ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަންޏަށް ފައިސާ ނަގައިގެން މިނިވަންކަން ދެމެހެއްޓި އެއްވެސް ގައުމެއް ތާރީހު ދެކިފައެއް ނެތް: އަލީ ހުސައިން

މެމްބަރު އަލީ ހުސައިން އަދި ޖޭޕީގެ އިސް މެމްބަރުން: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ބަޔަކު އަތުން ތާއަބަދު ސަލާންޖަހައިގެން ދަރަންޏަށް ފައިސާ ހޯދައިގެން މިނިވަންކަން ދެމެހެއްޓި އެއްވެސް ގައުމެއް ދުނިޔޭގެ ތާރީހު ދެކިފައިނުވާކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބިގޮސްފައިވަނީ މީގެ 58 އަހަރުކުރިންކަމަށެވެ. އެހެންނަމަވެސް 58 އަހަރު ފަހުން މިއަދު އެބުނާ މިނިވަންކަމާއިމެދު ސުވާލު އުފައްދަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަލީ ހުސައިން ވިދާޅުވީ، ގައުމެއްގެ މިނިވަންކަން ފެށިގެން އަންނަ ހިސާބަކީ ކެރި ފޯރުންތެރިކަން ލިބިގެންދާ ހިސާބުކަމަށް އޭނާ ދަންނަވާފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެބަޔަކު އަމިއްލަ އަތުންކުރި މަސައްކަތަކުން ނޫނީ ދުނިޔޭގެ އެއްވެސް ތަހުޒީބު ގައުމެއް ކުރިއަރައިގޮސް މިނިވަންކަންމަތީ ދެމި އޮވެފައެއް ނެތްކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، އެހެން ބަޔަކަށް ބަރޯސާވެ އެހެން ބަޔަކު ކުރާ މަސައްކަތަކުން ފައިދާއެއް ހޯދައިގެން އަދި އެހެން ބަޔަކު އަތުން ތާއަބަދު ސަލާން ޖަހައިގެން ދަރަންޏަށް ފައިސާ ނަގައިގެން މިނިވަންކަން ދެމެހެއްޓި އެއްވެސް ގައުމެއް ދުނިޔޭގެ ތާރީހު ދެކިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން އެންމެ ފުރަތަމަ ހޯދައި ކަށަވަރުކުރަންޖެހެނީ ސަރައްދީ މިނިވަންކަންކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރަންޖެހިފައިވާކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، އެ މިނިވަންކަމަށް މި ފަހުން ބުރުއެރީ ކޮން ސަރުކާރެއްގެ ވެރިކަމެއްގައި ކަމާއިމެދު ރައްޔިތުން ވިސްނަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުން ސާފުކޮށް ކަނޑައެޅިފައިވާ 200 ނޯޓިކަލް މޭލުގެ ސަރަހައްދުން ބައެއް ގެއްލިގެންދިޔައީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކަން ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، މިނިވަން ގައުމެއްގެ ގޮތުގައި އޮންނަ ނަމަ ގައުމު ވަށައިގެންވާ ބޯޑަރު ރައްކައުތެރިކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އަވައްޓެރި ގައުމާއި ދެމެދު އޮންނަނީ ކަނޑު ނުވަތަ ބިން ނަމަވެސް އެ ބޯޑަރެއް ރައްކައުތެރިކުރަން ކުރެވޭނެ އެންމެހާ މަސައްކަތެއް ކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެ ގައުމެއްގެ ބޯޑަރު ކަނޑައަޅާނީ ރައްޔިތުންކަމަށާއި އެ ބޯޑަރު ހިމާޔަތްކުރުމަށް މަސައްކަތްކުރާނީވެސް އެ ގައުމެއްގެ ރައްޔިތުންކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިންނަށް ލިބިފައިވާ ތަނެއް “އަމޭ” ބުނެ ދޫކޮށްލުމުން އެތަނެއް ހިމާޔަތްކުރާނެ އަދި ސަލާމަތްކުރާނެ އިތުރު އެއްވެސް ބަޔަކު ނުތިބޭނެކަމަށެވެ.

އޭނާ ވިދާޅުވީ، މި ވެރިކަމުގައި އެ ބޯޑަރުގެ ރައްކައުތެރިކަން ކަށަވަރު ކުރެވިފައިނުވާކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، އެހެންކަމުން މިނިވަންކަމުގެ ވާހަކަތައް ދައްކާއިރު، ރާއްޖެ ބޭރު ގައުމުތަކުގެ ނުފޫޒުތަކުން ސަލާމަތްކުރެވިފައިވާކަމުގެ އިހުސާސްތައް ކުރެވިގެން ނުދާކަމަށެވެ. އޭނާ ވިދާޅުވީ، މިނިވަންކަމަށްޓަކައި ދިވެހި ކާބަފައިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ބޮޑު ތަކުރުފާނާއި ދޮން ބަންޑާރައިންގެ ޖިހާދާއި ޝަހީދު ހުސައިން އާދަމްގެ ޒިކުރާ އާކުރަންޖެހޭކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، މިނިވަންކަމަށްޓަކައި މަސައްކަތްކޮށް ގުރުބާންވުމަކީ ވަކި ޖީލެއްގެ މައްޗަަށް ވަކި ޒަމާނެއްގައި އެޅިގެންދާ ޒިންމާއެއް ނޫންކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށެވެ. އޭނާ ވިދާޅުވީ، މިނިވަންކަން ދިފާއުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ ކޮންމެ ޒަމާނެއް އަދި ކޮންމެ ޖީލެއްގައިވެސް ކުރެވި ކުރިއަށް ގެންދަންޖެހޭ މަސައްކަތްތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތުގެ އެންމެ މުހިންމު އަނެއް ބިންގަލަކީ އިގްތިސާދީ ރައްކައުތެރިކަން ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، އިގްތިސާދީ ގޮތުން ފުދުންތެރިކަން ހާސިލުކުރުމަށްޓަކައި ރާއްޖެއިން އިންތިހާއަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަމަށެވެ. އޭނާ ވިދާޅުވީ، މިއަދުވެސް ދިވެހިރާއްޖެ އޮތީ އިގްތިސާދީ ގޮތުން މީގެ އެތަކެއް ޒަމާނެއް ކުރިން އޮތް ހާލަތުގައިކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، ހިކި މަސްކޮޅު ބޭރުކުރަންޖެހެނީ ސްރީލަންކާށްކަމަށެވެ. އެހެންނަމަވެސް ލަންކާއިން އެ މަހުން ކައްޓަ ސަންބޯލް އުފެއްދުމަށްފަހު ރާއްޖެއަށް އަނބުރާ ފޮނުވާކަމަށާއި އެ ހިސާބުން ހަގީގަތުގައި އެ މަހުގެ ބޭނުންކުރަނީ ދިވެހިންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަލީ ހުސައިން ވިދާޅުވީ، އިގްތިސާދީ މިނިވަންކަން ހާސިލުކުރަން ބޭނުންވާނަމަ ދިވެހިރާއްޖެއިން ކުރަންޖެހޭ ކަމަކީ އަމިއްލަ އަތުން މަސައްކަތްކުރަން ފެށުންކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ހާސިލުކުރަން ބޭނުންވާ ނަމަ އަމިިއްލަ އަތުން ކުރި މަސައްކަތަކުން ނޫނީ ލިބޭނެ ނަފާއެއް ނޯންނާނެކަން ދަރަނީންނަށް ދަސްކޮށްދޭންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: