފައި އެބަހުއްޓެވެ. ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ހެއްކާއި ބެހޭ ބިލުގައި 151 މާއްދާ ހިމެނޭއިރު، އޭގެ ތެރޭގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވިގެންވާ ގޮތްތަކާއި އަދި ހެކި ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައި ވެއެވެ. މި ބިލުގައި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރަން ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާ އާއި ގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

މި މާއްދާތަކުގެ ތެރެއިން ނޫސްވެރިން ޚަބަރުތަކާއި، ރިޕޯޓުތައް ގެނެސްދޭއިރު މައުލޫމާތުތައް ހޯދާ މަސްދަރުތައް ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހިމަނާފައިވެއެވެ.

ބިލް މަޖިލީހަށް ހުށަހެޅިއިރު 136 ވަނަ މާއްދާގައި ބުނެފައި ވަނީ  މަސްދަރު ހާމަ ކުރުމުގެ ސަބަބުން، އެމީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އަދި މަސްދަރު ހާމަކުރަން ނޫސްވެރިޔާއަށާއި، ނޫސްވެރިޔާ މަސައްކަތްކުރާ މީޑިއާގެ އިސްވެރިންނަށް ވެސް މަޖުބޫރު ކުރުމުގެ އިހުތިޔާރާއި ބާރު ފަނޑިޔާރުންނަށް ލިބިދޭނެ ކަމަށެވެ.

ބިލިގައި، އެ ގާނޫނުން އިމްތިޔާޒް ލިބިގެންވާ މުއާމަލާތްތައް 16 ވަނަ ބާބުގައި ބަޔާން ކުރެ އެވެ. އެއީ 136 ވަނަ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު ކަނޑައަޅާފައިވާ ބައެއް ކަންކަމަށް ވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަ ވެވޭނަމަ، ނޫސްވެރިއާއަށް އެ މައުލޫމާތު ދިން މަސްދަތު ޝަރީއަތް ހާމަކުރުމަށް ނޫނަމަވެސް، ހަމަ އެ މާއްދާގެ (ށ) ގައި އެ އިމްތިޔާޒް އިސްތިސްނާ ކުރެވިދާނެ ހާލަތެއް ވަނީ ބަޔާންކޮށްފައެވެ.

ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރަން ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެކަމަށް އެ ބިލުގައި ބުނެފައި ވެ އެވެ. އެ ނަމްބަރުގައި ވަނީ:

  1. ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.
  2. ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވާގިއާއެއް ނުވަތަ ރައުޔެއް އާންމުންނާ ހަމައަށް ގެނައުމާމެދު އަދި ވާގިއާތަކުގެ މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.

ހެއްކާއި ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު މަސްދަރު ހާމަ ކުރުމާއި ބެހޭ ގޮތުން ބިލްގައި ހިމަނާފައިވާ މާއްދާއަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެ އިސްލާހުތަކަށް އިޝާރާތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލްގައި ނޫސްވެރިންނަށް މަސްދަރު ހާމަ ކުރުން މަޖުބޫރު ނޫން ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ރައްިޔތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ހެއްކާއި ބެހޭ ބިލްގައި މަސްދަރު ހާމަ ކުރުމާއި ބެހޭ ގޮތުން ނޫސްވެރިން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށާއި ޝަރީއަތުން އެންގުމުން މަސްދަރު ހާމަ ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވާ ރައީސް ސާލިހު ވަނީ، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތްނަމަވެސް ނޫސްވެރިން ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަޑުގެ ތެރޭގައި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމުގައި ކުރިޔަށްދިއުމަށް އެދިވަޑައިގެންފައެވެ. ރާއްޖޭގެ ނޫސްވެރިންނަށް ބޭނުންވާ ހުނަރާ ، ޤާބިލްކަމާ ، ތަމްރީނު ، ލިއްބައިދިނުމަށް ކުރިޔަށްވުރެ ބޮޑަށް، މިހާރު މަސައްކަތް ކުރަންޖެހޭ ކަން ފާހަގަކުރައްވައި އެކަމުގައި ސަރުކާރާ އަދި ވަކިން ޚާއްޞަކޮށް ބްރޯޑްކާސްޓިންގ ކޮމިޝަނާ ، މީޑިއާ ކައުންސިލްގެ ދައުރުގެ މުހިއްމުކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

ސަރުކާރު ދެކެ ހިތްހަމަނުޖެހުމުން އިދިކޮޅު ފަރާތްތަކުގެ އިނގިލި އަބަދުވެސް ދިއް ކުރާ ބަޔަކަށް ނޫސްވެރިންނާއި، ގައުމު ސަލަމާތާއި ރައްކާތެރިކަން ހިމާޔަތްކުރަން ތިބި ފުލުހުންނާއި ސިފައިންނަށް އަމާޒުވެއެވެ. މިއީ މިކަން އޮންނަންވީ އެންމެ ރަނގަޅު ގޮތް ތޯ؟ އެވެ. ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި މަސްލަހަތު ނަގާލާ ބަޔަކަށް ވާނީ ނޫސްވެރިންނާއި ފުލުހުންނާއި ސިފައިންތޯ؟ އެވެ. އެއްކޮޅުން ނޫސްވެރިން ޚަބަރުތައް ގެނެސްދޭ އިރު، ފުލުހުންނާއި ސިފައިންނަކީ ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވާ ބޮޑު މައްސޫލިއްޔަތެއް އަދާ ކުރާ ފަރާތެކެވެ. ނަމަވެސް ކޮންމެ ސަރުކާރެއްގައިވެސް ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް މި ދެ މުއައްސަސާ ގޯސްވެ ރައްޔިތުންގެ މެދުގައި ނޫސްވެރިނަށާއި، ފުލުހުންނާއި ސިފައިންނާއި މެދު އޮންނަ އިތުބާރު ގެއްލި، ނޫސްވެރިން ފަތުރާ ޚަބަރުތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކަށް ވުމަކީ ނުސްވެރިއެއްގެ ހައިސިއްޔަތުން ކަންބޮޑުވުން ހުރި ކަމެކެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: